Ads by Stelco

ޚަބަރު

ކޮންމެ އަތޮޅެއްގައި މަތީ ތަޢުލީމުގެ ފުރުޞަތު ފަހިކުރުމަކީ ދެމެހެއްޓެނިވި ތަރައްޤީގެ މުހިއްމު ފިޔަވަޅެއް: ރައީސް މުޢިއްޒު

ކޮންމެ އަތޮޅެއްގައި މަތީ ތަޢުލީމުގެ ފުރުޞަތު ފަހިކުރުމަކީ ދެމެހެއްޓެނިވި ތަރައްޤީގެ މުހިއްމު ފިޔަވަޅެއް: ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

05 ފެބްރުއަރީ 2026، 11:53

05 ފެބްރުއަރީ 2026، 11:53

ޒުވާނުންނާއި އެކި އުމުރުފުރައިގެ މީހުންނަށް މުޅި ރާއްޖޭގައި މަތީ ތަޢުލީމް ފުޅާކޮށް، ކޮންމެ އަތޮޅަކުންވެސް ކިޔެވުމުގެ ފުރުޞަތު ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީ ހާސިލްކުރުމަށްޓަކައި އަޅަންޖެހޭ އެންމެ މުހިއްމު ފިޔަވަޅުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތައް ޤާއިމްކުރުން ކަމަށެވެ. މިގޮތުން، މަތީ ތަޢުލީމުދޭ ސަރުކާރުގެ މުއައްސަސާއެއް ނެތް ހުރިހާ އަތޮޅެއްގައި ކެމްޕަސްތައް ތަރައްޤީކުރުމުގެ މަސައްކަތް ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް މިހާރު ފަށާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ތަޢުލީމީ ދާއިރާއިން މިހާތަނަށް ހާސިލްކޮށްފައިވާ ކަންކަމަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، ޤައުމީ ތަރައްޤީގެ އެކި ދާއިރާތަކަށް އަމާޒުކޮށް 852 ސްކޮލަޝިޕްގެ ފުރުޞަތާއި 880 ލޯނު ދީފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރު އެކަނިވެސް ފުރަތަމަ ޑިގްރީ ސްކީމްގެ ދަށުން 2,728 ދަރިވަރަކަށް ފުރުޞަތު ދީ، ޖުމުލަ 11,252 ދަރިވަރަކަށް 921.6 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ރައީސް މުޢިއްޒުގެ ބަޔާނުގައި ފަންނީ ތަމްރީނާއި މަސައްކަތްތެރިކަން ދަސްކޮށްދިނުމަށް ސަރުކާރުން ދޭ އިސްކަންވެސް ފާހަގަކުރެއްވިއެވެ. އެގޮތުން، މަދަރުސީ ނިޒާމުގެ ތެރެއިން ޓެކްނިކަލް ވޮކޭޝަނަލް އެޑިއުކޭޝަން ސްޓްރީމް ތަޢާރަފްކޮށް، ރާއްޖޭގެ ފުރަތަމަ ވޮކޭޝަނަލް ހައިސްކޫލް ޤާއިމްކޮށްފައިވާކަމަށް ވިދާޅުވިއެވެ. މިހާރުވެސް 16 އަތޮޅެއްގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ  ގެ 26 މަޝްރޫޢަކާއި، 10 އަތޮޅެއްގައި އިސްލާމީ ޔުނިވަރސިޓީ (IUM) ގެ 12 މަޝްރޫޢެއް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ރާއްޖޭއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން، ބޭންކް ކާޑުތަކުން މަހަކު ނެގޭ ޑޮލަރުގެ ލިމިޓް 1,200 ޑޮލަރަށް އިތުރުކޮށްފައިވާ ކަމަށާއި، އަދި އަލަށް ތަޢާރަފްކުރި "ކުރި ނިޒާމް" މެދުވެރިކޮށް ދަރިވަރުންނަށް ފައިސާ ދޫކުރުމުގެ ކަންކަން އޮޓޮމޭޓް ކުރެވި، ރިއަލްޓައިމްކޮށް ޕޭމަންޓްތައް ބަލާލެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ހުރިހާ މަސައްކަތްތަކަކީވެސް ރާއްޖޭގެ އިންސާނީ ރައުސުލުމާލު ބިނާކޮށް، ޤައުމުގެ އިޤްތިޞާދަށް ބޭނުންވާ ފަންނީ މަސައްކަތްތެރިން އުފެއްދުމަށް ސަރުކާރުން ކުރަމުންދާ މުހިއްމު މަސައްކަތްތަކެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450