Ads by Stelco

ޚަބަރު

ރާއްޖޭގައި ބިނާކުރެވޭ އެންމެ ބޮޑު މިސްކިތުގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހު ފަށަނީ

ރާއްޖޭގައި ބިނާކުރެވޭ އެންމެ ބޮޑު މިސްކިތުގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހު ފަށަނީ

މިސްކިތުގެ ކުރެހުމެއް/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

07 ފެބްރުއަރީ 2026، 11:06

07 ފެބްރުއަރީ 2026، 11:06

ހުޅުމާލޭގައި ބިނާކުރާ ގްރޭންޑް މޮސްކް ނުވަތަ ބޮޑު މިސްކިތުގެ ޢަމަލީ މަސައްކަތް 13 ސެޕްޓެމްބަރު 2026 ގައި ފެށިގެންދާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާނުގައި އިޢުލާންކުރެއްވި މި ބޮޑު މިސްކިތް ބިނާކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރުފުރޭ މުނާސަބަތާ ގުޅުވައިގެންނެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މި މިސްކިތް ބިނާކުރާނީ ކޮމްޕްލެކްސްގައި ވަޤުފު ބިނާތަކާއި ކޮމާޝަލް ބިލްޑިންގއާއި ޕާކިންވެސް ހިމެނޭހެން ކަމަށެވެ. ހަމަ އެހެންމެ، ވަޤުފު ޢިމާރާތުން ލިބޭ ނަފާ ހޭދަކުރެވިގެންދާނީ ރާއްޖޭގެ އިސްލާމީ ކަންތައްތަކަށް ކަމަށާއި، ޤުރުއާން މިއުޒިޔަމަކާއި އެހެނިހެން މުހިންމު ކަންކަން ވެސް މިސްކިތުގައި ހިމެނޭނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މި މިސްކިތުގެ ކޮންސެޕްޓްގެ މަސައްކަތް މިހާރު ނިމިފައިވާއިރު، މިހާރު ކުރިއަށް ދަނީ ތަފްޞީލު ޑިޒައިން އެކުލަވައިލުމުގެ މަސައްކަތްކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި މި މަޝްރޫޢަށް ރާއްޖެއިން ބޭރުގެ ހެޔޮ އެދޭ ފަރާތެއްގެ ފަންޑު ހަމަޖެހިފައިވާ ކަމަށާއި، މިއީ ރާއްޖޭގެ މުސްތަޤުބަލަށްޓަކައި ރާއްޖޭގައި ޤާއިމުކުރެވޭ ވަރަށް މުހިންމު އިސްލާމީ މަޝްރޫޢަކަށް ވެގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ، މިސްކިތް ޑިޒައިން ކުރަމުންދަަނީ ރާއްޖެއިން ބޭރުގެ ކަމުގެ ތަޖުރިބާކާރުންކަމަށާއި، މި މަޝްރޫޢުގެ ހުރިހާ މަރުޙަލާއަކަށް ފަންޑުކުރަނީ މިސްކިތުގެ މަޝްރޫޢަށް ފަންޑުކުރާ ފާރާތުންކަމަށެވެ. އަދި މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އެބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، މި މިސްކިތުގައި ގާތްގަނޑަކަށް 10 ހާސް މީހުންނަށް ނަމާދުކުރެވޭނެކަމަށް ލަފާކުރެވޭ ކަމަށާއި، މިސްކިތުގެ ޑިޒައިން އެއްކޮށް ނިމުމުން ޢަދަދު ކަށަވަރުވެގެންދާނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، މިއީ ރާއްޖޭގައި ބިނާކުރެވޭނެ އެންމެ ބޮޑު އެއް މިސްކިތަށް ވެގެންދާނެކަމަށާއި، މި މިސްކިތް ބިނާކުރެވިގެންދާނީ ހުޅުމާލޭ ފޭސް 2 އަދި ފޭސް 3 ދެމެދުގައިކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި އިސްލާމީ ދާއިރާއިން ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450