ދުނިޔެ

ކައުބަތުﷲ ގެފުޅުގެ އުރަކޮޅުގެ ބައެއް ޖެފްރީ އެޕްސްޓީންއަށް ފޮނުވިކަން ހާމަވެއްޖެ

ކައުބަތުﷲ ގެފުޅުގެ އުރަކޮޅުގެ ބައެއް ޖެފްރީ އެޕްސްޓީންއަށް ފޮނުވިކަން ހާމަވެއްޖެ

ކައުބަތުﷲ ގެފުޅުގެ އުރަކޮޅު ބަދަލުކުރަނީ ފޮޓޯ: އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

03 ފެބްރުއަރީ 2026، 04:10

03 ފެބްރުއަރީ 2026، 04:10

އެމެރިކާގެ މަހުޖަނު އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ސާބިތުވެފައިވާ ޖެފްރީ އެޕްސްޓީންއަށް، މުސްލިމުންގެ އެންމެ މުުގައްދަސް ބިނާ ކަމަށްވާ ކައުބަތުﷲ ގެފުޅުގެ އުރަކޮޅު (ކިސްވާ) ގެ ބައެއް ހަދިޔާގެ ގޮތުގައި ފޮނުވާފައިވާކަން ދާދިފަހުން އާންމުކުރި ލިޔެކިޔުންތަކަކުން ހާމަވެއްޖެއެވެ.

މި ލިޔެކިޔުންތަކުގައިވާ ގޮތުން، 2017 ވަނަ އަހަރުގެ ފެބްރުއަރީ އަދި މާރިޗު މަހުގެ ތެރޭގައި ޔޫއޭއީގައި ހަރަކާތްތެރިވާ ވިޔަފާރިވެރިއެއް ކަމަށްވާ އަޒީޒާ އަލް-އަހުމަދީ އާއި އަބްދުﷲ އަލް-މާރީ ނަމަކަށް ކިޔާ މީހަކު ގުޅިގެން ވަނީ ކިސްވާއާ ގުޅުންހުރި ތިން ފޮތިކޮޅު އެޕްސްޓީންއަށް ފޮނުވުމުގެ އިންތިޒާމުތައް ހަމަޖައްސާފައެވެ. ސައުދީ އަރަބިއްޔާއިން ފްލޮރިޑާއަށް މި ތަކެތި ފޮނުވާފައިވަނީ ބްރިޓިޝް އެއާވޭޒް މެދުވެރިކޮށް ކަމަށް އީމެއިލްތަކުން އެނގެއެވެ.

ފޮނުވުނު ތިން ފޮތީގެ ތެރޭގައި ހިމެނެނީ ގެފުޅުގެ އެތެރެއިން ނެގި ފޮއްޗަކާއި، ބޭރުގައި ބޭނުންކޮށްފައިވާ އުރަކޮޅުގެ ބައެއްގެ އިތުރުން، އުރަކޮޅު ތައްޔާރުކުރާ ސާމާނުން ހަދާފައިވާ ނަމަވެސް ބޭނުންނުކުރާ ފޮއްޗެކެވެ. މީގެ ތެރެއިން ބޭނުންނުކުރާ ފޮތިގަނޑު ޝިޕްމަންޓްގައި ހިމަނާފައިވަނީ ކަސްޓަމްސްގެ ކަންކަން ފަސޭހަކުރުމަށްޓަކައި އެއީ "އާޓްވޯކް" ނުވަތަ ފަންނީ ކުރެހުމެއްގެ ގޮތުގައި ދެއްކުމަށެވެ.

އަޒީޒާ، އެޕްސްޓީންއަށް ފޮނުވި އީމެއިލެއްގައި މި ފޮތިގަނޑުގެ ދީނީ މުހިންމުކަން ބަޔާންކުރަމުން ބުނެފައިވަނީ، މިއީ އެތައް މިލިއަން މުސްލިމުންނެއްގެ ކަރުނައާއި، ދުއާއާއި، އުންމީދުތައް ގުޅިފައިވާ ވަރަށް މުގައްދަސް އެއްޗެއް ކަމަށެވެ. ނަމަވެސް، މިހާ މުގައްދަސް އެއްޗެއް ކުށްވެރިއެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ އެޕްސްޓީންއަށް ފޮނުވަން ޖެހުނު ސަބަބެއް ނުވަތަ އެ ދެމީހުންގެ ދެމެދުގައި އޮތް ގުޅުމެއް މި ލިޔެކިޔުންތަކަކުން ސާފެއް ނުވެއެވެ.

މީގެ އިތުރުން، އެޕްސްޓީންގެ އެހީތެރިޔަކު އަޒީޒާއަށް ޑީއެންއޭ ޓެސްޓު ކުރާ ކިޓެއް ފޮނުވާފައިވާކަން ވެސް އީމެއިލްތަކުން އެނގެއެވެ. އަދި 2017 ވަނަ އަހަރު އެޕްސްޓީންގެ އަމިއްލަ ރަށަށް ތޫފާނެއްގައި ގެއްލުންވުމުން، އަޒީޒާ އޭނާގެ ހާލު ބަލައި، އައު ޓެންޓެއް ފޮނުވައިދޭނެ ކަމަށް ބުނެފައިވެއެވެ.

ހަމައެއާއެކު، އެފްބީއައިއިން އާންމުކުރި މެމޯއެއްގައި ބުނެފައިވަނީ އެޕްސްޓީންއަކީ އެމެރިކާ އާއި އިސްރާއީލުގެ އިންޓެލިޖެންސްއާ ގުޅިގެން މަސައްކަތްކުރި މީހެއް ކަމަށެވެ. އަދި އޭނާއަކީ އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު އެހޫދު ބަރާކާ ގާތް ގުޅުމެއް އޮތް، އޭނާގެ ދަށުން ޖާސޫސީ ތަމްރީނު ހޯދާފައިވާ މީހެއް ކަމަށްވެސް އެ ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450