ޚަބަރު
ރާއްޖޭގެ ބޯޑަރަށް އަންނަ ނުރައްކާތަކާމެދު އަބަދުވެސް ތިބެންވާނީ ހުށިޔާރުވެގެން: ވަޒީރު އިޙްސާން
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އިޙްސާން
ރާއްޖޭގެ ބޯޑަރަށާއި މުޖުތަމަޢަށް އަންނަ ނުރައްކާތައް ދެނެގަނެ، ކަމެއް ދިމާވުމުގެ ކުރިން އަބަދުވެސް އެކަމަކަށް ތައްޔާރަށް ތިބެންވާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ކަސްޓަމްސް ދުވަސް ފާހަގަކުރުމަށްޓަކައި މިއަދު ހެނދުނު އިސްކަންދަރު ކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ކަސްޓަމްސް އިން އަބަދުވެސް މަސައްކަތް ކުރަންވާނީ ބޯޑަރުގެ ސަލާމަތާއި ރައްކާތެރިކަން ފޫއަޅުވާލަން މަސައްކަތް ކުރާ މީހުން ދުރާލާ ދެނެގަތުމަށް ކަމަށެވެ. އެގޮތުން ރާއްޖެއަށް މުދާ އެތެރެކުރާ ފަރާތްތަކުން ގެންގުޅޭ އުސޫލުތަކާއި ޑޭޓާ އެނެލައިޒްކޮށް، ރިސްކް ދެނެގަތުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ޓެކްނޮލޮޖީގެ ގޮތުން ދުނިޔެ ކުރިއަރަމުން އަންނައިރު، އެއާ އެއްހަމައެއްގައި ފައިތިލަ ސާބިތުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
ކަސްޓަމްސްގެ މުވައްޒަފުންނަށް ދެވޭ ތަމްރީނުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، އެންމެ ފަހުގެ ވަސީލަތްތަކާއި އުކުޅުތައް ބޭނުންކުރުމުގެ ތަމްރީނު ހޯދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
"މުދާ ގެންނަ ފަރާތްތައް އަދި ބޯޑަރު ފޫއަޅުވާލަން މަސައްކަތް ކުރާ ފަރާތްތައް ވިސްނާނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ގާނޫނަށް ގެންނަ ބަދަލުތައްވެސް އެނގިގެން ބޯޑަރު ފޫއަޅުވާލަން. އަޅުގަނޑުމެން ވާންވާނީ އެއަށްވުރެ ސްމާޓް ބަޔަކަށްވެގެން ނޫނީ މި ކާވްގެ މައްޗަކަށް ނޭރޭނެ،" ވަޒީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި އެކިއެކި ދާއިރާތަކުން ސެޓްފިކެޓް ހާސިލް ކުރެއްވި ފަރާތްތަކަށާއި، ކަސްޓަމްސްއަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައި ރަން ބެޖު ލިބިވަޑައިގެންނެވި ފަރާތްތަކުގެ އިތުރުން ކޮމިޝަނަރުގެ އެވޯޑު ހާސިލްކުރެއްވި ފަރާތްތަކަށް ވަޒީރު ވަނީ މަރުހަބާ ދަންނަވާފައެވެ. އަދި ރާއްޖޭގެ ބޯޑަރުގެ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަސްޓަމްސްގެ މުވައްޒަފުން ކުރަމުންދާ އަގުހުރި ޚިދުމަތަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައި ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.
ބައިނަލްއަޤްވާމީ ކަސްޓަމްސް ދުވަހުގެ މިއަހަރުގެ ޝިޢާރަކީ 'Customs Protecting Society through Vigilance and Commitment' އެވެ. މި ޝިޢާރާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މިއީ ސަރުކާރުން ކަސްޓަމްސްގެ ފަރާތުން އެދޭ ކަންތައްތައް ވަރަށް ރަނގަޅަށް ސިފަކޮށްދޭ ތީމެއް ކަމަށެވެ. އަދި މިއަހަރުގެ ތީމުން ގޮވާލަނީ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕްރޯއެކްޓިވްކޮށް، ކަންކަން ދިމާވުމުގެ ކުރިން މަސައްކަތް ކުރުމަށް ކޮމިޓްވުމަށް ކަމަށްވެސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ އާއި، ޑެޕިއުޓީ ކޮމިޝަނަރުން ކަމަށްވާ އިބްރާހީމް މަފާޒް އަދި މަހްމޫދު ރިޔާޒުގެ އިތުރުން ކަސްޓަމްސްގެ އިސްވެރިންނާއި ހޯމް ޓީމުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.