ދުނިޔެ

ބަލޯޗިސްތާނުގައި ހިންގި ހަފްތާއެއްގެ އޮޕަރޭޝަނެއްގައި 216 ހަނގުރާމަވެރިން މަރާލައިފި ކަމަށް ޕާކިސްތާނު ސިފައިން ބުނެފި

ބަލޯޗިސްތާނުގައި ހިންގި ހަފްތާއެއްގެ އޮޕަރޭޝަނެއްގައި 216 ހަނގުރާމަވެރިން މަރާލައިފި ކަމަށް ޕާކިސްތާނު ސިފައިން ބުނެފި

ޕާކިސްތާނުގެ އާމީ އޮފިސަރެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

05 ފެބްރުއަރީ 2026، 09:46

05 ފެބްރުއަރީ 2026، 09:46

ޕާކިސްތާނުގެ ހުޅަނގު ދެކުނުގައި އޮންނަ ބަލޯޗިސްތާނު ޕްރޮވިންސްގައި ހަފްތާއެއްގެ މުއްދަތަށް ކުރިއަށް ގެންދިޔަ ސަލާމަތީ އޮޕަރޭޝަނެއްގައި 216 ހަނގުރާމަވެރިން މަރާލާފައިވާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

މި އޮޕަރޭޝަނަކީ އެ ސަރަހައްދުގައި ހަރަކާތްތެރިވާ ވަކިވެގަންނަން މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ ބަލޯޗިސްތާނު ލިބަރޭޝަން އާމީ (ބީ.އެލް.އޭ) އިން ދިން ވަރުގަދަ ހަމަލާތަކަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

ޕާކިސްތާނު އަސްކަރިއްޔާއިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "އޮޕަރޭޝަން ރައްދުލް ފިތުނަ-1" ގެ ނަމުގައި ހިންގި މި ހަރަކާތަކީ ޓެރަރިސްޓުންގެ ނެޓްވޯކްތައް ނައްތާލުމަށް އަމާޒުކޮށްގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. ޖެނުއަރީ 29 ވަނަ ދުވަހު ފެށި މި އޮޕަރޭޝަނަކީ ބީ.އެލް.އޭ އިން ސްކޫލްތަކާއި، ބޭންކުތަކާއި، މާރުކޭޓުތަކުގެ އިތުރުން އަސްކަރީ މަރުކަޒުތަކަށް ދިން ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ހިންގި އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަނުގައި 216 ހަނގުރާމަވެރިން މަރާލުމުގެ އިތުރުން، ބޭރު ގައުމުތަކުގައި އުފައްދާފައިވާ ގިނަ އަދަދެއްގެ ހަތިޔާރާއި، ގޮވާތަކެތި އަދި އަސްކަރީ ސާމާނު އަތުލައިގަނެފައިވާ ކަމަށް އަސްކަރިއްޔާއިން ބުނެއެވެ. އަދި މި ހަނގުރާމަވެރިންނަށް ބޭރުގެ ފަރާތްތަކުން އެހީތެރިކަން ލިބެމުންދާ ކަމަށް ބެލެވޭ ކަމަށްވެސް އަސްކަރިއްޔާގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މި ކުރިމަތިލުންތަކުގެ ތެރޭގައި އާންމުންގެ 36 މީހުން މަރުވެފައިވާ ކަމަށް އަސްކަރިއްޔާއިން މައުލޫމާތުދެއެވެ. މީގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭއިރު، ސަލާމަތީ ބާރުތަކުގެ 22 މީހަކުވެސް ވަނީ މި އޮޕަރޭޝަނުގައި މަރުވެފައެވެ. ބަލޯޗިސްތާނަކީ ގުދުރަތީ ވަސީލަތްތަކުން މުއްސަނދި ސަރަހައްދެއް ނަމަވެސް، އެ ސަރަހައްދުގެ މުއްސަނދިކަން މަރުކަޒީ ސަރުކާރުން ބޭނުންކުރާ ކަމަށް ބުނެ ވަކިވެގަންނަން މަސައްކަތްކުރާ ގްރޫޕްތަކުން ދަނީ އެތައް އަހަރެއް ވަންދެން ހަނގުރާމަ ކުރަމުންނެވެ.

ބަލޯޗިސްތާނުގެ ޗީފް މިނިސްޓަރު ސަރުފަރާޒް ބުގްތީ ވިދާޅުވީ ވޭތުވެދިޔަ 12 މަސްދުވަހުގެ ތެރޭގައި އެ ސަރަހައްދުން 700 އަށްވުރެ ގިނަ ޓެރަރިސްޓުން ނައްތާލެވިފައިވާ ކަމަށެވެ. "މިފަދަ ހަމަލާތަކުން ޓެރަރިޒަމާ ދެކޮޅަށް އަޅުގަނޑުމެން ކުރާ މަސައްކަތަކަށް ބުރޫއެއް ނޭރޭނެ،" އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، އިންޑިއާ އާއި އަފްޛާނިސްތާނުން ހަނގުރާމަވެރިންނަށް އެހީތެރިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވި ނަމަވެސް، އެ ދެ ގައުމުން ވަނީ އެކަން ދޮގުކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450