ދުނިޔެ
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ހަސީނާ އާއި އިނގިރޭސި ޕާލަމެންޓް މެންބަރު ޓިއުލިޕް ސިއްދީގަށް ޖަލު ހުކުމެއް
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ހަސީނާ އަދި ޓިއުލިޕް ސިއްދީގް
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އާއި އެކަމަނާގެ އާއިލީ ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަނުގެ މައްސަލަތަކެއް ސާބިތުވެ، އެ ބޭފުޅުން ޖަލަށްލުމަށް ބަންގްލަދޭޝްގެ ކޯޓަކުން ހުކުމްކޮށްފިއެވެ.
މި ހުކުމް އައި ބޭފުޅުންގެ ތެރޭގައި އިނގިރޭސިވިލާތުގެ ލޭބަރ ޕާޓީގެ މެންބަރެއް ކަމަށްވާ ޓިއުލިޕް ސިއްދީގުވެސް ހިމެނެއެވެ.
ޑާކާގެ ސްޕެޝަލް ޖަޖްސް ކޯޓުން ހޯމަ ދުވަހު އިއްވި ހުކުމުގައިވާ ގޮތުން، ވެރިރަށް ޑާކާ ކައިރީގައި އޮންނަ ސަރުކާރުގެ ބިމުގެ މަޝްރޫއަކުން އަމިއްލަ ނަމުގައާއި އާއިލާގެ ނަމުގައި ނުހައްގުން ބިން ހޯއްދެވި މައްސަލައިގައި ޝެއިޚް ހަސީނާ 10 އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ. މި މައްސަލައިގައި ޓިއުލިޕް ސިއްދީގު ހަތަރު އަހަރަށް ޖަލަށްލުމަށް ހުކުމްކުރިއިރު، އޭނާގެ އެއްބަނޑު އެއްބަފާ ދެބޭފުޅުން ކަމަށްވާ އަޒްމީނާ އަދި ރަޟްވާން މުޖީބުގެ މައްޗަށް ވަނީ ހަތް އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.
ޕްރޮސެކިއުޝަނުން ބުނާ ގޮތުގައި، ޓިއުލިޕް ސިއްދީގު ވަނީ އޭނާގެ ބޮޑުދައިތަ ޝެއިޚް ހަސީނާގެ ނުފޫޒު ބޭނުންކޮށްގެން، އޭނާގެ މަންމަ ޝެއިޚް ރެހާނާ އާއި އާއިލާގެ އެހެން މެންބަރުންނަށް ސަރުކާރުގެ މަޝްރޫއަކުން ބިން ހޯދައިދީފައެވެ. ނަމަވެސް ޓިއުލިޕް ސިއްދީގު ވަނީ މި ތުހުމަތުތައް ދޮގުކުރައްވައި، މިއީ ސިޔާސީ މަގްސަދެއްގައި ކުރާ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
ބަންގްލަދޭޝްގެ އަސްކަރިއްޔާއިން މިހާރު ވަނީ ލަންޑަން ފުލުހުންނަށް ގޮވާލައި، ފިލައިގެން އުޅޭ ޓިއުލިޕް އާއި އޭނާގެ އާއިލާގެ މެންބަރުން ހައްޔަރުކޮށް ބަންގްލަދޭޝްގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކާ ހަވާލުކުރުމަށް އެދިފައެވެ. ޝެއިޚް ހަސީނާ 2024 ވަނަ އަހަރު މަގާމުން ދުރުކުރެވުނު ފަހުން އުޅުއްވަނީ އިންޑިއާގައި ހިމާޔަތް ހޯއްދަވައިގެންނެވެ. މީގެ ކުރިންވެސް އެކަމަނާގެ މައްޗަށް އެކި މައްސަލަތަކުގައި ޖުމްލަ 26 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.
މި ހުކުމްތައް އައިސްފައިވަނީ ނޯބެލް ސުލްހައިގެ އިނާމު ހާސިލްކުރައްވާފައިވާ މުހައްމަދު ޔޫނުސްގެ ބެއްލެވުމުގެ ދަށުން ހިނގަމުންދާ ވަގުތީ ސަރުކާރުން ފެބްރުއަރީ 12 ގައި ބޭއްވުމަށް ތައްޔާރުވަމުންދާ އިންތިޚާބާ ދިމާކޮށެވެ. ފާހަގަކޮށްލެވޭ ގޮތުގައި ހަސީނާގެ އަވާމީ ލީގު ޕާޓީ ވަނީ މި އިންތިޚާބުގައި ބައިވެރިވުން މަނާކޮށްފައެވެ.