Ads by Stelco

ޚަބަރު

މިމަހު 12ގައި ރޯދަ އިނާޔަތް ދޭނެ: މާލީ ވުޒާރާ

މިމަހު 12ގައި ރޯދަ އިނާޔަތް ދޭނެ: މާލީ ވުޒާރާ

ވެލާނާ ބިލްޑިންގް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 ފެބްރުއަރީ 2026، 07:53

03 ފެބްރުއަރީ 2026، 07:53

1447 ވަނަ އަހަރުގެ ރަމަޟާންމަހުގެ އިނާޔަތުގެ ފައިސާ ސަރުކާރުގެ އޮފީސްތަކުން މިމަހުގެ 12 ވަނަ ދުވަހު ދިނުމަށް ހަމަޖެހިފައިވާކަމަށް މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން މިހާރު ވަނީ ރަމަޟާންމަހުގެ އިނާޔަތު ފައިސާ ސަރުކާރުގެ އޮފީސްތަކުން ދިނުމުގައި ޢަމަލުކުރާނެ ގޮތް ބަޔާންކޮށް މާލިއްޔަތާބެހޭ ސާރކިއުލަރއެއް އާންމުކޮށްފައެވެ.

ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު 4 ވަނަ އިސްލާޙުގައި ބަޔާންކޮށްފައިވާ ގޮތަށް، ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރަމަޟާންމަހުގެ އިނާޔަތުގެ ގޮތުގައި 3000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ކޮންމެ އަހަރަކުވެސް ރަމަޟާން މަހުގެ މުނާސަބަތުގައި ދިވެހި މުވައްޒަފުންނަށް ދެމުން އަންނަ އިނާޔަތެކެވެ.

މާލީ ވުޒާރާއިން ނެރުނު ސާރކިއުލަރގައި ބަޔާންކޮށްފައިވާ ގޮތުގައި، މުސާރަ ލިބޭގޮތަށް އެއް ވަޒީފާއަށްވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ދޭއިރު، ހަމައެކަނި އެ މުވައްޒަފެއްގެ އަސާސީ ވަޒީފާ އަދާކުރަމުންދާ އޮފީހަކުން އިނާޔަތުގެ ފައިސާ ދިނުމަށް ވަނީ އަންގަވާފައެވެ. އަދި އިތުރަށް ވަޒީފާ އަދާކުރާ އޮފީހަކުން އިނާޔަތުގެ ފައިސާ ނުދިނުމަށްވެސް ވަނީ އިރުޝާދު ދެއްވާފައެވެ.

ލީވްގައި ތިބޭ މުވައްޒަފުންނާ ގުޅޭގޮތުން ވުޒާރާއިން ވިދާޅުވީ، ރަމަޟާން މަސް ފެށޭއިރު އޮފީހަށް ޚިދުމަތް ނުލިބޭގޮތަށް "ޕޭ ލީވް" (ސްކޮލަރޝިޕް މުވައްޒަފުން) އަދި "ނޯ ޕޭ ލީވް"ގައި ތިބޭ މުވައްޒަފުން އިނާޔަތް ލިބޭ މުވައްޒަފުންގެ ތެރޭގައި ނުހިމެނޭނެ ކަމަށެވެ. ނަމަވެސް، މިފަދަ ލީވް އެއްގައި ހުންނަ މުވައްޒަފަކު ރަމަޟާން މަހުގެ ތެރޭގައި އެނބުރި ޚިދުމަތަކަށް ނިކުމެއްޖެނަމަ، އެދުވަހަކުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ޖެހޭ އަދަދެއް ބަލައި، އެ އަދަދަށް އިނާޔަތުގެ ފައިސާ ދެވޭނެއެވެ.

އިނާޔަތުގެ ފައިސާ ދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ ގޮތުން، މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން ޕަބްލިކް އެކައުންޓިންގ ސިސްޓަމަށް މައުލޫމާތުތައް އަޕްލޯޑްކޮށް ޕޯސްޓުކުރުމަށް މާލީ ވުޒާރާއިން ވަނީ ސަރުކާރުގެ އޮފީސްތަކަށް އަންގަވާފައެވެ. މިއީ ކަނޑައެޅިފައިވާ ތާރީޚަށް ފައިސާ ޖަމާކޮށްދިނުމަށްޓަކައި ކުރެވޭ މަސައްކަތެކެވެ.

ކަލަންޑަރުގައިވާގޮތުން 1447 ވަނަ އަހަރުގެ ރަމަޟާން މަސް ފެށޭނީ މިމަހުގެ 18 ވާ ބުދަ ދުވަހުއެވެ. އެހެންކަމުން ސަރުކާރުގެ އަމާޒަކީ ރޯދަ މަސް ފެށުމުގެ ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަސް ކުރިން ހުރިހާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ފޯރުކޮށްދިނުމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450