ޚަބަރު
ސަންޕާ ސަރަޙައްދު ބެލެހެއްޓުން ޒަމާނީ ކުރުމަށް "ޓެކް-ފޯ-ނޭޗަރ" މަޝްރޫޢު އިފްތިތާޙުކޮށްފި
"ޓެކް-ފޯ-ނޭޗަރ" މަޝްރޫޢު އިފްތިތާޙުކުރުން ފޮޓޯ: ވުޒާރާ
ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ (ސަމްޕާ) ގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމުގެ ނިޒާމު ޒަމާނީ ކުރުމަށްޓަކައި "ޓެކް-ފޯ-ނޭޗަރ" ގެ ނަމުގައި އައު މަޝްރޫޢެއް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
މި މަޝްރޫޢު އިފްތިތާޙުކޮށްފައިވަނީ "މޯލްޑިވްސް ޕްރޮޓެކްޓަޑް އެންޑް ކޮންޒާވްޑް އޭރިއާސް ފޯރަމް 2026" ނިންމުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައެވެ. މިއީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީއާއި، އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންސަވޭޝަން އޮފް ނޭޗަރ (އައި.ޔޫ.ސީ.އެން) އަދި ހުއާވޭ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ޒަމާނީ ޓެކްނޮލޮޖީއާއި ވަގުތުން މުޢާމަލާތް ކުރެވޭނެ ވަސީލަތްތައް ބޭނުންކޮށްގެން، ރާއްޖޭގެ ފެހުރިހީގެ އާބާދީ ހިމާޔަތްކުރުމެވެ. އަދި ދުނިޔޭގެ ފެންވަރުގެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އޮތް ސަންޕާ ސަރަޙައްދުގެ އިޖުތިމާޢީ، އިޤްތިޞާދީ އަދި ތިމާވެށި ހިމާޔަތްކުރުމާއި ތަރައްޤީއާ ދެމެދު ހަމަހަމަ އުޞޫލެއް ޤާއިމުކުރުމަކީވެސް މި މަޝްރޫޢުގެ މުހިންމު އަމާޒެކެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖޭގައި ހިމާޔަތްކޮށްފައިވާ ކަނޑުގެ އެންމެ ބޮޑު ސަރަޙައްދުގެ ގޮތުގައި ހިމެނޭ "ސަމްޕާ" އަކީ އަހަރުގެ ހުރިހާ ދުވަހަކުވެސް ފެހުރިހި ފެންނަ، ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މުހިންމު ސަރަޙައްދެކެވެ. ނަމަވެސް އެ ސަރަޙައްދު ބޮޑުވުމާއި، އެތަނަށް ވަދެނިކުމެވޭނެ ގިނަ މަގުތަކެއް ހުރުމުގެ ސަބަބުން، އާދައިގެ ގޮތްތަކަށް އެ ސަރަޙައްދު ބެލެހެއްޓުމަކީ އިދާރީ ގޮތުން ކުރިމަތިވާ ބޮޑު ގޮންޖެހުމެކެވެ.
އައު މަޝްރޫޢުގެ ދަށުން، މި ސަރަޙައްދު ބަލަހައްޓާ ރޭންޖަރުންނަށް ޑިޖިޓަލްކޮށް އެ ސަރަހައްދު ބަލައިލާ އަދި ރިޕޯޓް ކުރެވޭނެ ޒަމާނީ ވަސީލަތްތައް ފޯރުކޮށްދެވޭނެއެވެ. މީގެ ސަބަބުން މަޢުލޫމާތު އެއްކުރުމާއި މުޢާމަލާތްކުރުން ހަރުދަނާވެ، ކަނޑުގެ ސަރަޙައްދު ބެލެހެއްޓުން އިތުރަށް ވަރުގަދަވެގެންދާނެއެވެ. އަދި އައި.ޔޫ.ސީ.އެންގެ "ގްރީން ލިސްޓް" އަށް މި ސަރަޙައްދު ހޮވުމަށް ބޭނުންވާ ސައިންޓިފިކް މަޢުލޫމާތުތައް ލިބުމަށްވެސް މަގުފަހިވާނެއެވެ.
މި މަޝްރޫޢަކީ ހުއާވޭގެ "ޓެކް-ފޯ-އޯލް" ޑިޖިޓަލް އިންކްލޫޝަން ޕްރޮގްރާމްގެ ދަށުން، 2020 ވަނަ އަހަރު އައި.ޔޫ.ސީ.އެން އާއި ހުއާވޭ ގުޅިގެން ފެށި ދުނިޔޭގެ ފެންވަރުގެ އިސްނެގުމުގެ ބައެކެވެ. މިއީ ރާއްޖޭގައި ފެށޭ ފުރަތަމަ "ޓެކް-ފޯ-ނޭޗަރ" މަޝްރޫޢެވެ.
މި މަޝްރޫޢުގެ ސަބަބުން ރޭންޖަރުންނަށް ޤަވާޢިދާ ޚިލާފު ޢަމަލުތަކަށް ވަގުތުން އިޖާބަދީ ފިޔަވަޅު އެޅުމުގެ ޤާބިލުކަން ލިބި، ފެހުރިއްސަށް އިންސާނުންގެ ފަރާތުން ލިބޭ ގެއްލުންތައް ކުޑަކުރެވޭނެއެވެ. އަދި ޢަމަލީ މަސައްކަތްތަކާ އެކު، އައި.ޔޫ.ސީ.އެން ގްރީން ލިސްޓް ސްޓޭންޑަރޑްއަށް ރޭންޖަރުން އަހުލުވެރިކުރުވުމުގެ ތަމްރީނުތަކާއި 'ބޭސްލައިން ގްރީން ލިސްޓް ސައިޓް އެސެސްމަންޓެއް' ވެސް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.