ޚަބަރު
ޓެކްސް ނުދައްކާ 25 ފަރާތެއްގެ ނަން މީރާއިން އާންމުކޮށްފި
މީރާގެ އޮފީސް. ފޮޓޯ: މީރާ
2024 ވަނަ އަހަރުގެ އާމްދަނީން ނަގާ ޓެކްސް (އިންކަމް ޓެކްސް) ނުދައްކާ ތިބި 25 ފަރާތެއްގެ ނަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިއަދު އާންމުކޮށްފިއެވެ.
މީރާއިން ހާމަކުރި ގޮތުގައި މި ލިސްޓުގައި ހިމެނެނީ އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި އެއް ލައްކަ ރުފިޔާއަށްވުރެ ގިނަ އަދަދެއް ދައްކަންޖެހިފައިވާ ފަރާތްތަކެވެ.
ޓެކުހުގެ ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގެ އުސޫލުގެ ދަށުން މި ފަރާތްތަކުގެ މައުލޫމާތު އާންމުކުރުމުގެ ކުރިން، އެ ފަރާތްތަކަށް ފޯނުން ގުޅައި ޤާނޫނީ ގޮތުން ދެވޭނެ އަދަބުތަކާއި އެޅޭނެ ފިޔަވަޅުތަކުގެ މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށް މީރާއިން ވިދާޅުވިއެވެ. މީގެ އިތުރުން އެސްއެމްއެސްގެ ޒަރިއްޔާއިންވެސް އެ ފަރާތްތަކަށް އެކަން އަންގާފައިވާނެ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.
މީރާއިން އިތުރަށް ވިދާޅުވީ، ދައުލަތަށް ލިބެންޖެހޭ ޓެކުހާއި އެހެނިހެން ފައިސާ ހޯދުމަށްޓަކައި އެ އިދާރާގެ އެންފޯސްމެންޓް ޕޮލިސީގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެއްވެސް ތަފާތުކުރުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށެވެ. މީގެ ތެރޭގައި ބޭންކް އެކައުންޓްތައް ފްރީޒްކުރުމާއި އެހެނިހެން ގާނޫނީ ފިޔަވަޅުތައް ހިމެނެއެވެ.
މިކަމާ ގުޅިގެން މީރާއިން ވަނީ މިހާތަނަށްވެސް ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން ވީ އެންމެ އަވަހަކަށް ބަޔާންތައް ހުށަހެޅުމަށާއި، ޓެކްސް ނުދައްކާ ހުރި ފަރާތްތަކުން ލަސްނުކޮށް ފައިސާ ދެއްކުމަށް އިލްތިމާސްކޮށްފައެވެ. އަދި އެއްފަހަރާ ފައިސާ ދެއްކުމަށް އުޒުރުވެރިވާ ފަރާތްތަކުން މީރާއާއެކު ޓެކްސް ދެއްކުމުގެ އެއްބަސްވުމަކަށް (އިންސްޓޯލްމަންޓް ޕްލޭން) އައުމުގެ ފުރުސަތު އޮތްކަންވެސް އެ އިދާރާއިން ފާހަގަކުރެއެވެ.