ދުނިޔެ

ޖަޕާނަށް ބޯކޮށް ސްނޯ ފޭބުމުގެ ސަބަބުން 30 މީހުން މަރުވެއްޖެ

ޖަޕާނަށް ބޯކޮށް ސްނޯ ފޭބުމުގެ ސަބަބުން 30 މީހުން މަރުވެއްޖެ

ޖަޕާނަށް ކުރިމަތިވެފައިވާ ސްނޯގެ ތޫފާން ފޮޓޯ: ސީއެންއެން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

03 ފެބްރުއަރީ 2026، 03:58

03 ފެބްރުއަރީ 2026، 03:58

ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި ޖަޕާނުގެ ބޮޑު ބަޔަކަށް ބޯކޮށް ސްނޯ ފޭބުމުގެ ސަބަބުން މަދުވެގެން 30 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން އަންގާރަ ދުވަހު ހާމަކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން، ސްނޯގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އުތުރުގެ ސަރަހައްދުތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް މަރުކަޒީ ސަރުކާރުން މިހާރު ވަނީ ސިފައިން ނެރެފައެވެ.

ޖަޕާނުގެ ފަޔަރ އެންޑް ޑިޒާސްޓަރ މެނޭޖްމަންޓް އެޖެންސީން މައުލޫމާތު ދޭ ގޮތުގައި، މި މަރުތައް ހިނގާފައިވަނީ ޖެނުއަރީ 20 އިން ފެބްރުއަރީ 3 އާ ދެމެދުގައެވެ. މި ދުވަސްވަރު ޖަޕާން ކަނޑުގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް އައި ބާރުގަދަ ފިނިވައިގެ ސަބަބުން ބައެއް ހިސާބުތަކަށް ވަނީ އާދަޔާ ހިލާފަށް ބޯކޮށް ސްނޯ ފައިބާފައެވެ. ބައެއް ސަރަހައްދުތަކުގައި ސްނޯ ފޭބި މިންވަރު އާންމުކޮށް ފައިބާ މިންވަރަށް ވުރެ ދެގުނަ އިތުރުވުމުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

މި ހާދިސާގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ އައޯމޯރީ ޕްރިފެކްޗަރ އަށެވެ. ބައެއް ހިސާބުތަކުގައި 4.5 މީޓަރަށް ސްނޯ ފުނިޖެހިފައިވާއިރު، އައޯމޯރީ ސިޓީގެ މަގުމަތީގައި 1.8 މީޓަރުގެ އުސްމިނުގެ ސްނޯގެ ފާރުތައް ވަނީ އުފެދިފައެވެ. އޮފިޝަލުން ވިދާޅުވި ގޮތުގައި، މަގުތަކާއި ފުރާޅުތަކުން ސްނޯ ކަހައި ސާފުކުރުމަށް މަސައްކަތްކުރާ މުވައްޒަފުންނަށް ދަތިވާވަރަށް ސްނޯގެ މިންވަރު ވަނީ އިތުރުވެފައެވެ.

މަރުވި މީހުންގެ ތެރޭގައި އަޖިގަސަވާ އަވަށުގައި ދިރިއުޅޭ އުމުރުން 91 އަހަރުގެ ކީނާ ޖިން ނަމަކަށް ކިޔާ އަންހެނަކު ހިމެނެއެވެ. ފުލުހުން ބުނާ ގޮތުގައި އޭނާ ފެނިފައިވަނީ ގޭގެ ބޭރުގައި އޮތް ބޮޑު ސްނޯ ފުންޏެއްގެ ދަށުން މަރުވެފައި އޮއްވައެވެ. ބެލެވޭ ގޮތުގައި އޭނާ މަރުވީ ފުރާޅުން ސްނޯ ކަހަން އުޅުމުގެ ތެރޭގައި، މަތިން ފޭބި ސްނޯތަކުގެ ދަށުވެ ނޭވާ ހާސްވެގެންނެވެ. އޭނާގެ ހަށިގަނޑު ކައިރިން އެލުމިނިއަމް ފަކީރާއެއް ފެނިފައިވާއިރު، މިއީ އެކަނި ދިރިއުޅޭ ދޮށީ އުމުރުގެ މީހުންނަށް މިފަދަ ހާލަތްތަކުގައި ހުރި ނުރައްކާ ހާމަކޮށްދޭ ހިތާމަވެރި ހާދިސާއެކެވެ.

މި ނުރައްކާތެރި ހާލަތާ ގުޅިގެން ބޮޑުވަޒީރު ސަނޭ ޓަކައިޗީ އަންގާރަ ދުވަހުގެ ހެނދުނު ވަނީ ކެބިނެޓްގެ ހާއްސަ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި އިތުރު ފުރާނައެއް ގެއްލުނަނުދިނުމަށާއި ހާދިސާތައް މަދުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ވަޒީރުންނަށް ވަނީ އިރުޝާދު ދެއްވާފައެވެ. އަދި ސްނޯ ކަހައި ސާފުކުރުމާއި ރެލީފް އެހީ ފޯރުކޮށްދިނުމުގައި ސިފައިންގެ  އެހީތެރިކަން ހޯދުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

އައޯމޯރީގެ ގަވަރުނަރު ސޯއިޗީރޯ މިޔަޝީތާ ވިދާޅުވީ، ސިފައިންގެ އެހީތެރިކަމަށް އެދިވަޑައިގަތީ ހާއްސަކޮށް އެކަނި ދިރިއުޅޭ ދޮށީ އުމުރުގެ މީހުންނަށް އެހީތެރިވުމަށް ކަމަށެވެ. ފުރާޅުތަކުން ސްނޯ ފޭބުމާއި އިމާރާތްތައް ވެއްޓުމުގެ ނުރައްކާ އިންތިހާއަށް ބޮޑުވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޖަޕާނުގެ މޫސުމާ ބެހޭ އިދާރާތަކުން އިންޒާރު ދީފައިވަނީ ކުރިއަށް އޮތް ތަނުގައި ފިނިހޫނުމިން މައްޗަށް ދިއުމުގެ ސަބަބުން ސްނޯ ވިރިގެން ފޭބުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެހެންކަމުން، ފުރާޅުތަކުގެ ދަށުގައި މަޑުނުކުރުމަށާއި ސްނޯ ސާފުކުރުމުގައި އެހެން މީހުންގެ އެހީތެރިކަން ހޯދުމަށް ރައްޔިތުންނަށް ވަނީ އިލްތިމާސްކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450