ކުޅިވަރު
ދިވެހި ލީގު ފަހު ބުރުގެ މެޗުތައް މިއަދު ފަށަނީ
ދިވެހި ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗުގެ ތެރެއިން / ފޮޓޯ: ދިވެހި ލީގު
ގިނަ ދުވަސްތަކަކަށް މެދުކެނޑިފައި އޮތުމަށްފަހު ފެށި ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ފަހުބުރުގެ މެޗުތައް މިއަދު ހަވީރު ފަށާނެއެވެ.
10 ޓީމު ހިމެނޭ ދިވެހި ލީގުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެ ފަހަރު ބައްދަލުކުރާނެއެވެ. އެގޮތުން ކޮންމެ ޓީމެއް ވެސް ޖުމްލަ 18 މެޗު ކުޅޭނެއެވެ.
ފަހުބުރަށް އައިއިރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ވަނީ ލީގު ކަށަވަރުކޮށްފައެވެ. މިއީ ޖެހިޖެހިގެން މާޒިޔާއަށް ލީގު ލިބޭނެ 5ވަނަ ސީޒަނެވެ.
ފަހު ބުރުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރާނީ ކްލަބް އީގަލްސް އާއި ކްލަބް ވެލެންސިއާއެވެ. އެ މެޗަކީ ދެ ޓީމަށް ވެސް މުހިންމު މެޗެކެވެ. އެގޮތުން ލީގުގެ ފަސްވަނަ ކަށަވަރު ކުރުމަށް އީގަލްސްއަށް މަދުވެގެން އެއް ޕޮއިންޓު މުހިންމުއިރު، ބޮޑު ތަފާތަކުން މޮޅެއް ހޯދުމަކީ، ރެލިގޭޝަނުން ސަލާމަތްވުމަށް މިވަގުތައް ވެލެންސިއާއަށް ކުރެވޭނެ އެންމެ މުހިންމު މަސައްކަކެވެ. ނަމަވެސް، ކްލަބް ގްރީން ސްޓްރީޓްސްއިން މި ހަފްތާގައި އެ ޓީމު ކުޅޭ މެޗުން އެއް ޕޮއިންޓު ހޯދައިފިނަމަ، ވެލެންސިއާ ރެލިގޭޝަނުން ސަލާމަތްވާނެ ގޮތެއް ނޯންނާނެއެވެ.
ދިވެހި ލީގުގައި މިރޭ ވިކްޓަރީ ސްޕޯޓްސް ކްލަބުން ނިކުންނާއި ރެލިގޭޓުވެފައިއޮތް ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށެވެ. އެ މެޗުން މޮޅުވެއްޖެނަމަ، ވިކްޓަރީއަށް ލީގުގެ 5ވަނައިގައި ނިންމާލުމުގެ ފުރުސަތު އޮވެދާނެއެވެ. ނަމަވެސް އެއީ އީގަލްސް މިއަދު ހަވީރު މެޗުން ބަލިވެއްޖެނަމައެވެ.
މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ގްރީން ސްޓްރީޓްސްއެވެ. އެ މެޗުން ކޮންމެ ނަތީޖާއެއް ނިކުތަސް، ނިއު ރޭޑިއަންޓް ލީގު ނިންމާލާނީ 3ވަނައިގައެވެ. ނަމަވެސް އެ މެޗުން ޕޮއިންޓެއް ހޯދުން، ނުވަތަ ބޮޑު ތަފާތަކުން ބަލިނުވެ ސަލާމަތްވުމަކީ ލީގުގެ 8ވަނައިގައި، ރެލިގޭޓު ނުވެ ނިންމާލުމަށް ގްރީން ސްޓްރީޓްސްއަށް މުހިންމު ކަމެކެވެ.
މާދަމާ ރޭގެ މެޗުގައި ބައްދަލުކުރާނީ ބުރު ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބެވެ. އަދި ލީގުގެ ފަހު މެޗުގައި ހުކުރު ދުވަހުގެރޭ ޗެމްޕިއަން މާޒިޔާ ނިކުންނާނީ، މި ސީޒަންގައި އެ ޓީމާ އެންމެ ގާތުން ތައްޓަށް ވާދަކުރި އެއް ޓީމު ކަމުގައިވާ، އޮޑި ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. މި މެޗަށްފަހު ލީގު ތަށި ހަވާލުކުރުމުގެ ރަސްމިއްޔާތު ވެސް އޮންނާނެއެވެ.