ޚަބަރު
ރައީސުލްޖުމްހޫރިއްޔާގެ ކޮންމެ ޖުމްލައަކުންވެސް ރައްޔިތުންގެ ހިތްތަކަށް ޔަގީންކަމާއި ތަސައްލީ ގެނަސްދެއްވި: ވަޒީރު ސަޢީދު
ވަޒީރު ސަޢީދު---
ފަރުދުން
05 ފެބްރުއަރީ 2026، 10:32
05 ފެބްރުއަރީ 2026، 10:32
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، 2026ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް، ރައްޔިތުންގެ މަޖިލީސްކުރާ ގޭގައި މިއަދު ހެނދުނު އޮތް މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ވިދާޅުވި ކޮންމެ ޖުމްލައަކުންވެސް ރައްޔިތުންގެ ހިތްތަކަށް ޔަޤީންކަމާއި ތަސައްލީ ގެނަސްދެއްވިކަމަށް، އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓޭއްގައި ވަޒީރު ވިދާޅުވީ، ރިޔާސީ ބަޔާނުގައި ވަރަށް ތަފްސީލުކޮށް ރައީސުލްޖުމްހޫރިއްޔާ ހާމަކޮށްދެއްވީ އެ މަނިކުފާނު ދިވެހިރާއްޖޭގެ ތަރައްޤީއާމެދު ކުރައްވާ އުންމީދީ ތަޞައްވުރު ކަމަށާއި، އަދި އެ ތަޞައްވުރު ހަޤީޤަތަކަށް ހެއްދެވުމަށް މި އަހަރު ކުރައްވާނޭ ޢަމަލީ މަސައްކަތްޕުޅުތަކުގެ ވާހަކަތައް ކަމަށެވެ. އަދި މިކަންކަމަކީ ތެދު ހަޤީޤަތްކަން ހާމަވަނީ، ސާބިތު ހެކިތަކާއި، ތަފާސްހިސާބުތައް ވެސް ހާމަކުރެއްވުމުން ކަމުގައެވެ.
މި ބަޔާނުގައި އެމަނިކުފާނު ވިދާޅުވި ކޮންމެ ޖުމްލައަކުންވެސް ރައްޔިތުންގެ ހިތްތަކަށް ޔަގީންކަމާއި ތަސައްލީ ގެނަސްދެއްވީ، ކަންކަން ހިނގަމުން ދިޔަ ގޮތާއި، ސާބިތު ހެކިތަކާއި ހަގީގަތްތަކާއި، ތަފާސްހިސާބުތައް ހާމަކުރައްވައިގެން.
ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، އެހެން އަހަރުތަކާ ޚިލާފަށް މި ފަހަރުގެ ރިޔާސީ ބަޔާން ޙާއްޞަކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ރައީސްދެއްވި ތަފްސީލުތަކާއި ޚިއްޞާ ކުރެއްވި މުހިންމު ގިނަ މަޢުލޫމާތުގެ އިތުރަށް، ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ އެ މަނިކުފާނު ހަވާލުވެ ވަޑައިގެންނެވިއިރު ވާރުތަވަމުން އައި ބިޔަބޮޑު ދަރަނި ޑިފޯލްޓް ނުވެ އަދާކުރަންޖެހޭ އަހަރަކީ މިއަހަރު (2026) ކަމުގައިވުމީ، މި ބަޔާން ޚާއްޞަވި ސަބަބެއްކަމަށް ވިދާޅުވިއެވެ.
އަދި ވާރުތަވެފައިވާ ބިޔަބޮޑު ދަރަންޏާމެދު އެ މަނިކުފާނުގެ ސަރުކާރުން ޢަމަލު ކުރައްވާނެ ގޮތް ހާމަކުރައްވައި، އެ ދަރަނީގެ ފުން އަނދަވަޅުން ޤައުމު ސަލާމަތްކުރައްވާނޭކަމަށް ދެއްވި ޔަޤީންކަމާއި ޢަޒުމުގެ ސާބިތުކަމަށްޓަކައި އެކަނިވެސް މިއީ ތާރީޚީ ބަޔާނަކަށް ވެގެންދިޔަ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ތަފްސީލުތައް ހިއްސާކުރެއްވުމުގެ ހާމަކަންބޮޑު. ޤައުމަށް ކުރިމަތިވެފައިވާ މިފަދަ ކޮންމެ މައްސަލައަކާ ކުރިމަތިލައްވައި ސަލާމަތުގެ އައްސޭރިއަކަށް ރައްޔިތުން ގެންގޮސްދެއްވާނެ ގޮތްވެސް މިއަދު އެމަނިކުފާނު ވިދާޅުވެދެއްވީ ނުހަނު ހާމަކަންބޮޑުކޮށް!
ވަޒީރު ވިދާޅުވިއެވެ.
މި އަހަރުގެ ބަޖެޓުގައި ދަރަނި ދެއްކުމަށް ބޮޑު އަދަދެއް އޮތުމުގެ މައިގަނޑު ސަބަބަކީ ނިމިދިޔަ ސަރުކާރުތަކުން ދައުލަތަށް އާމްދަނީ ލިބޭ މިންގަނޑާ އިދިކޮޅަށް، އަނބުރާ އެކީ އެއްފަހަރާ ދައްކާ ގޮތަށް ނަގާފައިވާ ޖުމުލަ 600 މިލިއަން އެމެރިކާ ޑޮލަރު ދެއްކުމުގެ ޒިންމާ ދިވެހި ސަރުކާރުގެ މައްޗަށް އުފައްދާފައި އޮތުމެވެ. ފާހަގަކޮށްލަންޖެހޭ ގޮތުގައި ނިމިދިޔަ އެއްވެސް ސަރުކާރަކުން މިހާ ބޮޑު ދަރަންޏެއް އެއްފަހަރާ ދައްކަން ޖެހިފައެއް ނުވެއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ 600 މިލިޔަން ޑޮލަރު ދެއްކުމުގެ އިންތިޒާމްތައް ހަމަޖައްސަވާފައިވާކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ދެއްވާފައެވެ.