Ads by Farudhun

ޚަބަރު

2027 ގައި އެންމެ އިސްކަންދޭނީ މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް: ވަޒީރު ޒަރީރު

2027 ގައި އެންމެ އިސްކަންދޭނީ މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް: ވަޒީރު ޒަރީރު

މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު، ޙަސަން ޒަރީރު

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

29 އޮކްޓޯބަރު 2026، 02:44

29 އޮކްޓޯބަރު 2026، 02:44

ދިވެހިރާއްޖޭގެ އިޤްތިޞާދީ އޮނިގަނޑު މުޅިން އައު ހަރުފަތަކަށް ގެންގޮސް، ފުދުންތެރި އަދި ވިލުންވެރި ޤައުމަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ އުންމީދީ ދަތުރުގައި އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ މައި މަޝްރޫޢަކީ ތިލަފުށީ ބައިނަލްއަޤްވާމީ ވިޔަފާރި ބަނދަރު (ތިލަފުށީ ޕޯޓް) ތަރައްޤީކުރުމުގެ މަޝްރޫޢުކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު، ޙަސަން ޒަރީރު މިއަދު ހާމަކުރައްވައިފިއެވެ. 

ވަޒީރު މިހެން ވިދާޅުވީ، ކުރިއަށް އޮތް 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.

ވަޒީރު ވިދާޅުވީ، މާލޭގެ ކުޑަ ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުން ހައްލުކޮށް، ދިވެހިރާއްޖޭގެ ލޮޖިސްޓިކްސް އަދި ވިޔަފާރީގެ ނިޒާމު މުޅިން ބަދަލުކޮށްލާނެ މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުންނާއި ޤައުމީ ތަރައްޤީގެ ޕްލޭންގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދީގެން ތަންފީޒުކުރެވެމުންދާ ޤައުމީ ސިޔާސަތު ކަމަށެވެ. 

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބޮޑު މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާއިރު، މިއީ ރާއްޖޭގެ ކަނޑުގެ ދަތުރުފަތުރާއި ވިޔަފާރީގެ ތާރީޚުގައި ވެސް ހިންގޭ އެންމެ ބޮޑު އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓެވެ. މިހާރު މާލޭގައި އޮތް އެންމެ 5 ހެކްޓަރުގެ ބިމާއި 101 މީޓަރުގެ ކީވޯލްގެ ބަދަލުގައި، ތިލަފުށީގައި ތަރައްޤީކުރެވެނީ 60 ހެކްޓަރުގެ ބޮޑު ސަރަހައްދެއްގައި 1.4 ކިލޯމީޓަރުގެ ކީވޯލްއަކާއެކު ބައިނަލްއަޤްވާމީ ފެންވަރުގެ ޒަމާނީ ބަނދަރެކެވެ. މިއާއެކު ކޮންޓެއިނަރު ހެންޑްލިންގ ޖާގަ 390,000 އަށް އިތުރުވެގެންދާނެއެވެ.

މި މަޝްރޫޢަކީ ސަރުކާރުގެ އެންމެ އިސް އަމާޒު ކަމުގައިވާތީ، 11 ނޮވެމްބަރު 2027 ގެ ކުރިން ބަނދަރުގެ މަސައްކަތްތައް ނިންމައި އޮޕަރޭޝަނަލައިޒް ކުރުމަށް ވަނީ ތާވަލުކުރެވިފައެވެ. މި ބަނދަރު ބޭނުންކުރަން ފެށުމާއެކު، މުދާ ބާލަން މިހާރު ހޭދަވާ 9 ދުވަހާއި 14 ދުވަހުގެ ދިގު އިންތިޒާރު އެންމެ 3 ދުވަހަށްވުރެ ކުރު މުއްދަތަކަށް އަވަސްވެގެންދާނެއެވެ. މީގެ ސަބަބުން ކާބޯތަކެއްޗާއި އާންމު މުދަލުގެ އަގުތައް ހެޔޮވެ، މާލޭގެ މަގުތަކުގެ ތޮއްޖެހުމަށް ދާއިމީ ހައްލެއް ލިބި، މުޅި ރާއްޖޭގެ ސަޕްލައި ޗެއިން ވަރުގަދަވެގެންދާނެއެވެ.

2027 ވަނަ އަހަރުގެ ބަޖެޓުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) އަށް ކަނޑައަޅާފައިވާ 8.2 ބިލިއަން ރުފިޔާގެ ތެރެއިން މުހިންމު ބައެއް މި މަޝްރޫޢަށާއި، ބަނދަރާ ގުޅިފައިވާ ތިލަމާލެ ބްރިޖުގެ މަސައްކަތްތަކަށް ވަނީ ޚާއްޞަކުރެވިފައެވެ. ތިލަފުށީ ޕޯޓާއި ތިލަމާލެ ބްރިޖު ގުޅިގެން ދިއުމުން، މުޅި ގްރޭޓަރ މާލެ ސަރަޙައްދުގެ ލޮޖިސްޓިކްސް ހަބް ފުރިހަމަވެ، އަމިއްލަ ވިޔަފާރިތަކަށާއި ބޭރުގެ އިންވެސްޓަރުންނަށް އައު ފުރުޞަތުތަކެއް ފަހިވެ، ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެއެވެ.

ތިލަފުށީ ބައިނަލްއަޤްވާމީ ބަނދަރަކީ ހަމައެކަނި މުދާ ބާލާ ތަނެއް ނޫނެވެ. އެއީ ދިވެހިރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، ފިސްކަލް އަދި އިޤްތިޞާދީ މިނިވަންކަން ކަށަވަރުކޮށްދޭނެ އެންމެ މުހިންމު އިޤްތިޞާދީ ބިންގަލެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450