ދުނިޔެ
އިޒްރާއީލުން 777 ފަލަސްތީނު މީހެއްގެ ހަށިގަނޑު ހިފަހައްޓައިފައިވޭ، މިއީ އާއިލާތަކަށް ދޭ އަދަބެއް ކަމަށް ޖޭ.އެލް.އޭ.ސީ އިން ބުނޭ
އިޒްރާއިލުން ޝަހީދުކޮށްލައިފައިވާ ޣައްޒާ ރައްޔިތުންގެ ހަށިތަކެއް
އިޒްރާއީލުގެ އަޅުވެތިކަމުގެ ދަށުގައިވާ ފަލަސްތީނުގެ 777 މީހެއްގެ ހަށިގަނޑު އިޒްރާއީލުން ހިފަހައްޓާފައިވާ ކަމަށާއި، މީގެ ތެރޭގައި އިޒްރާއީލުގެ ޖަލުތަކުގައި އަނިޔާކުރުމާއި ބޭސްފަރުވާ ނުދިނުމުގެ ސަބަބުން ޝަހީދުވި 88 މީހުން ހިމެނޭ ކަމަށް ފަލަސްތީނުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ އަލް-ޤުދުސް ލީގަލް އެއިޑް އެންޑް ހިއުމަން ރައިޓްސް ސެންޓަރު (ޖޭ.އެލް.އޭ.ސީ) އިން ހާމަކޮށްފިއެވެ.
މިދިޔަ ހަފުތާގެ ކުރީކޮޅާ ހަމައަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، އިޒްރާއީލުން ހިފަހައްޓާފައިވާ ހަށިގަނޑުތަކުގެ ތެރެއިން 373 ހަށިގަނޑަކީ 2023 އޮކްޓޯބަރު 7 ގައި ގާޒާގައި ހަނގުރާމަ ފެށި ފަހުން އިޒްރާއީލުގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ހަށިގަނޑުތަކެވެ. މީގެ ތެރޭގައި ޖަލުތަކުގައި ތިއްބާ ޝަހީދުވި 88 މީހުން ހިމެނޭއިރު، އޭގެ ތެރެއިން 53 މީހުންނަކީ ޣައްޒާގެ ރައްޔިތުންނެވެ. އަދި 32 މީހުންނަކީ ހުޅަނގު އައްސޭރީގެ މީހުންނެވެ.
ޖޭ.އެލް.އޭ.ސީ އިން އިޒްރާއީލުގެ ހާރެޓްޒް ނޫހަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ހަށިގަނޑުތައް ހިފަހައްޓަނީ އަސީރުން ބަދަލުކުރުމުގެ މުއާމަލާތްތަކުގައި ބޭނުންކުރުމަށް ކަމަށް އިޒްރާއީލުން ބުނި ނަމަވެސް، މިހާރު އެ އަމަލަކީ ހަމައެކަނި ބަދަލުހިފުމުގެ ގޮތުންނާއި އާއިލާތަކަށް ނަފްސާނީ ގޮތުން އަނިޔާ ދިނުމަށް ކުރާ ކަމެއް ކަމަށެވެ. މި ހަށިގަނޑުތަކުގެ ތެރެއިން 520 ހަށިގަނޑު ބަހައްޓާފައިވަނީ އިޒްރާއީލުގެ އަސްކަރީ މަރުކަޒުތަކުގެ ފިނިކުރި ކޮޓަރިތަކުގައެވެ.
މީގެ އިތުރުން، 256 ފަލަސްތީނު މީހެއްގެ ހަށިގަނޑު ވަޅުލާފައިވަނީ އިޒްރާއީލުގެ ހަތަރު ގަބުރުސްތާނެއްގައި "ނަންބަރު ޖަހާފައިވާ ކައްވަޅުތަކުގައެވެ". މި ކައްވަޅުތަކުގައި އެއްވެސް ނަމެއް ނޯންނައިރު، މީގެ ތެރޭގައި ދެވަނަ އިންތިފާޟާގައި ޝަހީދުވި މީހުންގެ ހަށިގަނޑުތައް ވެސް ހިމެނެއެވެ. އިޒްރާއީލުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބީޓްސެލެމް ޖަމިއްޔާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރު އެކަނިވެސް ހުޅަނގު އައްސޭރިން ޝަހީދުވި 240 މީހުންގެ ތެރެއިން 82 މީހެއްގެ ހަށިގަނޑު ސިފައިން ވަނީ ގެންގޮސްފައެވެ.
އޮކްޓޯބަރު މަހު ހަމާސްއާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން އިޒްރާއީލުން ވަނީ 360 ހަށިގަނޑު ގާޒާއަށް ފޮނުވާފައެވެ. ނަމަވެސް ޖޭ.އެލް.އޭ.ސީ އިން ފާހަގަކުރި ގޮތުގައި އެ ހަށިގަނޑުތަކުން އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް ފެންނަން ހުރިއިރު، ބައެއް ހަށިގަނޑުތަކުގެ ގުނަވަންތައް މަދުވެފައިވެއެވެ. މިގޮތަށް ފޮނުވާލި ހަށިގަނޑުތަކުގެ ތެރެއިން ގިނަ ހަށިގަނޑުތަކަކީ ކާކުކަން ނޭނގޭތީ ވަޅުލާން ޖެހުނީ ވަކިވަކި ފަރުދުންގެ ގޮތުގައި ކަން ފާހަގަކުރެވެއެވެ.