ދުނިޔެ
ބަލޯޗް ހަނގުރާމަވެރިންނާ ދެކޮޅަށް ޕާކިސްތާނުން ހެލިކޮޕްޓަރާއި ޑްރޯން ބޭނުންކުރަން ފަށައިފި
ޕާކިސްތާން ސިފައިންނާއި ބަލޮޗިސްތާން ހަނގުރާމަ ވެރިންނާ ދެމެދު ކުރިއަށްދާ ކުރިމަތިލުންތައް
ޕާކިސްތާނުގެ މައުދަނުން މުއްސަނދި ބަލޯޗިސްތާން ޕްރޮވިންސްގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންގެ ބާރުގެ ދަށަށް ގޮސްފައިވާ ސަރަހައްދުތައް އަނބުރާ ހޯދުމަށް ޕާކިސްތާނު ސިފައިން ހެލިކޮޕްޓަރާއި ޑްރޯން ބޭނުންކޮށްގެން ވަރުގަދަ އޮޕަރޭޝަނެއް ފަށައިފިއެވެ.
މި ކުރިމަތިލުންތަކުގައި މިހާތަނަށް ސަލާމަތީ ބާރުތަކުގެ ގިނަ އަދަދެއްގެ މީހުންނާއި އާންމުން ވަނީ މަރުވެފައެވެ.
ފުލުހުން ބުދަ ދުވަހު ހާމަކުރި ގޮތުގައި، ތިން ދުވަހުގެ ވަރުގަދަ ހަނގުރާމައަކަށްފަހު ނުޝްކީ ނަމަކަށް ކިޔާ އަވަށުގެ ކޮންޓްރޯލް މިހާރު ވަނީ ސަރުކާރުން ހޯދާފައެވެ. މި ހަނގުރާމައިގައި ހަތް ފުލުހަކު މަރުވެފައިވާއިރު، ސަލާމަތީ ބާރުތަކުން ބުނީ ނުޝްކީއަށް އިތުރު ސިފައިން ފޮނުވާފައިވާ ކަމަށާއި ހަނގުރާމަވެރިންނާ ދެކޮޅަށް ވައިގެ މަގުން ހަމަލާތައް ދެމުންދާ ކަމަށެވެ.
ބަލޯޗިސްތާން ލިބަރޭޝަން އާމީ (ބީއެލްއޭ) އިން މިދިޔަ ހޮނިހިރު ދުވަހު ވަނީ ބޭންކުތަކާއި، ސްކޫލްތަކާއި، މާރުކޭޓުތަކުގެ އިތުރުން ސަލާމަތީ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކާ ގުޅިގެން ބަލޯޗިސްތާންގެ ޗީފް މިނިސްޓަރު ސަރްފްރާޒް ބުގްތީ ވިދާޅުވީ، ވޭތުވެދިޔަ 12 މަސްދުވަހުގެ ތެރޭގައި 700 އަށްވުރެ ގިނަ ޓެރަރިސްޓުން ނައްތާލެވިފައިވާ ކަމަށާއި، މި ހަމަލާތަކުގެ ސަބަބުން ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތަށް ބުރޫ ނާރާނެ ކަމަށެވެ.
ސަރުކާރުގެ އިސް އޮފިޝަލަކު އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިހާރު ކުރިއަށްދާ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންތަކުގައި 197 ހަނގުރާމަވެރިން މަރާލެވިފައިވާ ކަމަށެވެ.
އަދި އަފްޣާނިސްތާނާއި އީރާނާ ބޯޑަރު ހިއްސާކުރާ މި ޕްރޮވިންސްގައި މިހާރު ވަނީ އެއްވެ އުޅުމާއި މުޒާހަރާކުރުން މަނާކޮށް، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.
ބީއެލްއޭ އިން ބުނާ ގޮތުގައި އެ ޖަމާއަތުން ހިންގާ "އޮޕަރޭޝަން ހެރޯފް" ގެ ދަށުން 280 ސިފައިން ވަނީ މަރާލާފައެވެ. ނަމަވެސް ސަރުކާރުން މި އަދަދުތައް ކަށަވަރުކޮށްދީފައެއް ނުވެއެވެ. ބަލޯޗިސްތާނަކީ ކޮލާއި، ރަނާއި، ކޮޕަރ އަދި ގޭހުން މުއްސަނދި ސަރަހައްދަކަށް ވީނަމަވެސް، އެ ސަރަހައްދުގެ މީހުން ބުނަނީ މަރުކަޒީ ސަރުކާރުން އެތަނުގެ ވަސީލަތްތަކުގެ ނާޖާއިޒު ފައިދާ ނަގަމުންދާ ކަމަށެވެ.
ޕާކިސްތާނު ސަރުކާރުން ތުހުމަތުކުރާ ގޮތުގައި މި ހަނގުރާމަވެރިންނަށް އެހީތެރިވަނީ އިންޑިއާ އާއި އަފްޣާނިސްތާނުންނެވެ. ނަމަވެސް ނިއުދިއްލީ އާއި ކާބުލް އިން ވަނީ މި ތުހުމަތުތައް ތަކުރާރުކޮށް ދޮގުކޮށްފައެވެ. މި ހަމަލާތަކުގައި ސަލާމަތީ ބާރުތަކުގެ އިތުރުން، އެ ސަރަހައްދުގައި މަސައްކަތްކުރާ ޗައިނާގެ ރައްޔިތުންނަށްވެސް އަމާޒުކޮށް ހަމަލާތައް ދީފައިވާކަން ފާހަގަކުރެވެއެވެ.