ދުނިޔެ

ޖެނުއަރީ މަހު އިޒްރާއީލުން އަލްއަޤްޞާ މިސްކިތަށް 28 ފަހަރު ވަދެގަނެ، އިބްރާހީމީ މިސްކިތުގައި ބަންގި ގޮވުން 57 ފަހަރު ހުއްޓުވައިފި

ޖެނުއަރީ މަހު އިޒްރާއީލުން އަލްއަޤްޞާ މިސްކިތަށް 28 ފަހަރު ވަދެގަނެ، އިބްރާހީމީ މިސްކިތުގައި ބަންގި ގޮވުން 57 ފަހަރު ހުއްޓުވައިފި

އަލް އަޤްޞާއަށް އިޒްރާއިލް ސިފައިން ވަދެގަނެގެން އުޅޭ މަންޒަރު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 ފެބްރުއަރީ 2026، 06:34

03 ފެބްރުއަރީ 2026، 06:34

ނިމިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އިޒްރާއީލުގެ އިސްތިޢުމާރީ ބާރުތަކާއި ވަޒަންވެރިން އަލްއަޤްޞާ މިސްކިތަށް 28 ފަހަރު ވަދެގަނެފައިވާ ކަމަށާއި، ހިބްރޫންގައި ހުންނަ އިބްރާހީމީ މިސްކިތުގައި ބަންގި ގޮވުން 57 ފަހަރު ހުއްޓުވާފައިވާ ކަމަށް ފަލަސްޠީނުގެ މިނިސްޓްރީ އޮފް އަައުޤާފް އެންޑް ރިލިޖަސް އެފެއާޒްއިން ހާމަކޮށްފިއެވެ.

ދީނީ ބިނާތަކަށް ދެމުންދާ ހަމަލާތަކާ ގުޅޭގޮތުން އެ މިނިސްޓްރީން ނެރުނު މަހު ރިޕޯޓުގައި ބުނެފައިވަނީ، އިޒްރާއީލުން އަލްއަޤްޞާ މިސްކިތަށް ދޭ ހަމަލާތައް ވަރުގަދަކޮށް، އެ ތަން ޔަހޫދީ ކުރުމުގެ ނުރައްކާތެރި ރޭވުންތަކެއް ތަންފީޛު ކުރަމުންދާ ކަމަށެވެ. މިގޮތުން ޖެނުއަރީ މަހުގެ ތެރޭގައި އެކަނިވެސް އިޒްރާއީލު ފުލުހުންގެ ހިމާޔަތުގައި 4,397 ވަޒަންވެރިން އަލްއަޤްޞާ މިސްކިތަށް ވަދެގަނެފައިވާ ކަމަށް އިސްލާމިކް އަައުޤާފް ޑިޕާޓްމަންޓުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އިޒްރާއީލު ސިފައިން ވަނީ މިސްކިތަށް އަޅުކަމަށްދާ މީހުންނަށް، ޚާއްޞަކޮށް ފަތިސް ނަމާދު ވަގުތުތަކުގައި ގިނަ ހުރަސްތަކެއް ކުރިމަތިކުރުވާފައެވެ. ގުދުސްގެ ބާޒާރުމަތީ ސަރަޙައްދުތަކާއި މިސްކިތުގެ ދޮރުތަކުގެ ކައިރީގައި ސިފައިން ފޯރިމަރަމުންދާއިރު، ފަލަސްޠީނުގެ ޒުވާނުން ހުއްޓުވައި އައިޑީ ކާޑު ޗެކްކުރުމުގެ އަމަލުތައް ވަނީ އިތުރުކޮށްފައެވެ. މީގެ އިތުރުން، ވަޒަންވެރިން މިސްކިތުގެ ތެރޭގައި ދީނީ ހަރުކަށި އަމަލުތައް ހިންގަމުންދާ ކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އިބްރާހީމީ މިސްކިތުގެ ހާލަތަށް ބަލާއިރު، އިޒްރާއީލުން ދަނީ އެ މިސްކިތަށް ވަންނަން ހުންނަ ދޮރުތައް ބަންދުކޮށް، އަޅުކަމަށްދާ މީހުންނާއި މިސްކިތުގެ މުވައްޒަފުންނަށް ބަހުގެ ހަމަލާތަކާއި އިހާނެތި އަމަލުތައް ކުރިމަތިކުރުވަމުންނެވެ. އަދި މިސްކިތުގެ ކައިރީގައިވާ އަޝްރަފިއްޔާ ސަރަޙައްދުގައި އިޒްރާއީލުން ސިއްރު ކޮނުމުގެ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، ޖެނުއަރީ މަހު 550 އެއްހާ ސިފައިން އެ މިސްކިތަށް ވަދެގަނެފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

ފަލަސްޠީނުގެ މިނިސްޓްރީން މި އަމަލުތައް ސިފަކޮށްފައިވަނީ "އަައުޤާފްގެ ބާރުތަކަށް އަރައިގަތުމުގެ ބޮޑު އަމަލެއް" ގެ ގޮތުގައެވެ. އަދި މިއީ މުޤައްދަސް ބިނާތަކުގެ ހުރުމަތް ކެނޑުމަށާއި އެ ތަންތަނުގެ މައްޗަށް ބާރު ފޯރުވުމަށް ކުރާ ނުރައްކާތެރި މަސައްކަތެއް ކަމަށްވެސް ބުނެފައިވެއެވެ.

މިސްކިތްތަކުގެ އިތުރުން، އިޒްރާއީލުގެ ވަޒަންވެރިން ވަނީ ގުދުސްގައި ހުންނަ ޗާޗް އޮފް ގެތްސެމަނީއަށްވެސް ހަމަލާދީފައެވެ. މިދިޔަ ބުރާސްފަތި ދުވަހު ވަޒަންވެރިން އެ ޗާޗަށް ކުޅުޖަހައި ހިންގި އަމަލަކީ ދީނީ ހަރުކަށިކަމާއި ނަފްރަތުގެ ސަބަބުން ހިންގާފައިވާ ސީރިއަސް ކުށެއް ކަމަށް ފަލަސްޠީނުގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450