ޚަބަރު
ގުޅިފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން %87 ޕްލޮޓްގެ ރެޖިސްޓްރީ ދޫކޮށްފި
ގުޅިފަޅުން ދޫކޮށްފައިވާ ބިންތައް ސާފުކޮށް އިންވަކިކުރުން / ފޮޓޯ: ޕީއެސްއެމް
ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން 87 އިންސައްތަ ޕްލޮޓްގެ ރެޖިސްޓްރީ މިހާތަނަށް ދޫކޮށްފައިވާ ކަމަށް ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ޖުމްލަ 3,548 ޕްލޮޓެއްގެ ރެޖިސްޓްރީ ދޫކުރުމަށް ހަމަޖެހިފައިވެއެވެ. އޭގެ ތެރެއިން މިހާތަނަށް ވަނީ 3,086 ރެޖިސްޓްރީއެއް ޙަވާލުކޮށް ނިންމާފައެވެ.
މީގެއިތުރުން، ބިން ޙަވާލުކުރުމުގެ މަސައްކަތަށް ބަލާއިރު މިހާތަނަށް 1,393 ބިމެއް ވަނީ ޙައްޤުވެރިންނާ ޙަވާލުކޮށްފައެވެ. މިއީ ޙަވާލުކުރަންޖެހޭ ޖުމްލަ އަދަދުގެ 39.3 އިންސައްތައެވެ.
އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، ގުޅިފަޅުން ލިބިފައިވާ ގޯތި ޙަވާލުކުރިކަމުގެ ލިޔުން "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް މިހާރު ފަސޭހަކަމާއެކު ލިބެން ހުންނާނެ ކަމަށެވެ. އަދި ގުޅިފަޅުން ތިލަމާލެ ބްރިޖް މަޝްރޫޢަށާއި އެކިއެކި ބޭނުންތަކަށް ދޫކޮށްފައިވާ ސަރަޙައްދުގައި ހިމެނޭ ގޯތިތައް، އެ ބިންތައް ހުސްކުރެވުނުހާ އަވަހަކަށް ވެރިފަރާތްތަކާ ޙަވާލުކުރެވިގެންދާނެ ކަމަށްވެސް އެ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ހަވާލުކުރެވުނު ގޯތިތަކާއި ރަޖިސްޓަރީތަކުގެ ތަފާސްހިސާބު:
— Ministry of Infrastructure, Housing and Urban Dev. (@MIHUDmv) September 17, 2026
ގުޅިފަޅުން ލިބިފައިވާ ގޯތި ހަވާލުކުރިކަމުގެ ލިޔުން ހިޔާވެހި ޕޯޓަލް މެދުވެރިކޮށް މިހާރު ލިބޭނެއެވެ. އަދި ގުޅިފަޅުން ތިލަމާލެ ބްރިޖް މަޝްރޫޢަށާއި އެކި ބޭނުންތަކަށް ދޫކޮށްފައިވާ… pic.twitter.com/blxStalzIu
ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވުމަށް، މި ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތު އިޢުލާނު ކުރެއްވީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. މި ސިޔާސަތުގެ ދަށުން ސަރުކާރުން ވަނީ 15,000 ގޯއްޗާއި 7,900 ފްލެޓަށް ހުޅުވާލާފައެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްތައް އިޢުލާނުކުރި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުންތަކުގައި ލިބިވަޑައިގެންނެވި ޚިޔާލުފުޅުތަކަށާއި ރައްޔިތުންގެ އެދުންތަކަށް ރިޢާޔަތްކުރައްވައި، ގިނަ ބަޔަކަށް ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ފަހުން ބައެއް ކެޓަގަރީތައް ވަނީ އިތުރުކުރައްވާފައެވެ.