ޚަބަރު
ދަރަނި ދެއްކުމަށް އިތުރު ދަރަނި ނަގަން ނުޖެހޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސަނީ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
ރާއްޖޭގެ ދަރަނި އަދާކުރުމަށްޓަކައި އިތުރު ދަރަނި ނަގަން ނުޖެހޭނެ ފަދަ ހަރުދަނާ އިންތިޒާމުތަކެއް ސަރުކާރުން ހަމަޖައްސަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދަރަނި ދެއްކުމުގެ ކަންކަން ކުރިއަށް ގެންދަވާނީ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް) މެދުވެރިކޮށް ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މި ސަރުކާރުން ހަވާލުވިއިރު އެންމެ ބޮޑު ނުތަނަވަސްކަމެއް އޮތީ ކުރީ ސަރުކާރުން ނަގާފައިވާ ބޮޑެތި ދަރަނިތަކުގެ ސަބަބުންނެވެ.
ޚާއްޞަކޮށް، 2017 ވަނަ އަހަރު ނެގި 250 މިލިޔަން ޑޮލަރުގެ "ސަނީ ސައިޑް ބޮންޑު" ދެއްކުމަށްޓަކައި ކުރީ ސަރުކާރުން ނެގި ސުކޫކުގެ މައްސަލަ ރައީސް ފާހަގަކުރެއްވިއެވެ. އެ ސުކޫކު ނެގީ ބޮންޑު ދެއްކުމަށް ކަމަށްވީ ނަމަވެސް، އޭގެ މައްޗަށް އިތުރު 250 މިލިޔަން ޑޮލަރު ނަގާފައިވާ ކަމަށާއި، މިކަމުގެ ސަބަބުން ރާއްޖެއަކީ ބަނގުރޫޓުވުމުގެ ހިރާސް މަތި ޤައުމެއްގެ ގޮތުގައި އައިއެމްއެފްގެ ރިޕޯޓުތަކުގައި ބަޔާންކޮށްފައިވާކަން އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.
މި ހާލަތުން އަރައިގަތުމަށްޓަކައި އެސްޑީއެފް ފަންޑު ހަރުދަނާކޮށް، މިއަހަރުގެ މިހާތަނަށް އެ ފަންޑަށް 275 މިލިޔަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް ޖަމާކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސުކޫކު އަނބުރާ ދެއްކުމަށް އެސްޑީއެފްއިން 150 މިލިޔަން ޑޮލަރު ޚަރަދު ކުރައްވާނެ ކަމަށްވެސް އިއުލާން ކުރެއްވިއެވެ.
ސުކޫކުގެ މިއަހަރު އަދާކުރަންޖެހޭ ފައިސާގެ ތެރެއިން 150 މިލިޔަން ޑޮލަރު އަދާކުރާނީ އެސްޑީއެފް މެދުވެރިކޮށް. މި ސްކޫކުގެ އެއްބައި އަނބުރާ ދެއްކުމަށް ފަހު ބާކީވާ މިންވަރު ރީފައިނޭންސް ކުރުމަށް ސަރުކާރުން ނަގާފައިވާ އެއްވެސް ދަރަންޏެއްގެ އިންޓްރެސްޓް ރޭޓު، ވޭތުވެދިޔަ ސަރުކާރުތަކުން ކަންކުރި ޒިންމާދާރުކަން ކުޑަ ގޮތާއި ޚިލާފަށް 9 އިންސައްތައަށް ވުރެ ބޮޑުނުވާނެކަން ފުރިހަމަ ޔަޤީންކަން ދެން، ރައީސް
މީގެ އިތުރުން، ކުރީ ސަރުކާރުތަކުން ބޮންޑާއި ސުކޫކު ނެގުމުގައި ޢަމަލުކުރި ގޮތުން ޚަރަދުތައް 10.5 އިންސައްތައަށް އުފުލިފައިވާކަން ފާހަގަކުރައްވައި، މި ސަރުކާރުގެ އަމާޒަކީ ދަރަނީގެ ދަންތުރައިން ރައްޔިތުން ސަލާމަތްކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.
ބޭރުގެ ދަރަނިތަކަށް ލުއި ހޯދުމަށް ކުރާ މަސައްކަތުގެ ދަށުން، ޗައިނާއަށް ދައްކަންޖެހޭ ދަރަނީގެ ބައެއް ރީފައިނޭންސް ކޮށްދީފައިވާ ކަމަށާއި، އިންޑިއާއަށް ދައްކަންޖެހޭ ދަރަނިތައްވެސް އައިއެމްއެފްގެ ޕްރޮގްރާމެއްގައި ބައިވެރިނުވެ ރޯލް އޮވަރ ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.