ޚަބަރު
ކޮންމެ އިންތިހާބަކަށް ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ބޮޑު ހޭދައަކީ އިގްތިސާދީ ގޮތުން އުފުލަންޖެހޭ ބުރައެއް: ވަޒީރު އާދަމް ޝަރީފް
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމެއް. ފޮޓޯ: މަޖިލިސް އިދާރާ
ރާއްޖޭގެ ސިޔާސީ ނިޒާމު މިހާރު ތަރުތީބުވެފައި އޮތް ގޮތުން، ކޮންމެ ފަސް އަހަރެއްގެ ތެރޭގައި ތިން އިންތިޚާބު ވަކިވަކިން ބޭއްވުމަކީ ދައުލަތުގެ ބަޖެޓަށް ބޮޑު ބުރައެއް އުފުލަންޖެހޭ ކަމެއް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ މިގޮތަށް އިންތިހާބުތައް ބޭއްވުމުން މުޅި ދައުލަތް "އިންތިހާބީ ހުމެއްގެ" ތެރެއަށް ވެއްޓިގެންދާ ކަމަށެވެ.
ރާއްޖޭގައި ބާއްވާ ބޮޑެތި އިންތިހާބުތައް އެކުއެކީގައި ބޭއްވުމާ ގުޅޭގޮތުން ކުރިއަށްދާ މަޝްވަރާތަކަށް އިޝާރާތް ކުރައްވައި ވަޒީރު ވިދާޅުވީ، ރިޔާސީ އިންތިހާބާއި، ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ އިތުރުން ލޯކަލް ކައުންސިލް އިންތިޚާބު ވަކިވަކިން ބޭއްވުމުގެ ސަބަބުން ގައުމުގެ ސިޔާސީ އަދި އިޖުތިމާއީ މަސްރަހަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމަށެވެ. އަދި މިއީ އިގްތިސާދީ ގޮތުން ދައުލަތުން އުފުލަންޖެހޭ ބޮޑު ބުރައެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
އާދަމް ޝަރީފް ފާހަގަކުރެއްވި ގޮތުގައި، މިގޮތަށް އިންތިހާބުތައް ބޭއްވުމުން ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ގައުމީ އުފެއްދުންތެރިކަމަށް ހޭދަކުރަންޖެހޭ ވަގުތުގެ ބޮޑު ބައެއް ކެމްޕޭންތަކަށް ހޭދަވާން ޖެހުމެވެ. "ފޯރިއެއްގައި އޮތުމުން، ތަރައްޤީގެ މަސައްކަތްތަކަށް ދޭންޖެހޭ ސަމާލުކަން ކުޑަވޭ. އަދި ދައުލަތުން ކުރަންޖެހޭ ޚަރަދުތައް އިންތިހާއަށް އިތުރުވެގެންދޭ،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މުޅި ގައުމަށްޓަކައިވެސް އަދި ރައްޔިތުންނަށްވެސް އެންމެ ފައިދާ ބޮޑީ އިންތިހާބުތައް މަދުކުރުން ކަމަށެވެ. މި ބަދަލާއެކު އިންތިހާބުތަކުގެ ހަރަދު ކުޑަވެ، ސިޔާސީ ހަމަޖެހުމާއި ތަރައްގީގެ މަސައްކަތްތަކަށް އިތުރު ވަގުތު ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު މި ރޭވިފައި އޮތް ގޮތަށް ބަދަލު ގެނައުމަކީ ސަރުކާރު ހިންގާ ޕާޓީން ތާއީދުކުރާ ކަމެއްކަންވެސް ވަޒީރު ހާމަކުރެއްވިއެވެ.
މި ބަދަލުތައް ގެނައުމަށްޓަކައި ސަރުކާރުން މިހާރު ދަނީ ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ އިސްލާހުތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ. މިކަމާ ގުޅޭގޮތުން ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާޙް ވިދާޅުވެފައިވަނީ، އިންތިހާބުތައް އެއްކޮށްލުމާ މެދު އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓު، އަންނަ އަހަރުގެ އޭޕްރިލް މަހު ބާއްވާ ކައުންސިލް އިންތިހާބާ ދިމާކޮށް ނެގުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.