Ads by Stelco

ޚަބަރު

ކައުންސިލް އިންތިޚާބާއި ގުޅިގެން ފުލުހުންނާއި އީސީ އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ކައުންސިލް އިންތިޚާބާއި ގުޅިގެން ފުލުހުންނާއި އީސީ އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ފުލުހުންނާއި އީސީ އާ ދެމެދު އެެއްބަސްވުމުގައި ސޮއިކުރުން. ފޮޓޯ: އީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 ފެބްރުއަރީ 2026، 08:26

03 ފެބްރުއަރީ 2026، 08:26

2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ ގުޅިގެން، އިލެކްޝަންސް ކޮމިޝަނުން ދިވެހި ފުލުހުންގެ ޚިދުމަތާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

 މި އެއްބަސްވުމުގައި އިލެކްޝަން ކޮމިޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދުއެވެ. ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީންއެވެ.

މި އެއްބަސްވުމަކީ ކުރިއަށް އޮތް އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުމުގައި ފުލުހުންގެ ޚިދުމަތުން ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ހޯދުމަށް ވެވުނު އެއްބަސްވުމެކެވެ. މީގެ ދަށުން ވޯޓު ފޮށިތަކާއި، ވޯޓު ކަރުދާހުގެ އިތުރުން ވޯޓުލާ މަރުކަޒުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން މަސައްކަތް ކުރާނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ، އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައް މިހާރު ފެށިގެން ކުރިއަށްދާ ކަމަށެވެ. "ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބެހެއްޓޭ ވޯޓު ފޮށިތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށްޓަކައި އަޅުގަނޑުމެންގެ ފަރާތުން ދޭން ޖެހޭ އެއްބާރުމާއި އެހީތެރިކަން އިލެކްޝަން ކޮމިޝަނަށް ވަނީ އަރުވާފައި" ކަމަށް ނަވީން ވިދާޅުވިއެވެ.

އިލެކްޝަން ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ، އިންތިޚާބެއްގެ މާހައުލުގައި އެންމެ މުހިންމު ކަމަކީ އެއްވެސް ބިރުވެރިކަމެއް އަދި ނުފޫޒެއް ނެތި ވޯޓުލެވޭނެ އަމާން މާހައުލެއް ޤާއިމްކުރުން ކަމަށެވެ. އަދި ސިޔާސީ ވާދަވެރިކަމުގެ ތެރެއިން ދެ މުއައްސަސާއަށް އެކި ތުހުމަތުތައް ކުރެވުނު ނަމަވެސް، ދެ ފަރާތުންވެސް ކުރަނީ ޕްރޮފެޝަނަލް މަސައްކަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޒާހިދު އިތުރަށް ވިދާޅުވީ، "އަޅުގަނޑުމެން ދެބައި މީހުން ކުރާކަމަކީ ރައްޔިތުންގެ ވޯޓުލުމަށް ސަލާމަތާއި ރައްކާތެރިކަން ހޯދޭނެ މާހައުލެއް ޤާއިމްކުރުން" ކަމަށެވެ. އީސީގެ އުންމީދަކީ މި ފަހަރުގެ އިންތިޚާބަކީވެސް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ އިންތިޚާބަކަށް ވެގެންދިއުމެވެ.

ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ އޭޕްރީލް 4 ގައެވެ. މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 މެންބަރުން އަދި ސިޓީ ކައުންސިލްތަކަށް 52 މެންބަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450