ޚަބަރު
ކައުންސިލް އިންތިޚާބުގެ އޮފިޝަލަކަށް ވާން އެދޭނެމަ މާޗް 22ގެ ކުރިން ހުށައެޅުމަށް އީސީ އިން އެދިއްޖެ
އިންތިޚާބެއްގެ ވޯޓުލުން ކުރިއަށްދަނީ
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އޮފިޝަލަކަށް ވާން ބޭނުންވާ ފަރާތްތަކުން އަންނަ މާޗް 22 ވަނަ ދުވަހުގެ ކުރިން އިލެކްޝަން ކޮމިޝަން (އީސީ) ގެ މައި ޕޯޓަލް މެދުވެރިކޮށް ހުށައެޅުމަށް އެ ކޮމިޝަނުން އެދިއްޖެއެވެ.
އިންތިހާބަށް ބޭނުންވާ މިންވަރަށް އަދިވެސް އޮފިޝަލުން ލިބިފައި ނުވާތީ، އީސީން ވަނީ ފުރުސަތު އިތުރުކޮށްފައެވެ.
ދައުލަތުގެ މީޑިއާގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އީސީގެ ނައިބު ރައީސް އަބްދުއްރަހްމާން ސޮލާހު ރަޝީދު ވިދާޅުވީ، އިންތިހާބަށް ބޭނުންވާ ވަރަށް އަދިވެސް އޮފިޝަލުން ނުލިބޭ ކަމަށެވެ. އަދި މިހާތަނަށް ލިބުނު ބައެއް އޮފިޝަލުން ތަމްރީނުކުރެވިފައިވީ ނަމަވެސް، ޗުއްޓީ ދުވަސްވަރާ ދިމާވުމުންނާއި އުމްރާގެ އަޅުކަމަށް ބައެއް ފަރާތްތައް ގޮސް ތިބުމުގެ ސަބަބުން ބައެއް އޮފިޝަލުން އަދި ތަމްރީނު ނުކުރެވޭކަން އޭނާ ފާހަގަކުރެއްވިއެވެ.
ސޮލާހު ވިދާޅުވީ، "އަޅުގަނޑުމެން ބޭނުންވާ މިންވަރަށް އަދިވެސް ނުލިބޭ އެހެންނަމަވެސް ޖުމްލަކޮށް ދަންނަވާކަމަށްވާނަމަ ބޮޑު އަދަދަކުން މިހާރު ވަނީ ތަމްރީނުކުރެވިފަ. އަޅުގަނޑުމެން ފުރަތަމަ ފަށައިގަތީ ހުރިހާ ސަރަހައްދެއްގައިވެސް ތަމްރީނުތައް ކުރިޔަށް ގެންދެވޭ ގޮތަށް. އެހެންނަމަވެސް މިދެންނެވި ހާލަތްތައް ދިމާވެގެން ތަމްރީނުތަކުގައި ބައިވެރި ނުވެވުނީމާ އިތުރަށް ތަމްރީނުކުރަން މިޖެހެނީ." ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ޖުމްލަ 7,000 އޮފިޝަލުން ބޭނުންވާއިރު، މިހާތަނަށް ކުރިމަތިލާފައިވަނީ 3,000 އަށްވުރެ ގިނަ ފަރާތްތަކުންނެވެ. މި ބޮޑު ފަރަގު ފޫބެއްދުމަށްޓަކައި އީސީން ވަނީ އޮފިޝަލުން ހޯދުމުގެ މުއްދަތު އިތުރުކޮށް، ވީހާވެސް ގިނަ ފަރާތްތަކުން ކުރިމަތިލުމަށް ބާރުއަޅާފައެވެ.
އީސީގެ ނައިބު ރައީސް ވިދާޅުވި ގޮތުގައި، އޮފިޝަލަކަށް ވުމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ މާރޗް މަހުގެ 22 ވަނަ ދުވަހުގެ 15:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. އަދި އޮފިޝަލުން ތަމްރީނު ކުރުމުގެ މަސައްކަތްތައް މާރޗް 27 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަންނަ އަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބަކީ އިންތިޒާމުތައް ގިނަ މަސައްކަތްތަކެއް ހިމެނޭ ކަމަކަށްވާތީ، ކަނޑައެޅިފައިވާ އަދަދަށް އޮފިޝަލުން ލިބުމަކީ އިންތިޚާބު ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ވަރަށް މުހިންމު ކަމެކެވެ.