ދުނިޔެ

ޣައްޒާއިން ނުކުތުމަށް ތައްޔާރުވުމަށް އިޒްރާއީލުން ޣައްޒާގެ ރައްޔިތުންނަށް އިންޒާރު ދީފި

ޣައްޒާއިން ނުކުތުމަށް ތައްޔާރުވުމަށް އިޒްރާއީލުން ޣައްޒާގެ ރައްޔިތުންނަށް އިންޒާރު ދީފި

އިޒްރާއީލުން ހަރުކަށި ފިޔަވަޅުތަކަކާއެކު ރަފަހް ބޯޑަރު ވަގުތީ ގޮތުން ހުޅުވާލުމާ ގުޅިގެން ޣައްޒާއަށް އެނބުރި ދިޔަ ފަލަސްތީނުގެ އަންހެނެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

06 ފެބްރުއަރީ 2026، 05:28

06 ފެބްރުއަރީ 2026، 05:28

ޣައްޒާގެ ރައްޔިތުން ޣައްޒާއިން ނުކުތުމަށް އިޒްރާއިލުން އިންޒާރުދީފިއެވެ.

އިޒްރާއީލުން ހަރުކަށި ފިޔަވަޅުތަކަކާއެކު ރަފަހް ބޯޑަރު ވަގުތީ ގޮތުން ހުޅުވާލުމާ ގުޅިގެން ޣައްޒާއަށް އެނބުރި ދިޔަ ފަލަސްތީނުގެ އަންހެނަކު ބުނެފައިވަނީ، ޣައްޒާގެ ރައްޔިތުން އެ ސަރަހައްދު ދޫކޮށް ދިއުމަށް ތައްޔާރުވުމަށް އިޒްރާއީލުގެ ސިފައިން ވަނީ އިންޒާރު ދީފައިވާކަމަށެވެ.

 މިއީ ފަލަސްތީނުގެ ރައްޔިތުން މަޖުބޫރުން ބޭރުކޮށް، ޣައްޒާގެ މައްޗަށް ވެރިވެގަތުމަށް އިޒްރާއީލުން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށް ބެލެވެއެވެ.

މި ހަފްތާގައި އެނބުރި ދިޔަ ފުރަތަމަ ގްރޫޕުގައި ހިމެނޭ މި އަންހެން މީހާ ބުނި ގޮތުގައި، އިޒްރާއީލުގެ އިންޓަރޮގޭޓަރު އޭނާގެ ކައިރީގައި ބުނީ ޚާން ޔޫނިސްގެ އަލް-މަވާސީ ސަރަހައްދުގައި ތިބި މީހުން ޣައްޒާ ދޫކޮށް ދިއުމަށް ތައްޔާރުވުމަށް ބުނުމަށެވެ. 20 މަސް ދުވަހަށް ފަހު ރަފަހް ބޯޑަރު ހުޅުވާލި ފުރަތަމަ ދުވަހު ޣައްޒާއަށް އެތެރެވީ އެންމެ 12 މީހުންނެވެ. މި ދަތުރަށް 20 ގަޑިއިރު ހޭދަވިއިރު، އިޒްރާއީލުން ވަނީ ވަރަށް ހަރުކަށި ޗެކްޕޮއިންޓްތަކެއް ގާއިމުކޮށްފައެވެ.

އިޒްރާއީލުން ހުއްދަ ދީފައިވަނީ ހާލު ސީރިއަސް އެންމެ ފަސް ބަލިމީހުންނަށް ޣައްޒާއިން ބޭރަށް ދިއުމަށެވެ. އަލް-ޝިފާ ހޮސްޕިޓަލުގެ ޑައިރެކްޓަރު ޑރ. މުޙައްމަދު އަބޫ ސަލްމިއްޔާ ވިދާޅުވީ، ވަގުތުން ބޭރުން ފަރުވާ ހޯދަންޖެހޭ 450 ބަލިމީހުން އެބަތިބި ކަމަށެވެ. އަދި ޖުމްލަ 20,000 ބަލިމީހުން ތިބިއިރު، އޭގެ ތެރޭގައި 4,500 ކުޑަކުދިން ހިމެނޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި، ބޯޑަރު ބަންދުކޮށްފައި އޮތުމުގެ ސަބަބުން ބޭރަށް ފަރުވާއަށް ނުދެވި 1,268 މީހުން ވަނީ މަރުވެފައެވެ. މީގެ އިތުރުން 6,000 ޒަޚަމްވެފައިވާ މީހުންނަށް އަވަސް ފަރުވާ ބޭނުންވާއިރު، މިހާރު ކަންކަން ކުރިއަށްދާ ލަސް ދުވެލީގައި މި އެންމެން ބޭރަށް ފޮނުވުމަށް އެތައް އަހަރެއް ނަގާނެއެވެ. ޑރ. އަބޫ ސަލްމިއްޔާ ވިދާޅުވީ ދުވާލަކު މަދުވެގެން 500 މީހުން ބޭރަށް ފޮނުވަން ޖެހޭ ކަމަށެވެ.

ޑރ. އަބޫ ސަލްމިއްޔާ ތުހުމަތު ކުރެއްވި ގޮތުގައި އިޒްރާއީލުން ވަނީ ޣައްޒާގެ ޞިއްޙީ ނިޒާމު މުޅިން ސުންނާފަތިކޮށްފައެވެ. ހޮސްޕިޓަލްތަކުގައި ބޭހާއި، މެޑިކަލް ސާމާނާއި މުވައްޒަފުން ވަނީ އިންތިހާއަށް މަދުވެފައެވެ. "ބަލިމީހުން ބޭރަށް ދިއުން ހުއްޓުވުމަކީ އެމީހުން މަރާލުމަށް އިޒްރާއީލުން ދީފައިވާ އަމުރެއް. މިއީ ރޭވިގެން ހިންގާ ގަތުލުއާންމެއް،" އޭނާ ވިދާޅުވިއެވެ.

އިޒްރާއީލުން އަދިވެސް ދަނީ އެމްބިއުލަންސްތަކާއި، ވޮލަންޓިއަރު ޑޮކްޓަރުން އަދި ޞިއްޙީ ސާމާނު ޣައްޒާއަށް އެތެރެވުން ހުއްޓުވަމުންނެވެ. ޞިއްޙީ އިދާރާތަކުން އިންޒާރު ދޭ ގޮތުގައި، ބަލިމީހުންނަށް ބޭރަށް ދިއުމުގެ ހުއްދަ ވަގުތުން ނުދީފިނަމަ، ފަރުވާ ނުލިބި މަރުވާ މީހުންގެ އަދަދު ކުރިއަށް އޮތް ދުވަސްތަކުގައި އިތުރުވެގެންދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450