ޚަބަރު
ހުރާގެ ފަތުރުވެރިކަން ފުޅާކުރުމަށް 25 ބިމެއް ކުއްޔަށް ދޫކުރަނީ
ކ.ހުރާ ފޮޓޯ: ފޮލޯ މީ ޓު މޯލްޑިވްސް
ހުރާގެ ފަތުރުވެރިކަން އިތުރަށް ފުޅާކޮށް، އިޤްތިސާދީ ފުރުޞަތުތައް އިތުރުކުރުމަށްޓަކައި، އަލަށް ހިއްކާފައިވާ ސަރަޙައްދުން ގެސްޓްހައުސް ތަރައްޤީ ކުރުމަށް 25 ބިމެއް ކުއްޔަށް ދޫކުރުމަށް ހުރާ ކައުންސިލުން މިއަދު އިޢުލާނުކޮށްފިއެވެ.
މި ބިންތަކަކީ 50 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކެކެވެ. ކައުންސިލުން ކުރި އިޢުލާނުގައިވާ ގޮތުން، ދޫކުރުމަށް ހަމަޖެހިފައިވާ 25 ބިމުގެ ތެރެއިން 8 ބިމެއް ޚާއްޞަކޮށްފައިވަނީ ހަމައެކަނި ހުރާގެ ރަށްވެހިންނަށެވެ. ބާކީ ހުރި 17 ބިމަކީ އާންމުކޮށް ކޮންމެ ފަރާތަކަށްވެސް ކުރިމަތިލެވޭ ގޮތަށް ހުޅުވާލާފައިވާ ބިންތަކެކެވެ.
މި މަޝްރޫޢާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ހުރާ ކައުންސިލްގެ ރައީސް އީސާ އަޙްމަދު ވިދާޅުވީ، ކުއްޔަށް ދޫކުރާ ކޮންމެ ބިމެއްގައި 4000 އަކަފޫޓު ހުންނާނެ ކަމަށެވެ. މި ބިންތައް ދޫކުރުމުގެ ހުރިހާ މަރުޙަލާއެއް ކުރިއަށްދާނީ ޓޫރިޒަމް މިނިސްޓްރީގެ އިރުޝާދުގެ ދަށުން، އެ ވުޒާރާގެ ޤާނޫނުތަކާ އެއްގޮތަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން، އަލަށް ހިއްކި ސަރަޙައްދުގައި ފެނާއި ކަރަންޓުގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ތައްޔާރުވަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.
ރަށުގެ ރަށްވެހިންނަށް ޚާއްޞަކޮށްފައިވާ 8 ބިމަށް ކުރިމަތިލުމަށް ބޭނުންވާ ބިޑު ފޯމެއްގެ އަގަކީ 10,000 ރުފިޔާއެވެ. މި ބިންތަކަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުން އަންނަ ހަފުތާގެ ބުދަ ދުވަހުގެ މެންދުރު 12:30 އާ ހަމައަށް ކުރިއަށްދާނެއެވެ. އަދި މިކަމާ ގުޅޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި ހުރާ ކައުންސިލް އިދާރާގެ ހުރަވީ މާލަމުގައި ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.
އާންމުކޮށް ހުޅުވާލާފައިވާ 17 ބިމާ ގުޅޭގޮތުން ކައުންސިލުން ބުނީ، އެ ބިންތަކުގެ ބިޑު ފޯމެއްގެ އަގަކީ 25,000 ރުފިޔާ ކަމަށެވެ. މި ބިންތަކަށް ބިޑު ހުށަހެޅުމަށް ބޭނުންވާ ފޯމުތައް އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ މެންދުރު 12:30 އާ ހަމައަށް ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.