ޚަބަރު
ރިޔާސީ ބަޔާން: ރަމަޟާން މަހަށް އެކި ސަރަޙައްދުތަކުގައި 8 މިސްކިތެއް ހުޅުވޭނެ
ހޯރަފުށީގައި ހުންނަ އަލް-އިޚްލާސް މިސްކިތް / ފޮޓޯ: އެކްސް
ކުރިއަށް އޮތް ރަމަޟާން މަހަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި 8 މިސްކިތް ހުޅުވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް މިއަދު ބޭއްވި، ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި އަހަރުގެ ރަމަޟާން މަސް ފެށުމުގެ ކުރިން އިތުރު 8 މިސްކިތެއް ހުޅުވާނެ ކަމަށެވެ. އަދި މިސްކިތްތައް ބިނާކޮށް ހުޅުވުމުގެ އިތުރުން، ބޭނުންކުރަމުންދާ މިސްކިތްތައް މަރާމާތުކުރުމަށްވެސް މި ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދެއްވަމުން އަންނަކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން ނިމިދިޔަ އަހަރު 19.4 މިލިޔަން ރުފިޔާ ރާއްޖޭގެ އެކި ރަށްރަށުގައި ހުރި މިސްކިތްތައް މަރާމާތު ކުރުމަށް ސަރުކާރުން ހޭދަކޮށްފައިވާ ކަމަށާއި، މި އަހަރު 15 މިލިއަން ރުފިޔާ މިސްކިތްތައް މަރާމާތު ކުރުމަށް ހަމަޖައްސާފައިވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، ރާއްޖޭގެ އިތުރު 10 ރަށެއްގައި އިސްލާމީ މަރުކަޒު ޢިމާރާތްކުރުމުގެ މަސައްކަތް ފެށޭނެކަމަށާއި، މީގެ ތެރެއިން 3 މަރުކަޒެއްގެ އެއްބަސްވުމުގައި މިއަހަރު ޖެނުއަރީ 21 ގައި ވަނީ ސޮއި ކޮށްފައިވާނެކަމަށް ވިދާޅުވިއެވެ. ހަމަ އެހެންމެ މި އަހަރު، އިތުރު 17 ރަށެއްގައި މިސްކިތް އެޅުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމށް އެ ކަމިނުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިސްކިތްތަކަކީ އިސްލާމީ ޙަޟާރަތުގެ އެންމެ ޒީނަތްތެރި މަލަތައް ކަމަށާއި، އެހެންކަމުން މި ޒީނަތްތެރިކަން ސައްތައިންސައްތަ ދިވެހިރާއްޖޭން ވަރަށް ފުރިހަމައަށް ފެންނަންވާނެ ކަމަށެވެ.
މިސްކިތްތަކަކީ އިސްލާމީ ޙަޟާރަތުގެ އެންމެ ޒީނަތްތެރި މަލަތައް. އަޅުގަނޑު ދެކޭ ގޮތުގައި މި ޒީނަތްތެރިކަން ސައްތައިންސައްތަ ދިވެހިރާއްޖޭން ވަރަށް ފުރިހަމައަށް ފެންނަންވާނެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ވޭތުވެދިޔަ އަހަރު ކުރެވުނު މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިދިޔަ އަހަރު 74 މިސްކިތާއި، 7 އިސްލާމީ މަރުކަޒާއި، 3 ޤުރުއާން މަރުކަޒާއި، 6 ވަޤުފު ބިނާއާއެކު މުޅިއެކު 90 މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރިޔަށް ގެންދިޔަ ކަމަށެވެ. އަދި މި މަސައްކަތްތަކުގެ ތެރެއިން ހއ. ދިއްދޫ އިސްލާމިކް ސެންޓަރާއި، 10 ރަށެއްގެ މިސްކިތް ނިންމާފައިވާނެ ކަމަށެވެ.