Ads by Stelco

ޚަބަރު

މާލޭގައި އަންހެނެއްގެ ގައިގައި ދަތްއެޅި މީހަކު ޖަލަށްލާން ހުކުމްކޮށްފި

މާލޭގައި އަންހެނެއްގެ ގައިގައި ދަތްއެޅި މީހަކު ޖަލަށްލާން ހުކުމްކޮށްފި

މާފުށީ ޖަލު ފޮޓޯ:އަވަސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

02 ފެބްރުއަރީ 2026، 03:55

02 ފެބްރުއަރީ 2026، 03:55

މާލޭގެ ނަލަހިޔާ ރެސިޑެންސްއަށް ދަންވަރު ވަގުތު ވަދެ، އެގޭގައި ދިރިއުޅޭ އަންހެނެއްގެ ގައިގައި ދަތްއަޅައި އަދި އިތުރު މީހަކަށް އަނިޔާކުރި މައްސަލައިގައި މީހަކު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ މ. ނިއުބްލޫ، އަލީ މުއައްޒަމްގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ އަނިޔާއެއް ދިނުމުގެ ދެ ދައުވާއާއި، އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާއެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އަލީ މުއައްޒަމް ވަނީ އޭނާގެ މައްޗަށް ކުރި ހުރިހާ ދައުވާތަކަށް އިއުތިރާފުވެފައެވެ. އެހެންކަމުން، މި މައްސަލަތައް ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ އަވަސް ނިޔާގެ މައްސަލަތަކެއްގެ ގޮތުގައެވެ.

އަލީ މުއައްޒަމްގެ މައްޗަށް ކުރި ފުރަތަމަ ދައުވާއަކީ ނަލަހިޔާ ރެސިޑެންސްގައި ދިރިއުޅޭ އަރިއަތޮޅު ފިރިހެނަކަށް އަނިޔާކުރި މައްސަލައެވެ. މި ކުށުގެ އަދަބެއްގެ ގޮތުން ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ކަނޑައެޅި ނަމަވެސް، ޝަރީއަތުން ވަނީ އެ އަދަބު ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމަކާއި 9,600 ރުފިޔާގެ ޖޫރިމަނާއަކަށް ލުއިކޮށްދީފައެވެ.

ދެވަނަ ދައުވާއަކީ އެގޭގައި ދިރިއުޅޭ އަންހެން މީހާގެ އަތުގައި ދަތްއަޅައި އަނިޔާކުރި މައްސަލައެވެ. މި ދައުވާއަށް އިއްވި އެއް މަހާއި ހަ ދުވަހުގެ ހުކުމް ވެސް ޝަރީއަތުން ވަނީ ލުއިކޮށްދީފައެވެ. އެގޮތުން މި ކުށަށް އޭނާއަށް އިއްވީ 18 ދުވަހުގެ ޖަލު ހުކުމަކާއި 800 ރުފިޔާގެ ޖޫރިމަނާއެކެވެ.

މީގެ އިތުރުން، އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގައި އޭނާގެ މައްޗަށް އިއްވި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމް ވެސް ވަނީ ލުއިކޮށްދީފައެވެ. މި ކުށުގެ އަދަބެއްގެ ގޮތުން މިހާރު ކަނޑައަޅާފައިވަނީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމަކާއި 3,600 ރުފިޔާގެ ޖޫރިމަނާއެކެވެ.

މި ހާދިސާއަކީ މާލޭގެ އަމާންކަން ގެއްލޭ ގޮތަށް ހިނގާފައިވާ ނުރައްކާތެރި އަމަލެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450