Ads by Stelco

ޚަބަރު

އައިވީއެފް މެދުވެރިކޮށް ރާއްޖޭގައި ކާމިޔާބުކަމާއިއެކު މިހާތަނަށް ދެ ކުދިން ވަނީ އުފަންވެފައި

އައިވީއެފް މެދުވެރިކޮށް ރާއްޖޭގައި ކާމިޔާބުކަމާއިއެކު މިހާތަނަށް ދެ ކުދިން ވަނީ އުފަންވެފައި

މިއަދު ބޭއްވުނު ރަސްމިއްޔާތު ފޮޓޯ: ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

03 ފެބްރުއަރީ 2026، 09:20

03 ފެބްރުއަރީ 2026، 09:20

ރާއްޖޭގެ ދަރިމައިވުމުގެ ސިއްޙަތުގެ ދާއިރާއިން އިންޤިލާބީ ބޮޑު ކުރިއެރުމެއް ހޯދައި، ރާއްޖޭގައި ފުރަތަމަ ފަހަރަށް އައިވީއެފް މެދުވެރިކޮށް ދެ ކުދިން ކާމިޔާބުކަމާއެކު އުފަންވެއްޖެއެވެ. މި ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.

ނޭޝަނަލް ފަރޓިލިޓީ ސެންޓަރުން މަޢުލޫމާތު ދެއްވާގޮތުގައި، ދަރުމަވަންތަ ހޮސްޕިޓަލުގައި ހިންގާ މި ސެންޓަރު މެދުވެރިކޮށް އުފަންވި ފުރަތަމަ ކުއްޖާއަށް މިހާރު 27 ދުވަސް ވެފައިވާއިރު، ދެވަނަ ކުއްޖާއަށް ވެފައިވަނީ 23 ދުވަހެވެ. މިއީ ދަރިމައިވުމުގެ މައްސަލަތައް ކުރިމަތިވެފައިވާ އެތައް ޢާއިލާތަކަކަށް ލިބިގެންދިޔަ ބޮޑު އުއްމީދެކެވެ.

ދަރިމައިވުމުގެ ދަތިތައް ތަޙައްމަލުކުރަމުންދާ ޢާއިލާތަކަށް އެހީތެރިވުމުގެ މަޤްޞަދުގައި، ސަރުކާރުން ރާއްޖޭގެ ފުރަތަމަ ފަރޓިލިޓީ ސެންޓަރުގެ ޚިދުމަތް ރަސްމީކޮށް ފެއްޓެވީ 2024 ނޮވެމްބަރު 15 ގައެވެ. މި ސެންޓަރަށް އަހަރެއް ފުރުނުއިރު، ލިބިފައިވާ ކުރިއެރުންތަކަކީ މުޅި ސިއްޙީ ނިޒާމަށް އައި ބޮޑު ބަދަލެކެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޮބްސްޓެޓްރިކްސް އެންޑް ގައިނަކޮލޮޖީ ކްލިނިކްގެ ޑިރެކްޓަރ ޑރ. މުޙައްމަދު އަސީލް ޖަލީލް ވިދާޅުވީ، މާލޭގައި މި ޚިދުމަތް ފެށުނު ނަމަވެސް، ކުރިމަގުގައި ރާއްޖޭގެ ހުރިހާ ރީޖަނަލް ހޮސްޕިޓަލްތަކެއްގައި މި ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ރާވަމުންދާ ކަމަށެވެ.

ރައްޔިތުން ތިބި ސަރަޙައްދަކުން ފަސޭހައިން މި ޚިދުމަތް ލިބޭނެ ގޮތަށް ކަންކަން ބައްޓަންކުރުމަކީ އަޅުގަނޑުމެންގެ އަމާޒެއް،

ޑރ. އަސީލް 

ފަރޓިލިޓީ ކޮންސަލްޓަންޓް ޑރ. ޖަޔަދީޕް ޓަންކް ފާހަގަކުރެއްވި ގޮތުގައި، ވޭތުވެދިޔަ އަހަރުގެ ތެރޭގައި ސެންޓަރުގެ ޓީމު ވަނީ ވަރަށް ބޮޑަށް ވަރުގަދަވެފައެވެ. އަދި މިއީ ނަފްސާނީ ގޮތުންނާއި މާލީ ގޮތުން ޢާއިލާތަކުން ކުރާ ބޮޑު ދަތުރަކަށްވާއިރު، މި ޚިދުމަތަށް ރައްޔިތުންގެ އިތުބާރު ލިބެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ސެންޓަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް 578 ދެމަފިރިއަކު ވަނީ ޑޮކްޓަރަށް ދައްކާފައެވެ. އޭގެ ތެރެއިން އައިވީއެފް ހެދުމަށް 96 މީހަކު ހޮވައި، 86 އަންހެނުންގެ ބިސް ނެގުމުގެ މަރުޙަލާ ވަނީ ނިންމާފައެވެ. އަދި 68 އަންހެނުންގެ ރަޙިމުގައި އެމްބްރިއޯ ބަދަލުކޮށްފައިވާއިރު، އޭގެ ތެރެއިން 23 އަންހެނުން މާބަނޑުވެ، މިހާރު އަންނަނީ ވިހެއުމުގެ ދުވަސްތައް ގުނަމުންނެވެ. މީގެ އިތުރުން ކެންސަރު ބަލި ތަޙައްމަލުކުރާ ތިން ބަލިމީހަކަށް 'ފަރޓިލިޓީ ޕްރިޒަވޭޝަން' ޚިދުމަތްވެސް ވަނީ ފޯރުކޮށްދީފައެވެ.

ރާއްޖޭގައި ތިބެގެން އާސަންދަ މެދުވެރިކޮށް އައިވީއެފް އަދި އައިޔޫއައިގެ ޚިދުމަތް ލިބެން ފެށުމަކީ، ދަރިމައިވުމުގެ ދަތިކަން ހުރި އެތައް ޢާއިލާތަކަކަށް ބޭރު ގައުމުތަކަށް ގޮސް ކުރަންޖެހޭ ބޮޑު ޚަރަދާއި އުފުލަންޖެހޭ ތަކުލީފުތަކަށް ލިބުނު ދާއިމީ ލުޔެއްގެ ގޮތުގައި ސަރުކާރުން ސިފަކުރައްވައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450