ދުނިޔެ
73 އަހަރަށްފަހު ސައުދީގައި ދިރިއުޅޭ ބޭރުގެ މަހުޖަނުންނަށް ބަނގުރާ ގަނެވޭގޮތަށް ހަމަޖައްސައިފި
ސައުދީ ޢަރަބިޔާ
ސައުދީ އަރަބިއްޔާގައި ބަނގުރާ މަނާކޮށްފައި އޮތް 73 އަހަރުވީ އުސޫލަށް ބޮޑު ބަދަލެއް ގެނެސް، އެ ގައުމުގައި ދިރިއުޅޭ މުއްސަނދި ބޭރުގެ ޣައިރު މުސްލިމުންނަށް ބަނގުރާ ގަނެވޭގޮތަށް ސިއްރު ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ.
ރިޔާޒުގެ ޑިޕްލޮމެޓިކް ކުއާޓާގައި ހުންނަ، ބޭރުފުށުން އެއްވެސް ނިޝާނެއް ނެތް އިމާރާތެއްގެ ތެރޭގައި ހުޅުވާފައިވާ ކުޑަ ފިހާރައަކުން މިހާރު އަންނަނީ ޝަރުތު ހަމަވާ ފަރާތްތަކަށް ބަނގުރާ ވިއްކަމުންނެވެ. މިއީ އިސްލާމްދީނުގެ އެންމެ މުގައްދަސް ދެ ބިނާ ހުންނަ ސައުދީ އަރަބިއްޔާގައި 1952 ވަނަ އަހަރުން ފެށިގެން ބަނގުރާ މަނާކޮށްފައި އޮތް އޮތުމަށް ގެނައި ތާރީޚީ ބަދަލެކެވެ.
މި ފިހާރަ އެންމެ ފުރަތަމަ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ހުޅުވީ ހަމައެކަނި ޣައިރު މުސްލިމް ސަފީރުންނަށް (ޑިޕްލޮމެޓުންނަށް) ބަނގުރާ ލިބޭގޮތަށެވެ. ނަމަވެސް، 2025 ވަނަ އަހަރުގެ ފަހުކޮޅު އެއްވެސް ރަސްމީ އިޢުލާނެއް ކުރުމެއްނެތި އަމަލުކުރަން ފެށި އައު ގަވާއިދުތަކުގެ ދަށުން، އެ ގައުމުގައި ދިރިއުޅޭ މުއްސަނދި ޣައިރު މުސްލިމް ބޭރު މީހުންނަށްވެސް މިހާރު އެ ފިހާރައިން ބަނގުރާ ގަނެވޭނެއެވެ.
މި ފިހާރައިން ތަކެތި ގަތުމުގެ ހުއްދަ ލިބެނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ މީހުންނަށެވެ. އޭގެ ތެރޭގައި:
- އަހަރަކު 100،000 ސައުދީ ރިޔާލަ (ގާތްގަނޑަކަށް 27،000 ޑޮލަރު) ދައްކައިގެން 'ޕްރީމިއަމް ރެސިޑެންސީ' ހޯދާފައިވާ ފަރާތްތައް.
- މަހަކު މަދުވެގެން 50،000 ސައުދީ ރިޔާލަ މުސާރައިގެ ގޮތުގައި ލިބޭކަން ސާބިތުކޮށްދޭ ފަރާތްތައް.
މި ފިހާރައަށް ވަންނަ ކޮންމެ މީހަކުވެސް އެމީހެއްގެ ރެސިޑެންޓް އައިޑީ ކާޑު ސެކިއުރިޓީ ގާޑުންނަށް ދައްކަން ޖެހެއެވެ. އެ ކާޑުގައި އެމީހެއްގެ ދީނާއި، ގައުމުގައި އުޅުމުގެ ހުއްދަ އޮތް މިންވަރު ބަޔާންކޮށްފައި އޮންނަންޖެހެއެވެ.
ސައުދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާންގެ އިސްނެންގެވުމުގެ ދަށުން އެ ގައުމަށް ގެންނަވަމުންދާ އިޖުތިމާއީ އަދި އިގްތިސާދީ އިސްލާހީ ބަދަލުތަކުގެ ތެރޭގައި، މީގެ ކުރިން ވަނީ ސިނަމާތައް ހުޅުވައި، މިއުޒިކް ފެސްޓިވަލްތައް ބާއްވައި، އަދި އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަވެސް ދީފައެވެ. ދިރާސާ ކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި، މިހާރު މި ގެނައި ބަދަލަކީ ކުރިއަށް އޮތް ތަނުގައި ފަތުރުވެރިންނަށްވެސް ބަނގުރާ ލިބޭނެ ގޮތް ހެދުމަށް އެޅި ފުރަތަމަ ފިޔަވަޅެވެ.