Ads by Stelco

ޚަބަރު

މެދުކަނޑާލާފައި އޮތް މެއި ޖޫން އޭލެވެލް އިމްތިޙާން އަލުން ރާއްޖޭގައި ބާއްވަން ނިންމައިފި

މެދުކަނޑާލާފައި އޮތް މެއި ޖޫން އޭލެވެލް އިމްތިޙާން އަލުން ރާއްޖޭގައި ބާއްވަން ނިންމައިފި

މެއި ޖޫންގެ އޭލެވެލް މެދުކަނޑާލީ 2019 ވަނަ އަހަރު. ފޮޓޯ: ޕީއެސްއެމް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 ފެބްރުއަރީ 2026، 07:45

02 ފެބްރުއަރީ 2026، 07:45

2019 ވަނަ އަހަރަށްފަހު މެދުކަނޑާލާފައިވާ އޭލެވެލް އެޑެކްސެލް މެއި، ޖޫން އިމްތިޙާނު، މިއަހަރުން ފެށިގެން އަލުން ރާއްޖޭގައި ބާއްވާ ގޮތަށް ތަޢުލީމާއި ބެހޭ ވުޒާރާއިން ނިންމަވައިފިއެވެ. މި ނިންމުމަކީ އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވާ ކެންޑިޑޭޓުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

މިކަމާ ގުޅިގެން ތަޢުލީމީ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖޭގައި މެއި، ޖޫން އިމްތިޙާނު ދިނުން ހުއްޓާލުމާ ގުޅިގެން، އެ އިމްތިޙާނު ހަދަން ބޭނުންވާ ކެންޑިޑޭޓުން ރާއްޖެއިން ބޭރަށް ދަތުރު ކުރުމާއި، ހުރުމުގެ ޚަރަދަށް އެކަނިވެސް އެވްރެޖްކޮށް 30,000 ރުފިޔާ އަށްވުރެ ގިނަ ފައިސާ ހޭދަވާކަން ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން، މިކަމަށް ޙައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން ޕްރައިވެޓް ކެންޑިޑޭޓުންނަށް އަމާޒުކޮށް އަލުން ރާއްޖޭގައި އޭލެވެލް އެޑެކްސެލް މެއި، ޖޫން އިމްތިޙާން ބޭއްވުމަށް މިހާރު ވަނީ ހަމަޖެހިފައެވެ.

ތަޢުލީމީ ވުޒާރާއިން އިތުރަށް މަޢުލޫމާތު ދެއްވި ގޮތުގައި، މި އިމްތިޙާނާ ގުޅޭ އިތުރު ތަފްޞީލުތައް މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް (ޑީޕީއީ) މެދުވެރިކޮށް އާންމުކުރަމުން ގެންދާނެއެވެ.

އޭލެވެލް އެޑެކްސެލް މެއި، ޖޫން ސީރީސް އަލުން ފެށި ނަމަވެސް، ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންގެ އޭލެވެލް އިމްތިޙާނު ކުރިއެކޭވެސް އެއްގޮތަށް އޮންނާނީ އޮކްޓޫބަރު/ނޮވެމްބަރު މަހުގައެވެ. މި ބަދަލުގެ ސަބަބުން އަމިއްލަ ގޮތުން އިމްތިޙާނު ހަދާ ފަރާތްތަކަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450