ޚަބަރު
އުސްގެކޮޅު އިމަރސިވް މިއުޒިއަމެއްގެ ގޮތުގައި ތަރައްޤީކޮށް މި އަހަރު ހުޅުވަނީ
އުސްގެކޮޅު ފޮޓޯ: ވެއަރ އިޒް މޯލްޑިވްސް
އުސްގެކޮޅު އިމަރސިވް މިއުޒިއަމެއްގެ ގޮތުގައި ތަރައްޤީ ކުރުމުގެ މަސައްކަތް ނިންމާ، މި އަހަރުގެ ތެރޭގައި އެތަން ހުޅުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ 2026 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށްޓަކައި ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ. އުސްގެކޮޅު ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ ދިވެހި ތަރިކަ އިޔާދަކޮށް، އެ ދާއިރާ ކުރިއެރުވުމަށް ރައީސް މުޢިއްޒު ގެންގުޅުއްވާ ޚާއްޞަ ސިޔާސަތުގެ ދަށުން ކުރިއަށްދާ މުހިންމު މަސައްކަތެކެވެ.
ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ، ރާއްޖޭގެ ތަރިކައިގެ ދާއިރާ ތަރައްޤީ ކުރުމަކީ މި ސަރުކާރުން ނުހަނު އިސްކަމެއްދޭ ކަމެއް ކަމަށެވެ. އެގޮތުން އަތޮޅުތަކުގެ ތެރެއިން އުތީމު، ތަކަންދޫ އަދި ބާރަށުގައި ތަރިކަ ރައްކާތެރި ކުރުމުގެ މަސައްކަތްތައް ބާރުދުވެލީގައި ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ދިވެހި ހިރިގަލުގެ މިސްކިތްތަކާއި ގަލުވަޑާން ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ދަފްތަރު ކުރުމަށްޓަކައި ކުރަންޖެހޭ ދިރާސާތައް ނިންމައި، ނޮމިނޭޝަން ފައިލް މިހާރު ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖް ސެންޓަރަށް ހުށަހަޅާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބިނާކުރެވޭ އިންޓަރެކްޓިވް އިމާރސިވް މިއުޒިއަމް މަސައްކަތް އުސްގެކޮޅާއި އެގެ ކޮޅު ހުރި ސަރަހައްދުގައި މިހާރު ކުރަމުން އެދަނީ. މި އަހަރު ތެރޭގައި މި ތާރީޚީ ޑިޖިޓަލް ދާރުލްއާސާރު ހުޅުވާނަން، ރައީސް
ދިވެހި ސަޤާފަތާއި ފަންނުތައް ދިރުވުމުގެ ގޮތުން، ތުނޑުކުނާ ވިއުމާއި، ލިޔެލާ ޖެހުމާއި، ކަސަބު ގަތުން ފަދަ މަސައްކަތްތައް ޤައުމީ ސަނަދުގެ ލެވެލް 3 ގެ ފެންވަރަށް ކުރިއަށް ގެންދިއުމުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފެށިފައެވެ. މި މަސައްކަތްތައް އިތުރަށް ފުޅާކުރުމަށްޓަކައި، ބ. ތުޅާދޫގައި ލިޔެލާ ޖެހުމުގެ މަރުކަޒެއް، ދ. ރިނބުދޫގައި އަތްތެރި މަސައްކަތުގެ މަރުކަޒެއް އަދި ގދ. ގައްދޫގައި ތުނޑުކުނާ ވިއުމުގެ ހުނަރު ދަސްކޮށްދޭ މަރުކަޒެއް ޤާއިމްކުރުމުގެ މަސައްކަތް މި އަހަރު ފެށޭނެ ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ބަޔާން ނިންމަވާލެއްވީ ދިވެހިންގެ އަޚްލާޤާއި އުޅުމާއި ގުޅުންތައް އިޔާދަކޮށް، އިޚްތިރާމް ކުރުމުގެ ސިފަ އަށަގަންނުވުމަށްޓަކައި ޤައުމީ ފެންވަރުގެ ކެމްޕޭނެއް ކުރިއަށް ގެންދަވާނެ ކަމުގެ އުންމީދީ ޚަބަރާއެކުގައެވެ