Ads by Stelco

ޚަބަރު

މިދިޔަ ޑިސެމްބަރު މަހު އިޖުތިމާޢީ ވުޒާރާއަށް ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ 53 މައްސަލަ ރިޕޯޓުކޮށްފައިވޭ

މިދިޔަ ޑިސެމްބަރު މަހު އިޖުތިމާޢީ ވުޒާރާއަށް ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ 53 މައްސަލަ ރިޕޯޓުކޮށްފައިވޭ

އަނިޔާކުރުން--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

02 ފެބްރުއަރީ 2026، 01:07

02 ފެބްރުއަރީ 2026، 01:07

މިދިޔަ ޑިސެމްބަރު މަހު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 53 މައްސަލަ ރިޕޯޓުކޮށްފައިވާކަމަށް އެ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނިއްކަ ކުރުމުގެ މައްސަލައެވެ. އެގޮތުން، ޖިންސީ ހާނިއްކަ ކުރުމުގެ ޖުމްލަ 16 މައްސަލައެއް މިދިޔަ ޑިސެންބަރު މަހު އިޖްތިމާޢީ ވުޒާރާއަށް ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ އަންހެނުންނާއި ގުޅޭ 16 މައްސަލައެއްކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން، ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވާ މައްސަލައަކީ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލައެވެ. އެގޮތުން، މި ބާވަތުވެ 15 މައްސަލައެއް މިދިޔަ ޑިސެންބަރު މަހު އެ ވުޒާރާއަށް ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ އަންހެނުންނާއި ގުޅޭ 14 މައްސަލައަކާއި ފިރިހެނުންނާއި ގުޅޭ 01 މައްސަލައެވެ. 

ހަމަ އެހެންމެ، މީގެ ތެރޭގައި ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ 13 މައްސަލައާއި، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 04 މައްސަލައާއި، ޖިންސީ ފުރައްސާރަކުރުމުގެ 02 މައްސަލައާއި، ޖިންސީ ގޯނާކުރުމުގެ 01 މައްސަލައާއި، އިހުމާލުގެ 01 މައްސަލައާއި، މުދާ ހިފެއްޓުމާއި މުދަލަށް ގެއްލުންދިނުމުގެ 01 މައްސަލަ ހިމެނޭކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، އަންހެނުންނާއި ގުޅޭ 50 މައްސަލައަކާއި ފިރހެނުންނައި ގުޅޭ 03 މައްސަލަކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450