Ads by Farudhun

ޚަބަރު

މެދުއިރުމަތީގެ ހަނގުރާމައާއެކުވެސް ދައުލަތަށް އަންދާޒާކުރި އާމްދަނީ ލިބޭނެ: ޒަރީރު

މެދުއިރުމަތީގެ ހަނގުރާމައާއެކުވެސް ދައުލަތަށް އަންދާޒާކުރި އާމްދަނީ ލިބޭނެ: ޒަރީރު

މާލީ ވަޒީރު ހަސަން ޒަރީރު - ފޮޓޯ: އެމްއެމްޓީވީ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

29 އޮކްޓޯބަރު 2026، 02:43

29 އޮކްޓޯބަރު 2026، 02:43

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށާއި އިގުތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް، މި އަހަރު ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި ޖުމްލަ އާމްދަނީ ހަމަވާނެ ކަމަށް މާލީ ކަންކަމާއި ދައުލަތުގެ ވިޔަފާރިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވައިދެއްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.

ބަޖެޓު ބަޔާން އިއްވަވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ފާއިތުވި 2025 ވަނަ އަހަރަކީ ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި އަހަރެކެވެ. އަދި ހިނގަމުންމިދާ އަހަރުގެ ފުރަތަމަ ދެ މަސްދުވަހު ވެސް ފަތުރުވެރިން އައިސްފައިވަނީ އަންދާޒާކުރި ވަރަށްވުރެ އިތުރަށެވެ. އެހެންނަމަވެސް، ފެބުރުވަރީ މަހުގެ ފަހުކޮޅު މެދުއިރުމަތީގައި ފެށުނު ހަނގުރާމައިގެ ސަބަބުން ބައިނަލްއަގުވާމީ ދަތުރުފަތުރަށާއި ތެލުގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރައި، ރާއްޖޭގެ ފަތުރުވެރިކަމަށް އޭގެ ސީދާ ނޭދެވޭ އަސަރު ވަނީ ކޮށްފައެވެ.

ޚާއްޞަކޮށް، ޔޫރަޕުން ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިން މެދުއިރުމަތީގެ ވައިގެ ބަނދަރުތައް ޓްރާންސިޓް ހަބްތަކުގެ ގޮތުގައި ބޭނުންކުރުމަށް ހުރަސްތަކެއް އެޅުމުން ފަތުރުވެރިން އައި މިންވަރު ވަރަށް ބޮޑަށް ދަށްވި ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން، މި އަހަރުގެ މާރިޗު އަދި އެޕްރީލް މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 23 އިންސައްތަ ދަށަށް ދިޔައެވެ. އަދި މި އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ބަލާއިރު، މި އަހަރު އައި ފަތުރުވެރިންގެ ޖުމްލަ އަދަދު ވަނީ ވޭތުވެދިޔަ އަހަރަށްވުރެ 3.6 އިންސައްތަ ދަށްވެފައެވެ.

"އެގޮތުން، ޔޫރަޕްގެ ޤައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިން މެދުއިރުމަތީގައި ޓްރާންސިޓްކުރާ ހަބްތަކަށް ބުރޫއަރައި ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރަށް ނޭދެވޭ އަސަރުތަކެއް ކުރި. އެހެންކަމުން، މާރިޗު މަހާއި އެޕްރީލް މަހު ރާއްޖެ ޒިޔާރާތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު ވަނީ 2025 ވަނަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 23 އިންސައްތަ އިން ދަށްވެފަ. އަދި މިއަހަރު އޮކްޓޫބަރުމަހު 27ގެ ނިޔަލަށް ފަތުރުވެރިންގެ އަދަދު ވަނީ ފާއިތުވި އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 3.6 އިންސަތައިން ދަށްވެފަ.،"

ވަޒީރު ވިދާޅުވިއެވެ. 

މި ހާލަތާ ގުޅިގެން މި އަހަރަށް ކުރިން އަންދާޒާކުރި އަދަދަށް ފަތުރުވެރިން ނާންނާނެ ކަމަށް ބެލެވުނު ނަމަވެސް، ވޭތުވެދިޔަ އަހަރާ ގާތްކުރާ މިންވަރަކަށް ފަތުރުވެރިން ގެނެވޭނެ ކަމަށް ސަރުކާރުން އަދިވެސް އުންމީދުކުރެއެވެ. ވަޒީރު ވިދާޅުވީ، ބައިނަލްއަގުވާމީ މިފަދަ ބޮޑެތި ލޮޅުންތަކާ އެކުވެސް ދިވެހި އިގުތިސާދުގެ ވިލުންތެރިކަން ސާބިތުވެ، މި އަހަރަށް އަންދާޒާކުރި މިންވަރަށް ދައުލަތަށް އާމްދަނީ ލިބެމުންދާ ކަމީ ލިބޭ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

"އުފަލާއެކު ދަންނަވަން އޮތީ، މިއަހަރުގެ މިހާތަނަށް ބަލާއިރުވެސް، އަޅުގަނޑުމެން މިއަހަރަށް އަންދާޒާކުރި މިންވަރަށް ދައުލަތަށް އާމްދަނީ ލިބޭނެ ކަމަށް ބެލެވޭ،"

ވަޒީރު ވިދާޅުވިއެވެ. 

ވަޒީރު ޒަރީރު ފާހަގަކުރެއްވި ގޮތުގައި އިގުތިސާދަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިގެން ދިއުމާ ގުޅިގެން ސަރުކާރުގެ ހޭދަ އިތުރުވުމެވެ. ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ އަސަރު އާންމު ދިރިއުޅުމަށާއި ވިޔަފާރިތަކަށް ސީދާ ގޮތުން ފޯރި ނަމަވެސް، ރައްޔިތުންނަށް އޭގެ ބުރަ ކުޑަކުރުމަށް ސަރުކާރުން ބޮޑު ހޭދައެއް ކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެހެންނަމަވެސް، ދިވެހި ރައްޔިތުންގެ އާންމު ދިރިއުޅުމަށް ބުރޫއެރުމެއް ނެތި، ވިޔަފާރި ހަރަކާތްތައް ކުރިއަށް މިދަނީ ސަރުކާރުން ތެލުގެ އަގުތައް އުފުލުމުގެ އަސަރު ކުޑަކޮށްދީގެން. ރައްޔިތުންނަށް ހެޔޮއަގުގައި ކަރަންޓު ފޯރުކޮށްދިނުމުގެ މަގުސަދުގައި ދެމުންދާ ފިއުލް ސަބްސިޑީގެ ޚަރަދު ވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން މި އަހަރުގެ ތެރޭގައި ވަރަށް ބޮޑަށް އިތުރުވެފައި،"

ވަޒީރު ވިދާޅުވިއެވެ. 

ބޭރުގެ ބައެއް ގައުމުތަކުގައި ތެޔޮ ވިއްކުން ކޮންޓްރޯލްކޮށް، ކަރަންޓުގެ ޚިދުމަތް މެދުކަނޑާލަން ޖެހުނު ނަމަވެސް، ރާއްޖޭގައި އެފަދަ ހާލަތެއް މެދުވެރިނުވެ، އަސާސީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދެވުނީ ސަރުކާރުން ދިން ފިއުލް ސަބްސިޑީގެ ސަބަބުންނެވެ.

މި އަހަރު ނިމޭއިރު ތެލުގެ ސަބްސިޑީއަށް ދައުލަތުގެ ބަޖެޓުން 3.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ވަޒީރު ލަފާކުރެއްވިއެވެ. މިއީ ކުރިން އަންދާޒާކުރި މިންވަރަށްވުރެ ބޮޑު އަދަދެއް ނަމަވެސް، ސަރުކާރުގެ ވިސްނުމަކީ ހަރުދަނާ ފިޔަވަޅުތަކާއެކު އަންނަ އަހަރު ތެލުގެ ސަބްސިޑީގެ ޚަރަދު 3.2 ބިލިއަން ރުފިޔާއަށް ކުޑަކުރުން ކަމުގައި ވެސް މާލީ ވަޒީރު ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450