ޚަބަރު
ފަތުރުވެރިކަމުގެ ނަފާ ސީދާ ރައްޔިތުންގެ ޖީބަށް، ކޮންމެ މީހަކަށް އަހަރަކު 400 ޑޮލަރު ދޭން ނިންމައިފި
ރާއްޖޭގެ ރިސޯޓެއް ފޮޓޯ:އިންޓަނެޓް
ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ ނަފާ ސީދާގޮތެއްގައި ދިވެހި ކޮންމެ ރައްޔިތެއްގެ ޖީބަށް ވަންނާނެ ގޮތް ހެދުމަށްޓަކައި، ކޮންމެ ރައްޔިތެއްގެ ބޭންކު އެކައުންޓަށް އަހަރަކު މަދުވެގެން 400 ޑޮލަރު ޖަމާކޮށްދިނުމަށް ސަރުކާރުން ނިންމަވައިފިއެވެ.
މި ތާރީޚީ ނިންމެވުން އިޢުލާނުކުރެއްވީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. ރައީސް ވިދާޅުވީ ރާއްޖޭގައި ފަތުރުވެރިކަން ފެށުނުތާ 54 އަހަރު ވެފައިވާއިރު، މި ސިނާއަތުން ލިބޭ ނަފާ ރައްޔިތުންގެ ޖީބަށް ސީދާގޮތެއްގައި ވަންނާނެ މަގެއް މިހާތަނަށް އެއްވެސް ސަރުކާރަކުން ފަހިކޮށްދީފައި ނުވާ ކަމަށެވެ.
ފަތުރުވެރިކަމަކީ ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް އެންމެ ބޮޑަށް ބޭނުންކުރާ ސިނާއަތް ކަމަށްވާއިރު، އެ ވަސީލަތްތަކުގެ ހަގީގީ މިލްކުވެރިންނަކީ ރައްޔިތުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މިއީ ރާއްޖޭގެ ގުދުރަތި ރީތިކަމުގައިވާ ރީތި ގޮނޑުދޮށްތަކާއި، ފަރުތަކާއި ކަނޑުތައް ފަދަ ގުދުރަތީ އެސެޓްތައް އެންމެ ބޮޑަށް ބޭނުންކުރަމުންދާ ސިނާއަތް. އެހެންކަމުން މި ގުދުރަތީ އެސެޓްތަކުގެ ހަގީގީ މިލްކުވެރިންކަމުގައިވާ ދިވެހި ރައްޔިތުންނަށް ސީދާ ގޮތެއްގައި އާމްދަނީ ލިބޭނެ ގޮތެއް ހަމަޖެހިގެންދިއުމަކީ އެންމެ އަދުލުވެރި ގޮތް،
ރައީސް
މި މަޝްރޫއުގެ ދަށުން ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި 10 ރިސޯޓެއް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ. ރައީސް ވިދާޅުވި ގޮތުގައި، ދިވެހި އައިޑީކާޑު އޮތް ކޮންމެ ރައްޔިތަކީ މި ރިސޯޓުތަކުގެ ހިއްސާދާރަކަށް ވާނެކަން ވަކި ގާނޫނަކުން ކަނޑައަޅާނެއެވެ. އަދި މި ރިސޯޓުތަކުން ލިބޭ އާމްދަނީގެ ބައެއް، އެއްވެސް ރައްޔިތަކު ބާކީނުކޮށް ކޮންމެ މީހެއްގެ އެކައުންޓަށް އަހަރަކު އެއްފަހަރު ބޭރު ފައިސާއިން ޖަމާކޮށްދޭނެއެވެ.
ސަރުކާރުގެ އަންދާޒާއަކީ 2030 ވަނަ އަހަރުން ފެށިގެން މި ފައިސާ ޖަމާކުރަން ފެށުމެވެ.
މިސާލަކަށް 5 މެމްބަރުންގެ އާއިލާއެއްގައި ނަމަ އެ އާއިލާއަކަށް މަދުވެގެން ކޮންމެ އަހަރަކު 2000 އެމެރިކާ ޑޮލަރު ލިބިގެންދާނެ، ރައީސް
މިއީ ރާއްޖޭގެ ތާރީޚުގައި ފަތުރުވެރިކަމުގެ ސީދާ މަންފާ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ލިބިގެންދާނެ ފުރަތަމަ ފަހަރެވެ. މި މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.