ޚަބަރު
ސަރުކާރުގެ ރޯދަ ހަދިޔާ: މިހާތަނަށް 35،132 އަށްވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފި
މަސްދަޅު ކޭސް ބަހާ މަރުކަޒެއް. ފޮޓޯ: ފަރުދުން
ރަމަޟާން މަހުގެ ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ބަހާ މަސްދަޅު ކޭސްތަކުގެ ތެރެއިން މިހާތަނަށް 35،132 އަށްވުރެ ގިނަ ކޭސް ދޫކޮށްފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
މާލެ ސަރަޙައްދުގައި މަސްދަޅު ކޭސް ބަހަން ފަށާފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުން ފެށިގެންނެވެ.
މި މަސައްކަތަކީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވުޒާރާގެ ބެލުމުގެ ދަށުން، ކައުންސިލްތަކާއި، ޤައުމީ ދިފާޢީ ބާރާއި، އެކި އިދާރާތައް ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. ސަރުކާރުން ވިދާޅުވީ، ފާއިތުވި ދެ އަހަރުގެ ތަޖުރިބާއަށް ބިނާކޮށް މިއަހަރުގެ އިންތިޒާމުތައް އިތުރަށް ހަރުދަނާކޮށްފައިވާނެ ކަމަށެވެ. އެގޮތުން، ކިއޫގައި މަޑުކުރަން ނުޖެހި ލުއިފަސޭހަކަމާއެކު ހަދިޔާ ބަލައިގަތުމަށްޓަކައި "ރޯދަ ހަދިޔާ" ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވުމާއި ޓޯކަން ނެގުމުގެ ނިޒާމެއް ވަނީ ތައާރަފްކޮށްފައެވެ.
ސިޓީތަކާއި އިދާރީ ދާއިރާތަކާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، ގްރެޓާ މާލެ ސަރަހައްދުގައި ރަޖިސްޓްރީ ކުރެވިފައިވާ 65،230 ޑޮމެސްޓިކް މީޓަރުގެ ތެރެއިން މިހާތަނަށް 53.5 އިންސައްތަ ގޭބިސީއަށް ވަނީ މަސްދަޅު ކޭސް ދޫކުރެވިފައެވެ. އަދި އަތޮޅުތަކުގެ ހުރިހާ ރަށަކަށް ކަހަލަ ގޮތަކަށް މިހާރު މަސްދަޅު ކޭސްތައް ފޮނުވިފައިވާ ކަމަށާއި، ރަށްރަށުގައި ކޭސް ބެހުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެ ރަށެއްގެ ކައުންސިލުން ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
ރަމަޟާންމަހު ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ހަދިޔާ ކުރުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވީ، ސަރުކާރަށް އެއް އަހަރު ފުރުމުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މާލެ ސަރަޙައްދުގައި މަސްދަޅު ކޭސް ދޫކުރުން ކުރިއަށްދަނީ ކޮންމެ ރެއަކު 20:30 އިން 23:00 އަށެވެ. ކޮންމެ ރެއަކު 300 ޓޯކަންއަށް މަސްދަޅު ކޭސް ދޫކުރާއިރު، ކޮންމެ ކަރަންޓް މީޓަރަކަށް ކޭހެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.