ދުނިޔެ
ޣައްޒާގައި ޣައިރުޤާނޫނީ އާބާދުވުންތައް ބިނާކުރުމަށް ގޮވާލައި އިޒްރާއީލުގެ ވަޒަންވެރިން ހިނގާލުމެއް ބާއްވައިފި
އިޒްރާއިލުގެ ވަޒަންވެރިން ބޭއްވި ހިނގާލުމުގެ ތެރެއިން
ޣައްޒާގައި އިޒްރާއީލުގެ ޣައިރުޤާނޫނީ އާބާދުވުންތައް އަލުން ބިނާކުރުމަށާއި، އެ ސަރަހައްދު ހިފުމަށް ގޮވާލައި އެތައް ސަތޭކަ ވަޒަންވެރިންނެއް ކުޑަކުދިންނާއެކު ބުރާސްފަތި ދުވަހު ޣައްޒާގެ ބޯޑަރު ކައިރީގައި ހިނގާލުމެއް ބާއްވައިފިއެވެ.
މި ހަރަކާތް އިންތިޒާމުކުރި 'ނަހާލާ މޫވްމަންޓް' އިން ބުނި ގޮތުގައި، ގާތްގަނޑަކަށް 1,500 އެއްހާ ވަޒަންވެރިން އިޒްރާއީލުގެ ދިދަތަކާއެކު މި ހަރަކާތުގައި ބައިވެރިވެފައިވެއެވެ.
ވަޒަންވެރިންގެ ލީޑަރެއް ކަމަށްވާ ޑެނިއެލާ ވައިސް މި މާރޗުގައި ވާހަކަދައްކަމުން ބުނެފައިވަނީ ޣައްޒާއަކީ އިޒްރާއީލުގެ ރައްޔިތުންގެ ތަނެއް ކަމަށާއި، މި ހަރަކާތުގެ މަޤްޞަދަކީ ޣައްޒާގައި ދާއިމީކޮށް އިޒްރާއީލުގެ ބާރުވެރިކަން ޤާއިމުކުރުމަށް ބާރުއެޅުން ކަމަށެވެ. ވައިސް އިތުރަށް ބުނި ގޮތުގައި "ފަލަސްތީީނު މީހުންގެ ވާހަކަ މިހާރު ވަނީ ނިމިފަ" ކަމަށާއި، އެމީހުން އެ ސަރަހައްދު ދޫކޮށްދާނެ ދުވަސް މާ ދުރެއް ނޫން ކަމަށެވެ. މި ހަރަކާތުގައި އިޒްރާއީލުގެ ކަނާތު ފިޔައިގެ ހަރުކަށި މެންބަރެއް ކަމަށްވާ ލިމޯރ ސޮން ހާރ-މެލެކް ވެސް ބައިވެރިވެފައިވެއެވެ.
ބައިނަލްއަޤްވާމީ ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) އިން 2024 ވަނަ އަހަރު ނިންމާފައިވަނީ ފަލަސްތީނުގެ ބިންތަކުގައި އިޒްރާއީލުން ދެމިއޮތުމަކީ ޣައިރުޤާނޫނީ ކަމެއް ކަމަށާއި، އެކަން ވީހާވެސް އަވަހަކަށް ނިމުމަކަށް ގެންނަންޖެހޭނެ ކަމަށެވެ. ނަމަވެސް، 2022 ވަނަ އަހަރުން ފެށިގެން ހުޅަނގު އައްސޭރީގައި ހުރި ޣައިރުޤާނޫނީ އާބާދުވުންތަކުގެ އަދަދު ވަނީ 141 އިން 210 އަށް އިތުރުވެފައެވެ.
އިޒްރާއީލުގެ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއް ކަމަށްވާ ބީޓްސެލެމް އިން ހާމަކޮށްފައިވާ ގޮތުގައި، ވަޒަންވެރިން ދަނީ ކޮންމެ ދުވަހަކު ފަލަސްތީނު ރައްޔިތުންނަށް ހަމަލާދީ، އެމީހުންގެ ދަނޑުބިންތަކާއި މުދަލަށް ގެއްލުންދެމުންނެވެ. އދ. ގެ ހިސާބުތަކުން ދައްކާ ގޮތުގައި 2023 އޮކްޓޯބަރުން ފެށިގެން 2025 އޮކްޓޯބަރާ ހަމައަށް އިޒްރާއީލު ސިފައިންނާއި ވަޒަންވެރިން ދިން ހަމަލާތަކުގައި 1,000 އަށްވުރެ ގިނަ ފަލަސްތީނު މީހުން ވަނީ ޝަހީދުވެފައެވެ.
މި މާރޗު ބާއްވާފައިވަނީ އޮކްޓޯބަރު މަހު އަމަލުކުރަން ފެށި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އިޒްރާއީލުން ޚިލާފުވަމުންދާ ދަނޑިވަޅެއްގައެވެ. މި ހަމަލާތަކުގައި އެތައް ސަތޭކަ އާންމުންނެއް މަރުވަމުންދާއިރު، ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށްވެސް އިޒްރާއީލުން ދަނީ ހުރަސްއަޅަމުންނެވެ.