ޚަބަރު
ހުޅުމާލޭގައި ހިލޭ ހިންގާ ގުރުއާން ކްލާސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މަސްޖިދު ޝައިޚް ގާސިމް ފޮޓޯ: އެޗްޑީސީ
ކުޑަކުދިން ގުރުއާނަށް ހިތްޖައްސައި، ދީނީ ކަންކަމަށް އަހުލުވެރިކުރުވުމުގެ މަގްސަދުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އަލް އަސްރު ޖަމިއްޔާ ގުޅިގެން ހުޅުމާލޭގައި ކުރިއަށްގެންދާ ހިލޭ ގުރުއާން ކްލާސްތަކުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މި ޕްރޮގްރާމަކީ ހުޅުމާލޭގައި ގުރުއާން ކްލާސްތައް ހިންގުމާއި ދީނީ ދަރުސް ދިނުމަށްޓަކައި، އެޗްޑީސީ އާއި އަލް އަސްރު ޖަމިއްޔާއާ ދެމެދު މިދިޔަ ސެޕްޓެމްބަރު މަހު ސޮއިކުރެވުނު އެއް އަހަރު ދުވަހުގެ ފަހުމުނާމާ (އެމްއޯޔޫ) ގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި ކްލާސްތަކުގައި ބައިވެރިވާ އެއްވެސް ކުއްޖެއްގެ އަތުން އެއްވެސް ފީއެއް ނުނަގާނެ ކަމަށް އެޗްޑީސީން މައުލޫމާތު ދެއެވެ.
މި ކްލާސްތަކާ ގުޅޭ މުހިންމު ތަފްސީލްތައް:
- އުމުރުފުރާ: 7 އަހަރާއި 10 އަހަރާ ދެމެދު.
- ވަގުތު: ހަފްތާއަކު 5 ދުވަސް، ކޮންމެ ދުވަހަކު 4 ސެޝަން (ހެނދުނާއި ހަވީރު).
- ޖާގަ: ކޮންމެ ސެޝަނެއްގައި 20 ކުދިން (އަންހެން އަދި ފިރިހެން ކުދިން ވަކިން).
- ކިޔަވައިދިނުން: ޓީޗަރުން ހަމަޖެއްސުމާއި ތަމްރީނުކުރުމުގެ މަސައްކަތް ކުރާނީ އަލް އަސްރު ޖަމިއްޔާއިންނެވެ.
ކްލާސްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މިސްކިތްތަކަކީ:
- ހުޅުމާލެ ފޭސް 1: މަސްޖިދު ރަޝީދު އަދި މަސްޖިދު ޝައިޚް ގާސިމް.
- ހުޅުމާލެ ފޭސް 2: މަސްޖިދު އުސްމާން އަދި މަސްޖިދުލް އީމާން.
މި ކްލާސްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެޗްޑީސީން އާންމުކޮށްފައިވާ ގޫގުލް ފޯމު (https://forms.gle/KUxoVUpBhJFa7Tec7) މެދުވެރިކޮށް އެންރޯލް ކުރެވޭނެއެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް އަލް އަސްރު ޖަމިއްޔާގެ ނަންބަރު 7925277 އަށް ގުޅުއްވުމަށް އެޗްޑީސީން އެދެއެވެ.
އެޗްޑީސީގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދާ މި ހަރަކާތުގެ މައިގަނޑު އަމާޒަކީ ދީނަށް ލޯބިކުރާ އަދި ދީނީ ކަންކަމަށް ހޭލުންތެރި މުޖުތަމައެއް ބިނާކުރުމެވެ. ކުރިއަށް އޮތް ތަނުގައިވެސް މުޖުތަމައަށް ފައިދާހުރި މިފަދަ އިތުރު ޕްރޮގްރާމްތައް ހިންގުމަށް އެ ކޯޕަރޭޝަނުން ވަނީ ރާވާފައެވެ.