ދުނިޔެ
ޣައްޒާއަށް އިޒްރާއީލުން ދިން ހަމަލާތަކެއްގައި 18 މީހުން ޝަހީދުވެއްޖެ، އޭގެ ތެރޭގައި 5 މަހުގެ ތުއްތު ކުއްޖަކު ހިމެނޭ
ޝަހީދެއްގެ އާއިލާ
އިޒްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ރޭ މެންދަމުން ފެށިގެން ޣައްޒާގެ އެކި ސަރަހައްދުތަކަށް ދެމުންދާ ވަރުގަދަ ހަމަލާތަކުގައި ފަލަސްތީނުގެ މަދުވެގެން 18 މީހުން ޝަހީދުވެއްޖެއެވެ.
ޝަހީދުވި މީހުންގެ ތެރޭގައި ތިން ކުޑަކުދިންނާއި އެންމެ ފަސް މަހުގެ ތުއްތު ފިރިހެން ކުއްޖަކު ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގައި މީހުން ދިރިއުޅޭ ފޭލިގެއަކަށް އަމާޒުކޮށް އިޒްރާއީލުން ދިން ބަޑީގެ ހަމަލާތަކެއްގައި ތިން މީހަކު ވަނީ ޝަހީދުވެފައެވެ. މީގެ އިތުރުން ޣައްޒާ ސިޓީގެ ޒައިތޫން އަދި ތުއްފާހު އަވަށަށް ދިން ހަމަލާތަކުގައި 14 މީހަކު ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ކުރިން ބުނި ތުއްތު ކުއްޖާ ވެސް ހިމެނެއެވެ.
މި ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި، 13 އަހަރުގެ އަންހެން ކުއްޖެއްގެ އިތުރުން 12 އަހަރާއި 16 އަހަރުގެ ކުޑަކުދިން ހިމެނޭ ކަމަށް މަޢުލޫމާތު ލިބެއެވެ. މަސްދަރުތަކުން ބުނާ ގޮތުގައި ފާއިތުވި މަދު ގަޑިއިރުތަކުގެ ތެރޭގައި އިޒްރާއީލުން ވަނީ ޣައްޒާގެ އެކި ސަރަހައްދުތަކުގައި އަސްކަރީ ހަރަކާތްތަކާއި ހަމަލާތައް ވަރަށް ބޮޑަށް އިތުރުކޮށްފައެވެ.
ޚާން ޔޫނިސް އާއި ޣައްޒާ ސިޓީގެ މަތިން ރޭ މެންދަމުން ފެށިގެން އިޒްރާއީލުގެ ޑްރޯންތައް ދަނީ މެދުނުކެނޑި އުދުހެމުންނެވެ. މިއީ މިދިޔަ އޮކްޓޯބަރު މަހު އިއުލާންކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފަށް އިޒްރާއީލުން ދެމުންދާ ހަމަލާތަކެކެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އިޒްރާއީލުން ވަނީ މިހާތަނަށް 1200 އަށްވުރެ ގިނަ ފަހަރު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވެފައެވެ.
މި ހަމަލާތަކުގެ ސަބަބުން ސަތޭކައަށްވުރެ ގިނަ އާންމުން ޝަހީދުވެފައިވާއިރު، ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ވެސް އިޒްރާއީލުން ދަނީ ހުރަސް އަޅަމުންނެވެ. އަދި ހަމަ މިއަދު އިސްރާއީލުން ވަނީ ރަފަހް ބޯޑަރު ހުރަސްކޮށް ބަލިމީހުންނާއި ޒަޚަމްވެފައިވާ މީހުން ބޭރަށް ގެންދިއުމަށް ހަމަޖެހިފައި އޮތް އޮތުން ވެސް ކެންސަލްކޮށްފައެވެ.