ދުނިޔެ

އެމެރިކާގެ ސަލާމަތަށް ނުރައްކާވާކަމަށް ކުރާ ތުހުމަތުތައް ކިއުބާއިން ދޮގުކޮށްފި

އެމެރިކާގެ ސަލާމަތަށް ނުރައްކާވާކަމަށް ކުރާ ތުހުމަތުތައް ކިއުބާއިން ދޮގުކޮށްފި

ކިއުބާގައި ކުރިއަށްދިޔަ ހިނގާލުމެއްގެ ތެރެއިން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 ފެބްރުއަރީ 2026، 04:43

02 ފެބްރުއަރީ 2026، 04:43

އެމެރިކާގެ ގައުމީ ސަލާމަތަށް ކިއުބާއިން ނުރައްކާ ކުރާކަމަށް ބުނެ އެމެރިކާ ސަރުކާރުން ކުރަމުންދާ ތުހުމަތުތައް ކިއުބާ ސަރުކާރުން ރަސްމީކޮށް ދޮގުކޮށްފިއެވެ.

 ކިއުބާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ގައުމަކީ ޓެރަރިޒަމަށް ތާއީދުކުރާ ގައުމެއް ނޫން ކަމަށާއި، ވޮޝިންގޓަނާއެކު ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރަށް އޮތް ކަމަށެވެ.

ކިއުބާގެ ބަޔާނުގައި ބުނެފައިވަނީ ދެ ގައުމުގެ ދެމެދުގައި ބިނާކުރަނިވި ގުޅުމެއް އޮތުމަކީ ދެ ގައުމުގެ ރައްޔިތުންނަށްވެސް އޭގެ ފައިދާ ކުރާނެ ކަމެއް ކަމަށެވެ. އަދި ބައިނަލްއަގުވާމީ ގާނޫނުތަކުގެ ތެރެއިން، އެކަކު އަނެކަކަށް އިހުތިރާމްކުރާ، ނަތީޖާ ނެރެވޭނެ ފަދަ މަޝްވަރާތަކަކަށް ކިއުބާއިން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށް އެ ގައުމުން ވަނީ ހާމަކޮށްފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ ކިއުބާގެ އިސްވެރިންނާއެކު ސިޔާސީ މުއާމަލާތްތައް އަލުން ފަށާފައިވާ ކަމަށެވެ. ނަމަވެސް، ވެނެޒުއޭލާގެ ލީޑަރު ނިކޮލަސް މަދޫރޯ މަގާމުން ދުރުކުރުމާ ގުޅިގެން، ކިއުބާއަށް ލިބެމުންދިޔަ ތެލުގެ އެހީ ވަނީ ހުއްޓިފައެވެ. އެމެރިކާގެ ސިފައިން ދަނީ ކިއުބާއަށް ތެޔޮ ހިފައިގެންދާ އުޅަނދުތައް ހިފަހައްޓަމުންނެވެ. މީގެ އިތުރުން، މެކްސިކޯއިން ކިއުބާއަށް ތެޔޮ ފޯރުކޮށްދިނުން ހުއްޓުވުމަށްވެސް އެމެރިކާއިން ދަނީ މަސައްކަތް ކުރަމުންނެވެ.

ވައިޓް ހައުސްއިން ދާދި ފަހުން ނެރުނު މެމޯއެއްގައި ކިއުބާއަކީ އެމެރިކާއަށް އޮތް "އާދަޔާ ހިލާފު ބޮޑު ނުރައްކަލެއް" ގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ. އެ ލިޔުމުގައި ތުހުމަތުކޮށްފައިވާ ގޮތުގައި ކިއުބާއިން ދަނީ ޗައިނާ އާއި ރަޝިއާ ފަދަ ގައުމުތަކާ ގުޅިގެން އެމެރިކާގެ ސިޔާސަތުތަކަށް ހުރަސް އަޅަމުންނެވެ. ނަމަވެސް ކިއުބާއިން ބުނަނީ އެ ގައުމުގައި ބޭރުގެ އެއްވެސް އަސްކަރީ މަރުކަޒެއް ނުވަތަ އިންޓެލިޖެންސް ބޭހެއް ނުހުންނާނެ ކަމަށެވެ.

ކިއުބާގެ ފޮރިން މިނިސްޓްރީން ބަޔާން ނިންމާލަމުން ބުނެފައިވަނީ، އެ ގައުމަކީ އެއްވެސް ހަރުކަށި ފިކުރެއްގެ ޖަމާއަތަކަށް ވާގިވެރިވާ ނުވަތަ މާލީ އެހީތެރިކަން ފޯރުކޮށްދޭ ގައުމެއް ނޫން ކަމަށެވެ. އެމެރިކާއިން އަޅަމުންދާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ކިއުބާގައި އިންސާނީ ކާރިސާއެއް އުފެދިދާނެ ކަމުގެ ބިރު މިހާރު ވަނީ ބޮޑުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450