ޚަބަރު
އަނެއްކާވެސް ޤައިދީއަކު ނިޔާވެއްޖެ
ހުޅުމާލެ ހޮސްޕިޓަލް
ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ ޤައިދީއަކު މިއަދު މެންދުރުފަހު ނިޔާވެއްޖެއެވެ. މިއީ މިއަދުގެ ވަގުތެއްގައި ނިޔާވި ދެވަނަ ގައިދީއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މަޢުލޫމާތު ދެއްވި ގޮތުގައި، މިއަދު މެންދުރުފަހު އޭނާއަށް ކުއްލި މެޑިކަލް އެމަރޖެންސީއެއް ދިމާވުމާ ގުޅިގެން، 13:30 ހާއިރު ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް އަވަސް ފަރުވާ ދޭން ވަނީ ފަށާފައެވެ. ނަމަވެސް، ފަރުވާ ދެމުން ދަނިކޮށް 14:05 އެހާއިރު އޭނާ ނިޔާވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ކަރެކްޝަންސްއިން ވިދާޅުވިއެވެ.
ނިޔާވި ޤައިދީ، ހަސަން ނިޔާޒް ނިޔާވުމާ ގުޅިގެން ކަރެކްޝަނަލް ސަރވިސްއިން ވަނީ އެކަން ވަގުތުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި، އޭނާގެ އާއިލާއަށާއި، އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް އަންގާފައެވެ.
މިއަދު ހެނދުނު 9:05 ހާއިރުވެސް ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ އެހެން ޤައިދީއަކު ވަނީ ނިޔާވެފައެވެ. އެ ގައިދީ ނިޔާވީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ނިއުމޯނިއާ ޖެހިގެންނެވެ. އޭނާއަކީ 2025 ވަނަ އަހަރު ސްޓްރޯކެއް ޖެހި، އެކަމަށް ފަރުވާ ހޯދަމުން އައި މީހެއްކަން ފާހަގަކުރެވެއެވެ.