ޚަބަރު
ވަރލްޑް ގަވަރމަންޓްސް ސަމިޓުގައި ބައިވެރވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު ދުބާއީއަށް ފުރާވަޑައިގެންފި
ޚާރިޖީ ވަޒީރު ޑރ ޢަބްދުﷲ ޙަލީލް.
އެކުވެރި ޢަރަބި އިމާރާތް (ޔޫ.އޭ.އީ.) ގެ ދުބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ "ވަރލްޑް ގަވަރމަންޓްސް ސަމިޓް 2026" ގައި ދިވެހި ވަފުދުގެ އެންމެ އިސްވެރިޔެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް މިއަދު ދުބާއީއަށް ފުރާވަޑައިގެންފިއެވެ.
މި ސަމިޓު ކުރިއަށްދާނީ މި މަހުގެ 3 އިން 5 އަށް ދުބާއީގައެވެ.
ވަރލްޑް ގަވަރންމަންޓްސް ސަމިޓަކީ ޔޫ.އޭ.އީ. ގެ ނައިބު ރައީސް އަދި ބޮޑުވަޒީރު، މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމްގެ އިސްނެންގެވުމުގެ މަތިން ކޮންމެ އަހަރު ބާއްވަމުން އަންނަ ބައިނަލްއަޤްވާމީ ބައްދަލުވުމެކެވެ. މިއަހަރުގެ ސަމިޓު ކުރިއަށްދަނީ "ޝޭޕިންގ ފިއުޗަރަ ގަވަރންމަންޓްސް" މި ޝިޢާރުގެ ދަށުންނެވެ. މި ސަމިޓަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ގުޅުން ބަދަހިކުރުމަށް ލިބޭ ވަރަށް މުހިންމު ޕްލެޓްފޯމެކެވެ.
މި ދަތުރުފުޅުގައި ޚާރިޖީ ވަޒީރުގެ އަރިހުގައި ސަރުކާރުގެ އެކި މުއައްސަސާތަކުގެ އިސްވެރިން ހިމެނިވަޑައިގަންނަވައެވެ. މި ވަފުދުގައި ދިވެހިރާއްޖެއިން ޔޫ.އޭ.އީ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޙުސައިން ޝަރީފް، ސަފީރުގެ ނާއިބު ޙައްސާން ވަޙީދު އަދި އެސިސްޓެންޓް ޑިރެކްޓަރ ޢައިޝަތް ލީން ފަޒީޙް ހިމެނިވަޑައިގަންނަވައެވެ.
ޚާރިޖީ ވުޒާރާއިން ވިދާޅުވީ، މި ސަމިޓުގައި ދިވެހިރާއްޖެއިން ބައިވެރިވުމަކީ ރާއްޖެއާއި ޔޫ.އޭ.އީ. އާ ދެމެދު އޮތް ޒަމާންވީ އަޙްވަންތަ ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. އަދި މި ސަމިޓުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
މީގެ އިތުރުން، މިއަހަރުގެ ވަފުދުގައި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަތުމަކީ، ތަރައްޤީގެ އެކިއެކި ސިޔާސަތުތައް ބައްޓަންކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީއާ ގުޅޭގޮތުން ކުރިއަށްދާ މަޝްވަރާތަކަށް ދިވެހިރާއްޖެއިން ދޭ އަހަންމިއްޔަތުކަން ހާމަވެގެންދާ ކަމެއްކަމަށް ޚާރިޖީ ވުޒާރާއިން ފާހަގަކުރައްވައެވެ.