ޚަބަރު
ށ. ފުނަދޫ އެއަރ ސްޓޭޝަނުގެ ޚިދުމަތް މިއަހަރު ފަށާނެ: ރައީސުލްޖުމްހޫރިއްޔާ
ތުރުކީއިން ރާއްޖެއަށް ހަދިޔާކުރި ޑްރޯން ފޮޓޯ: އެމްއެންޑީއެފް
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ޤާބިލުކަން އިތުރުކުރުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތްތަކުގެ ދަށުން، ށ. ފުނަދޫގައި ތަރައްޤީކުރާ އެއަރ ސްޓޭޝަނުގެ ޚިދުމަތް މިއަހަރުގެ ތެރޭގައި ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ. އެމަނިކުފާނުގެ ބަޔާނުގައި ޤައުމީ ދިފާޢީ ބާރުގެ މަސައްކަތްތައް ހަރުދަނާކޮށް، ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ފާއިތުވި އަހަރުގެ ތެރޭގައި ކުރެވުނު މުހިންމު މަސައްކަތްތަކުގެ ތަފްސީލު ވަނީ ހިއްސާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިރާއްޖޭގެ ދިފާޢީ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި މިދިޔަ އަހަރުގެ ތެރޭގައި ވަރަށް މުހިންމު ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށެވެ. އެގޮތުން ދިވެހި އަސްކަރިއްޔާގެ ކަނޑުގެ ބާރު ނުވަތަ ކޯސްޓްގާޑުގެ ޚިދުމަތް މިހާރަށްވުރެ ދެގުނަ ވަރުގަދަ ކުރުމުގެ އަމަލީ މަސައްކަތް ފެށިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި މަސައްކަތްތަކުގެ ތަފްސީލަށް ބައްލަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ތުރުކީ ވިލާތުން ދިވެހިރާއްޖެއަށް ހަދިޔާކުރި، އަސްކަރިއްޔާގައި މިހާރު ބޭނުންކުރާ އެންމެ ބޮޑު މަނަވަރު މިދިޔަ އަހަރުގެ ތެރޭގައި ޚިދުމަތަށް ނެރެ ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.
ވައިގެ މަގުން ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމާއި، ދިފާޢީ ކަންކަން ވަރުގަދަ ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން ށ. ފުނަދޫގައި ތަރައްޤީކުރާ އެއަރ ސްޓޭޝަނަކީ ރާއްޖޭގެ ދިފާޢީ ނިޒާމަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ މިއަހަރުގެ ތެރޭގައި އެ ސްޓޭޝަނުން ޚިދުމަތް ދޭން ފެށުމާއެކު، ރާއްޖޭގެ އުތުރުގެ ސަރަޙައްދު ބެލެހެއްޓުމުގައި އަސްކަރިއްޔާއަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.