ޚަބަރު
އެމްޓީސީސީގެ މަޝްރޫޢުތަކަށް ބޭނުންވާ މުވައްޒިފުން ހޯދަން ކުޅުދުއްފުށީގައި ވޯކްއިން އިންޓަވިއު ބާއްވަނީ
އެމްޓީސީސީގެ ވޯކްއިން އިންޓަވިއުއެއް ކުރިއަށްދަނީ
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ 50 މުވައްޒަފުން ހޯދުމަށްޓަކައި ހދ. ކުޅުދުއްފުށި ސިޓީގައި ވޯކްއިން އިންޓަވިއުތަކެއް ބޭއްވުމަށް އެ ކުންފުނިން ނިންމައިފިއެވެ. މި އިންޓަވިއުތައް އޮންނާނީ މި މަހުގެ 7 ވާ ހޮނިހިރު ދުވަހުއެވެ.
އެމްޓީސީސީން މަޢުލޫމާތު ދެއްވާ ގޮތުގައި، މި އިންޓަވިއުތައް ކުރިއަށްދާނީ އެ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން ހަވީރު 16:00 އާ ހަމައަށް ކުޅުދުއްފުށި ސިޓީގައެވެ. މި ފުރުޞަތަކީ އެ ސަރަޙައްދުގައި ހުރި ވަޒީފާގެ ފުރުޞަތުތަކަށް ޝައުޤުވެރިވާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ފުރުޞަތެކެވެ.
މި ފަހަރު ހުޅުވާލާފައިވާ މަޤާމުތަކުގެ ތެރޭގައި ޑްރެޖް ކުރޫ، ވެލްޑަރުން، ޑްރެޖް ސުޕަވައިޒަރުން، ޓަގް އޮޕަރޭޓަރުން އަދި ޓަގް ކުރޫ ހިމެނެއެވެ. މީގެ އިތުރުން، މި ދާއިރާއިން ތަމްރީނުވެ ވަޒީފާ އަދާކުރަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް ޑްރެޖް އޮޕަރޭޓަރ ޓްރެއިނީ އަދި ޑްރެޖް މެކޭނިކް ޓްރެއިނީގެ މަޤާމުތަކަށްވެސް މީހުން ނެގުމަށް ވަނީ ހަމަޖެހިފައެވެ.
އެމްޓީސީސީން ވިދާޅުވީ، މި އިންޓަވިއުތަކުގެ މައިގަނޑު މަޤްސަދަކީ ހދ. ނޮޅިވަރަމް އަދި ކުޅުދުއްފުށި ސިޓީގައި ވަޒީފާ ބޭނުންވާ މީހުންގެ ޕޫލެއް އެކުލަވާލުން ކަމަށެވެ. މިއީ އެ ސަރަޙައްދުގެ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދީ، ކުންފުނީގެ މަޝްރޫޢުތަކުގައި ދިވެހިންގެ ބައިވެރިވުން އިތުރު ކުރުމަށް ކުރާ މަސައްކަތެއް ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ.
މީގެ ކުރިންވެސް އެމްޓީސީސީން ވަނީ ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމަށް މިފަދަ އިންޓަވިއުތައް ބާއްވާފައެވެ. އެގޮތުން، ނިމުނު ޖަނަވަރީ މަހުގެ 17 ވަނަ ދުވަހު ޕާޓްޓައިމް އަދި ފުލްޓައިމްކޮށް މަސައްކަތް ކުރާނެ 400 އަށްވުރެ ގިނަ ޑްރައިވަރުން ހޯދުމަށްވެސް ވޯކްއިން އިންޓަވިއުއެއް ބާއްވާފައިވެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ ތަރައްޤީގެ މަޝްރޫޢުތަކެއް ހިންގަމުންދާ އެމްޓީސީސީން އަބަދުވެސް އިސްކަންދެނީ އެ މަޝްރޫޢުތަކަށް ބޭނުންވާ ފަންނީ އަދި ހުނަރުވެރި ދިވެހިން ހޯދައި، ދިވެހިންނަށް ވަޒީފާގެ ކުރިއެރުން ހޯދައިދިނުމަށެވެ.