ދުނިޔެ
އީރާނާއި އެމެރިކާއާ ދެމެދު ނިއުކްލިއާ މަޝްވަރާތައް އަލުން ފެށުމުގެ އުންމީދު ބޮޑުވެއްޖެ
އިރާންގެ ޚާރިޖީ ވަޒީރު ޢައްބާސް އަރަޣްޗީ އަދި ސަޢުދީޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާން
އީރާނާއި އެމެރިކާއާ ދެމެދު އޮތް ނުތަނަވަސްކަން ކުޑަވެ، ނިއުކްލިއާ މަޝްވަރާތައް އަލުން ފެށުމަށް ބޭނުންވާ އޮނިގަނޑެއް އެކުލަވައިލުމުގައި ކުރިއެރުންތަކެއް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް އީރާނުން ބުނެފިއެވެ.
މިކަމާ ގުޅޭގޮތުން އީރާނުގެ ރައީސް މަޝްވަރާތައް އަލުން ފެށުމަށް އަމުރުކުރައްވާފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި މަޝްވަރާތަކުގެ އޮނިގަނޑެއް ފައިނަލް ކުރެވޭނެ ކަމަށް ތެހެރާނުން ލަފާކުރެއެވެ.
އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ހޯމަ ދުވަހު ވިދާޅުވީ، ވޮޝިންޓަނާއެކު އޮތް ނުތަނަވަސްކަން ކުޑަކުރުމަށް ސަރަހައްދީ ގައުމުތަކުން ހުށަހަޅާފައިވާ އެކި ހުށަހެޅުންތައް ދިރާސާކުރަމުންދާ ކަމަށެވެ. "ސަރަހައްދީ ގައުމުތަކުން ދަނީ މެސެޖުތައް ބަދަލުކުރުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރަމުން،" ބަގާއީ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ޑިޕްލޮމެޓިކް މަރުހަލާގެ ތަފްސީލުތައް ނިންމުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި މަޝްވަރާތަކާ ގުޅޭގޮތުން އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވަނީ ސައުދީ އަރަބިއްޔާ، މިސްރު އަދި ތުރުކީގެ އިސްވެރިންނާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފައެވެ. އަދި އީރާނުގެ ރައީސް ޕެޒެޝްކިއާން ނިއުކްލިއާ މަޝްވަރާތައް އަލުން ފެށުމަށް އަމުރުކުރައްވާފައިވާ ކަމަށް ފާރްސް ނިއުސް އެޖެންސީން ވަނީ ރިޕޯޓްކޮށްފައެވެ. މީގެ އިތުރުން، އީރާނުގެ ފޮރިން މިނިސްޓަރު އެމެރިކާގެ މަންދޫބު ސްޓީވް ވިޓްކޮފްއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބައެއް މަސްދަރުތަކުން ބުނެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މީގެ ކުރިން އީރާނަށް އަސްކަރީ ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރު ދެއްވާފައިވީ ނަމަވެސް، މިހާރު ވަނީ އީރާނާއެކު ވާހަކަ ދައްކަމުންދާ ކަމަށް ވިދާޅުވެފައެވެ. އެމެރިކާއާއި ވިލާތުގެ އިއްތިހާދުން ކަންބޮޑުވަނީ އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދަފާނެތީއެވެ. ނަމަވެސް އީރާނުން އަބަދުވެސް ބުނަމުންދަނީ އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމަކީ ހަމައެކަނި މަދަނީ ބޭނުންތަކަށް ހިންގާ ޕްރޮގްރާމެއް ކަމަށެވެ.
މި މަޝްވަރާތައް އަލުން ފެށުމަށް ތައްޔާރުވަމުންދާއިރު، އެމެރިކާގެ މަންދޫބު ވިޓްކޮފް އަންގާރަ ދުވަހު އިޒްރޭލަށް ވަޑައިގެން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މަޝްވަރާތަކަށް އީރާނުން ލެނބިފައިވީ ނަމަވެސް، އެމެރިކާއިން ބައެއް ޝަރުތުތައް ކުރިމަތިކުރަމުންދާ ކަމަށް ރޮއިޓާސްއިން ރިޕޯޓްކުރެއެވެ.