Ads by Farudhun

ޚަބަރު

މި އަހަރު ނިމޭއިރު ދަރަނި ދެއްކުމަށް 11.7 ބިލިއަން ރުފިޔާ ޚަރަދުވާނެ: މާލީ ވަޒީރު

މި އަހަރު ނިމޭއިރު ދަރަނި ދެއްކުމަށް 11.7 ބިލިއަން ރުފިޔާ ޚަރަދުވާނެ: މާލީ ވަޒީރު

މާލީ ވަޒީރު ހަސަން ޒަރީރު - ފޮޓޯ: އެމްއެމްޓީވީ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

29 އޮކްޓޯބަރު 2026، 02:19

29 އޮކްޓޯބަރު 2026، 02:19

މި އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި އަދާކުރުމަށް ޖުމްލަ 11.7 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް މާލީ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިދެއްވަމުން، ވަޒީރު ވިދާޅުވީ، މި ހިނގާ އަހަރަކީ ރައްޔިތުންގެ ބޮލުގައި އެޅިފައިވާ ބޮޑު ދަރަނީގެ ބުރައިން ގައުމު ސަލާމަތްކުރުމަށްޓަކައި ދައުލަތުގެ ބަޖެޓުން ރެކޯޑު މިންވަރަކަށް ޚަރަދުކުރެވުނު އަހަރެއް ކަމަށެވެ. އެގޮތުން، ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ބޮޑެތި ދަރަނިތައް ދައްކަންޖެހޭ މުއްދަތު ހަމަވިއިރު، އެކަމަށް ސަރުކާރުން އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މާލީ ވަޒީރު ހާމަކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ދަރަނި އަދާކުރުމަށް 10.4 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި އަހަރު ނިމޭއިރު އެ އަދަދު 11.7 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. ވަޒީރު ވިދާޅުވީ، މި ބޮޑު އަދަދު ދައްކައި ޚަލާސްކުރެވުނީ އެއްވެސް އިތުރު ދަރަންޏެއް ނުނަގައި، ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށްފަހު ކަމަށެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ކުރިއަށް އޮތް 2027 ވަނަ އަހަރު ދަރަނި އަދާކުރުމަށް ސަރުކާރުން ކުރަންޖެހޭ ހޭދަ 4.5 ބިލިއަން ރުފިޔާއަށް ކުޑަކުރެވިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"ހަމައެޔާއެކު، ފާހަގަކޮށްލަން ޖެހޭ އަނެއްކަމަކީ، މިއަހަރުގެ މިހާތަނަށް 10.4 ބިލިއަން ރުފިޔާ މި ސަރުކާރުން ދަރަނީގެ ގޮތުގައި އަނބުރާ ދައްކާފައިވަނީ ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކޮށް، ދައުލަތުން މިކަމަށް އިތުރު ދަރަންޏެއް ނެގުމެއް ނެތި. އަދި މިއަހަރުގެ ނިޔަލަށް ޖުމުލަ 11.7 ބިލިއަން ރުފިޔާ ދަރަނި އަނބުރާ ދެއްކުމަށް ޚަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ. މި ދަރަނިތައް ދައްކައި ޚަލާސްކުރުމުން، މި އަންނަ އަހަރު ސަރުކާރުން ދަރަނި ދެއްކުމަށް ހޭދަކުރަންޖެހޭ މިންވަރު ވަނީ ދަށްކުރެވިފައި،"

ވަޒީރު ވިދާޅުވިއެވެ. 

މި އަހަރު ކުރު މުއްދަތެއްގެ ތެރޭގައި ދައްކަންޖެހޭ ދަރަނި އަދާނުކުރެވިދާނެ ކަމުގެ ބޮޑު ކަންބޮޑުވުމެއް މީގެ ކުރިން އޮތް ނަމަވެސް، އެކަން ހައްލުކުރުމަށް ސަރުކާރުން ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން، މި އަހަރު ދަރަންޏަށް 15 ބިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް ކުރިން ލަފާކުރެވުނު ނަމަވެސް، އެކުވެރި ދޭދޭ ގައުމުތަކާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކާއެކު ސަރުކާރުން ކުރި މަޝްވަރާތަކުގެ ސަބަބުން އެ އަދަދު ވަނީ ކުޑަކުރެވިފައެވެ. އަދި މީގެއިތުރުން، ރަސްމީ ރިޒާވްގެ ހާލަތު ރަނގަޅުކުރުމާއި، ކުރިމަގުގެ ޖީލުތަކަށް ދަރަނީގެ ބުރަ އުފުލަން ނުޖެހޭނެ ގޮތް ހެދުމަށްޓަކައި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް ފައިސާ ޖަމާކޮށް ރައްކާކުރުމަށް ސަރުކާރުން ދިން އަހައްމިއްޔަތުކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ދަރަނި ދެއްކުމުގައި ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ފޮނިމީރު ނަތީޖާއަކަށް ވެގެންދިޔައީ، ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ އިތުބާރު ޤާއިމުކޮށް އަދި ރޭޓިންގް އޭޖެންސީތަކުން ރާއްޖެއަށް ދީފައިވާ ރޭޓިންގ މަތިކުރުން. މިއީ މާލީ ގޮތުން މި ޤައުމު ހޯދި މުހިންމު ކާމިޔާބެއް،"

ވަޒީރު ވިދާޅުވިއެވެ. 

ވަޒީރު ޙަސަން ޒަރީރު އިތުރަށް ވިދާޅުވީ، ދަރަނި ދެއްކުމުގައި ސަރުކާރުން އެޅި މި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން، ދިވެހި ދައުލަތުގެ މާލީ އިލްތިޒާމުތައް ފުރިހަމަކުރުމުގެ ގާބިލުކަން ހުރިކަން ބޭރު ދުނިޔެއަށް ސާބިތުވެ، ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ އިތުބާރު ގާއިމުކުރެވިފައިވާ ކަމަށެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ކްރެޑިޓް ރޭޓިން އޭޖެންސީތަކުން ރާއްޖެއަށް ދީފައިވާ ރޭޓިން މަތިކޮށްފައިވާ ކަމަށާއި، މިއީ ރާއްޖޭގެ މާލީ ދާއިރާއިން ހޯދި ވަރަށް މުހިންމު އަދި ތާރީޚީ ކާމިޔާބީއެއް ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450