ދުނިޔެ
ޣައްޒާގެ ރަފަހް ބޯޑަރު ހުޅުވި ނަމަވެސް ބޭރަށް ފަރުވާއަށް ދިއުމުގެ ހުއްދަ ދިނީ އެންމެ 5 ބަލިމީހުންނަށް
ބޯޑަރުސަރަޙައްދުގައި ބަލި މީހުން ބޯޑަރު ހުރަސްކުރުމުގެ އިންތިޒާރުގައި
އިޒްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމާއި ގުޅިގެން 20 މަސް ދުވަހަށް ބަންދުކޮށްފައި އޮތް ރަފަހް ބޯޑަރު އަލުން ހުޅުވި ނަމަވެސް، ހާލު ސީރިއަސްވެފައިވާ 450 ބަލިމީހުންގެ ތެރެއިން ބޭރަށް ފަރުވާއަށް ދިއުމުގެ ހުއްދަ ދީފައިވަނީ އެންމެ ފަސް މީހުންނަށް ކަމަށް ޞިއްޙީ ދާރާތަކުން ބުނެފިއެވެ.
ޣައްޒާގެ އަލް-ޝިފާ ހޮސްޕިޓަލުގެ ޑައިރެކްޓަރު ޑރ. މުހައްމަދު އަބޫ ސަލްމިއްޔާ ވިދާޅުވީ، ޣައްޒާއިން ބޭރުން އަވަސް ފަރުވާ ބޭނުންވާ 450 ބަލިމީހަކު އެބަތިބި ކަމަށެވެ. ނަމަވެސް މިއަދު ފުރުސަތު ދީފައިވަނީ އެންމެ ފަސް ބަލިމީހުންނަށާއި އެމީހުންގެ ދެ އެހީތެރިންނަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. "އަޅުގަނޑުމެން ބޭނުންވަނީ ބަލިމީހުންނާއި ޒަހަމްވެފައިވާ މީހުން ފަރުވާއަށް ޣައްޒާއިން ބޭރަށް ފޮނުވޭނެ ސާފު ނިޒާމެއް ގާއިމުކުރަން،" އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވިއެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ބޯޑަރު ބަންދުކޮށްފައި އޮތުމުގެ ސަބަބުން ބޭރަށް ފަރުވާއަށް ނުދެވި 1,268 މީހުން ވަނީ މަރުވެފައެވެ. ޣައްޒާގައި މިވަގުތު 20,000 ބަލިމީހުން ތިބިއިރު، އޭގެ ތެރޭގައި 4,500 ކުޑަކުދިން ހިމެނެއެވެ. މީގެ އިތުރުން 6,000 އަށްވުރެ ގިނަ ޒަހަމްވެފައިވާ މީހުންނަށް އަވަސް ފަރުވާ ބޭނުންވެއެވެ.
ޑރ. އަބޫ ސަލްމިއްޔާ ވިދާޅުވީ ޣައްޒާގެ ޞިއްޙީ ނިޒާމު އިޒްރާއީލުން ވަނީ މުޅިން ސުންނާފަތިކޮށްލާފައި ކަމަށެވެ. ހޮސްޕިޓަލްތަކުގައި ބޭނުންކުރާނެ ޞިއްޙީ ސާމާނާއި މުވައްޒަފުން މަދުވެފައިވާއިރު، އިޒްރާއީލުން ދަނީ އެހީގެ ސާމާނާއި އެމްބިއުލަންސް އަދި ވޮލަންޓިއަރު ޑޮކްޓަރުން އެތެރެވުމަށް ހުރަސް އަޅަމުންނެވެ. "މިއީ އިޒްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ރާވައިގެން ހިންގާ މަރުގެ ހުކުމެއް،" އޭނާ ވިދާޅުވިއެވެ.
މޭ 2024 ގައި އިޒްރާއީލު ސިފައިން ވަނީ ރަފަހް ބޯޑަރުގެ ފަލަސްތީނު ފަޅި ހިފައި، އެތަނުގެ އިމާރާތްތައް ސުންނާފަތިކޮށްފައެވެ. މިއީ ޣައްޒާގެ ރައްޔިތުންނަށް ބޭރު ދުނިޔެއާ ގުޅެން އޮތް ހަމައެކަނި މަގެވެ. ޓްރަމްޕްގެ ސުލްހައިގެ ޕްލޭންގެ ދަށުން ބޯޑަރު ދެފަރާތަށް ހުޅުވާލަން ޖެހުނު ނަމަވެސް، އިޒްރާއީލުން ދަނީ އެ އެއްބަސްވުމާ ހިލާފުވަމުންނެވެ.
ޞިއްޙީ އިދާރާތަކުން އިންޒާރު ދެނީ، ދުވާލަކު މަދުވެގެން 500 ބަލިމީހުންނަށް ފުރުސަތު ނުދީފިނަމަ، ފަރުވާ ނުލިބި މަރުވާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެގެންދާނެ ކަމަށެވެ.