ވިޔަފާރި / ޚަބަރު

މަދުން ބިދޭސީން ގެންގުޅޭ ކުންފުނިތަކުން ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތަށް ބަދަލުކުރަނީ

މަދުން ބިދޭސީން ގެންގުޅޭ ކުންފުނިތަކުން ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތަށް ބަދަލުކުރަނީ

ދެ ބިދޭސީއަކު ދޯންޏެއްގެ ބުރަފައްޗެއް އުފުލަނީ / ފޮޓޯ: މިހާރު

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

05 ފެބްރުއަރީ 2026، 08:28

05 ފެބްރުއަރީ 2026، 08:28

20 ބިދޭސީންނަށްވުރެ މަދުން ބިދޭސީން ގެންގުޅޭ ކުންފުނިތަކުން ކޯޓާ ފީ ނެގުން ހުއްޓާލުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މި އަހަރުގެ މާރޗު މަހުން ފެށިގެން 20 ބިދޭސީންނަށްވުރެ މަދުން ބިދޭސީން ގެންގުޅޭ ކުންފުނިތަކުން ކޯޓާ ފީ ނެގުން ހުއްޓާލުމަށް ބޭނުންވާ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެކަމަށެވެ. 

"20 ކޯޓާއަށްވުރެ މަދުން ބިދޭސީ ކޯޓާ ގެންގުޅޭ ކުންފުނި ތަކުން އަހަރީ ކޯޓާ ފީ މިއަހަރުގެ މާރޗް މަހުން ފެށިގެން ދައްކަން ނުޖެހޭ ގޮތަށް ހަމަޖެއްސުމަށް ސަރުކާރުން ބޭނުން. މިކަން ކުރުމަށްޓަކައި، ޤާނޫނަށް ގެންނަންޖެހޭ އިސްލާޙު މި ޢިއްޒަތްތެރި މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ކުރީކޮޅު ހުށަހަޅާނެ ވާހަކަ ދަންނަވަން."

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހަމަމިއާއިއެކު މިވިޔަފާރިތައް ތަރައްޤީ ކުރުމަށް އަޅާފައިވާ ފިޔަވަޅު ތަކުގެ ތެރޭގައި އިމްޕޯޓްކުރާ މުދާ އެއަރޕޯޓުން ކްލިއަރ ކުރުމަށް އޮތް 80 ގަޑިއިރުގެ ވަގުތު، 124 ގަޑިއިރަށް އިތުރުކުރުމާއި، ޑެމަރޭޖް ފީ ނާރާ، މާލެ އަދި ހުޅުމާލެ ޕޯޓުގައި ބެހެއްޓޭ މުއްދަތު 5 ދުވަހުން 10 ދުވަހަށް މިހާރު އިތުރުކޮށްދީފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ކުދި އަދި މެދު ފަންތީގެ ކެފޭ، ރެސްޓޯރަންޓްތައް ރަޖިސްޓަރީ ކުރުމަށް ނަގަމުންދިޔަ ފީ ކުރިއަށް އޮތް 2 އަހަރު ދުވަހަށް ފަންސާސް އިންސައްތަ އަށް ކުޑަކޮށްފައިވާ ކަންވެސް އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވިއެވެ.

މިފަދަ ވިޔަފާރިތައް ކުރިއެރުވުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ހަރުދަނާ އޮންލައިން ޕޭމަންޓް ނިޒާމެއް ރާއްޖޭގައި ނެތުމުންކަން ފާހަގަކުރައްވާ، އެކަން ހައްލުކުރެއްވުމަށް ޕޭޕަލް ރާއްޖޭގައި އޮޕަރޭޓްކުރަން ފެށުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ދާދި އަވަހަށް އެކަން ހަމަޖެހިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހުރި ފައިނޭންސިންގ ފުރުސަތުތަކަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވަނީ އިސްލާމިކް ފައިނޭންސިންގ އުސޫލުން، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މިފަދަ ވިޔަފާރިތަކަށް އެހީވުމަށް "ތިޖާރާ ރަށު ފަތުރު" ތަޢާރަފްކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ކަނޑުއުޅަނދުފަހަރާއި ގުޅުންހުރި ބޭނުންތަކަށް "ވެސަލް ފައިނޭންސިންގ" ގެ ނަމުގައި ފަސް ލައްކަ ރުފިޔާއާ ހަމައަށް ފައިނޭންސިންގ ޕްރޮޑަކްޓެއް ތަޢާރަފް ކުރުމާއި ކޮންޓެންޓް ކްރިއޭޓަރުންނާއި ފިލްމު ޕްރޮޑިއުސަރުންނަށް އަމާޒުކޮށްގެން ފަސް ލައްކަ ރުފިޔާއާއި ހަމައަށް ފައިނޭންސިންގ ފެސިލިޓީ އެއް ތަޢާރަފް ކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450