ދުނިޔެ

އިސްލާމްއާބާދުގެ މިސްކިތަކަށް ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި 31 މީހުން މަރުވެއްޖެ

އިސްލާމްއާބާދުގެ މިސްކިތަކަށް ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި 31 މީހުން މަރުވެއްޖެ

ހަމަލާގައި އަނިޔާވި މީހެއް ފަރުވާއަށް ގެންދަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

06 ފެބްރުއަރީ 2026، 08:22

06 ފެބްރުއަރީ 2026، 08:22

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ޝިއައީ މިސްކިތަކަށް ދިން ޖާނުން ފިދާވުމުގެ ނުރައްކާތެރި ހަމަލާއެއްގައި މަދުވެގެން 31 މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.

މިއީ ފަހުގެ ތާރީޚެއްގައި އެ ގައުމުގެ ވެރިރަށުގައި ހިނގި މިފަދަ އެންމެ ނުރައްކާތެރި އެއް ހާދިސާއެވެ.

މި ބާރުގަދަ ގޮވުން ގޮވާފައިވަނީ އިސްލާމްއާބާދުގެ އިރުދެކުނު ތަރްލައި ކަލާން ސަރަހައްދުގައި ހުންނަ ޚަދީޖާ ތުލް ކުބްރާ މިސްކިތުގައި ހުކުރު ނަމާދު ވަގުތުގައެވެ. ސަލާމަތީ ބާރުތަކުން މައުލޫމާތު ދޭ ގޮތުގައި، ހަމަލާދިން މީހާ ގޮއްވާލާފައިވަނީ މިސްކިތުގެ ދޮރުމަތިން އޭނާ ހުއްޓުވަން މަސައްކަތް ކުރުމުންނެވެ. އިސްލާމްއާބާދު އެޑްމިނިސްޓްރޭޝަނުން ބުނި ގޮތުގައި މި ހާދިސާއާ ގުޅިގެން 169 މީހުން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ޕާކިސްތާނުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އިސްހާގް ދާރު މި ހަމަލާ ކުށްވެރިކުރައްވަމުން ވިދާޅުވީ، މިއީ "ކުށެއް ނެތް އަޅުވެރިންނަށް އަމާޒުކޮށްދިން ފިނޑި ހަމަލާއެއް" ކަމަށެވެ. އަދި އަޅުކަންކުރާ ތަންތަނަށް ހަމަލާދިނުމަކީ އިންސާނިއްޔަތާ ހިލާފު ބޮޑު ކުށެއް ކަމަށާއި، ޓެރަރިޒަމާ ދެކޮޅަށް ޕާކިސްތާން އޮތީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ. ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވެސް ވަނީ މި ހާދިސާއާ ގުޅިގެން ފުން ހިތާމަ ފާޅުކުރައްވާފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، މިސްކިތުގެ ތެރޭގައި ލޭގެ ކަނޑެއް އޮތްއިރު، ބިއްލޫރިތަކާއި ކުނިބުނިތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ހަށިތައް ވަނީ ފެންނާށެވެ. ހޮސްޕިޓަލްތަކަށް ޒަޚަމްވެފައިވާ މީހުން ގެންދެވުނުއިރު، އޭގެ ތެރޭގައި ކުޑަކުދިންނާއި ބޮޑެތި މީހުން ހިމެނެއެވެ. ގިނަ ބަޔަކު ގެންދެވުނީ އާންމު އުޅަނދުފަހަރުގައާއި އެމްބިއުލާންސްތަކުގައެވެ.

ބައިނަލްއަގުވާމީ ދުނިޔެއިން ވެސް މި ހަމަލާ ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އިނގިރޭސިވިލާތުން ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭން މެރިއަޓް މި ހަމަލާއަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އިރު، ޔޫރަޕިއަން ޔޫނިއަންގެ ވަފުދުން ވެސް ވަނީ ޓެރަރިޒަމްގެ ހުރިހާ އަމަލެއް ކުށްވެރިކޮށް، މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުވާފައެވެ.

މީގެ ކުރިން ވެސް އިސްލާމްއާބާދަށް ވަނީ މިފަދަ ނުރައްކާތެރި ހަމަލާތައް އަމާޒުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ކޯޓު ކޮމްޕްލެކްސްއަކަށް ދިން ހަމަލާގައި 12 މީހުން މަރުވެފައިވާއިރު، 2008 ވަނަ އަހަރު މެރިއޮޓް ހޮޓަލަށް ދިން ހަމަލާގައި 63 މީހުން މަރުވެފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450