ޚަބަރު
އޮކްޓޫބަރު މަހު އަރިދަފުސް ރޯގާގެ 29460 ކޭސް ރިޕޯޓުކުރެވިފައިވޭ: އެޗްޕީއޭ
ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗް. ފޮޓޯ: ރާއްޖެ އެމްވީ
ހުލާސާ
އޮކްޓޫބަރު މަހު އަރިދަފުސް ރޯގާގެ 29460 ކޭސް ރިޕޯޓު ކުރެވިފަައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
އެޗްޕީއޭ އިން ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިފާއިތުވި ސެޕްޓެންބަރު މަހާއި އޮކްޓޫބަރު މަހުވެސް އެންމެ ގިނައީ އަރިދަފުސް ރޯގާގެ ކޭސްތަކެވެ. އެގޮތުން ސެޕްޓެންބަރު 2024 ގައި އަރިދަފުސް ރޯގާގެ 28440 ކޭހެއް ރިޕޯޓު ކުރެވިފައިވާއިރު އޮކްޓޫބަރު 2024 ގައި 29460 ކޭހެއް ރިޕޯޓު ކޮށްފައިވެއެވެ.
މިއަހަރުގެ ސެޕްޓެންބަރު މަހާ އަޅާބަލާއިރު އޮކްޓޫބަރު މަހު،އަރިދަފުސް ރޯގާޖެހިގެން ރިޕޯރޓް ކުރެވުނު ޢަދަދު ވަނީ އިތުރުވެފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެހެންކަމުން ކޮވިޑް އަދި އިންފްލުއެންޒާ ފަދަ ރޯގާތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަކީ މުހިއްމުކަމެއްކަން ވެސް އެއެޖެންސީއިން ވަނީ ފާހަގަކޮށްފައެވެ.
މިފާއިތުވި މަހު ދެވަނަ އަށް އެންމެ ގިނައި ރިޕޯޓު ކުރެވިފައިވަނީ ބޭރަށް ހިންގުމުގެ ކޭސްތަކެވެ. އެގޮތުން ސެޕްޓެންބަރު މަހު 3526 ކޭހެއް ރިޕޯޓު ކުރެވިފައިވާއިރު، އޮކްޓޫބަރު މަހު 3161 ކޭހެއް ވަނީ ރިޕޯޓު ކުރެވިފައެވެ.
އެޗްޕީއޭއިން ބުނެފައިިވަނީ މިއަހަރުގެ ސެޕްޓެންބަރު މަހާ އަޅާބަލާއިރު އޮކްޓޫބަރު މަހު، ބޭރަށްހިންގުން ޖެހިގެން ރިޕޯރޓްކުރެވުނު ޢަދަދު ވަނީ ދަށްވެފައިކަމަށެވެ.
ތިންވަނަ އަށް އެންމެ ގިނައި ފެތުރޭ ގައިން ގަޔަށް އަރާ ވައިރަލް ރޯގާއެއްގެ ގޮތުގައި އެޗްޕީއޭއިން ފާހަގަކޮށްފައިވަނީ މަދިރީގެ ސަބަބުން ޖެހޭ ބައްޔެއް ކަމަށްވާ ޑެންގީއެވެ. އެގޮތުން ސެޕްޓެންބަރު މަހު ޑެންގީހުމުގެ 175 ކޭހެއް ރިޕޯޓުކޮށްފައިވާއިރު އޮކްޓޫބަރު މަހު 120 ކޭހެއް ވަނީ ރިޕޯޓުކުރެވިފައެވެ.
މިއަހަރުގެ ސެޕްޓެންބަރުމަހާ އަޅާބަލާއިރު، އޮކްޓޫބަރުމަހު ޑެންގީހުން ޖެހިގެން ރިޕޯރޓް ކުރެވުނު އަދަދު ވަނީ ދަށްވެފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.