Ads by Stelco

ޚަބަރު

ޒުވާނުންގެ އެދުމުގެމަތިން ރާއްޖޭގެ 9 ސަރަޙައްދެއްގައި މިއަހަރު ޔޫތު ހަބު ޤާއިމުކުރަނީ

ޒުވާނުންގެ އެދުމުގެމަތިން ރާއްޖޭގެ 9 ސަރަޙައްދެއްގައި މިއަހަރު ޔޫތު ހަބު ޤާއިމުކުރަނީ

'ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް ޙަރަކާތުގެ ތެރެއިން/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

07 ފެބްރުއަރީ 2026، 11:07

07 ފެބްރުއަރީ 2026، 11:07

ޒުވާނުންގެ އެދުމުގެމަތިން ރާއްޖޭގެ 9 ސަރަޙައްދެއްގައި މިއަހަރު ޔޫތު ހަބު ޤާއިމުކުރުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 2026 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި އިއްވި ރިޔާސީ ބަޔާނުގައެވެ.

މިއަހަރަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޒުވާނުންނާ ގުޅުންހުރި ޙަރަކާތްތަކަށް އަލިއަޅުއްވާލާ ރައީސް ވިދާޅުވީ، މިހާރު ރާއްޖޭގެ ހުރިހާ ސިޓީއެއްގައި ޔޫތު ހަބު ޤާއިމުކުރުމުގެ މަސައްކަތް ހަވާލުކުރެވިފައިވާ ކަމަށެވެ. ހަމަ އެއާއެކު، އިތުރު 9 ރަށެއްގައި ވެސް ޔޫތު ހަބު ޤާއިމުކުރުމަށް ބޭނުންވާ ބިން ހަމަޖައްސައި، އެކަމުގެ ޢަމަލީ މަސައްކަތް މިއަހަރުތެރޭ ކުރިއަށް ގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ޒުވާނުން ބާރުވެރިކުރުވުމާ މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން  ވިދާޅުވީ، މި ޔޫތު ހަބުތައް ފަރުމާކުރާނީ ޒުވާނުންނާއި ގުޅުންހުރި ތަފާތު ހުނަރުވެރި ޕްރޮގްރާމްތަށް ހިންގުމާއި، ޒުވާނުންނަށް ޚާއްޞަކޮށްގެން މުނިފޫހިފިލުވުމުގެ އެކިއެކި ހަރަކާތްތައް ރާވައި އިންތިޒާމުކުރުމާއި، ޒުވާނުންނަށް ދުޅަހެޔޮ ހަށިހެޔޮ އަދި ނަފްސާނީ ގޮތުން ހިތްހަމަޖެހޭ ފަދަ މާހައުލެއް ޤާއިމުކުރެވޭނެހެން ކަމަށެވެ. އަދި ޒުވާނުންނަށް ދިމާވާ ތަފާތު މައްސަލަތަކުގައި ޔޫތު ކައުންސެލިންގ ގެ ޚިދުމަތް  ފޯރުކޮށްދެވޭނެ ތަނެއްގެ ގޮތުގައި މިތަންތަންވާނެކަމަށް ވުޒާރާއިން މަޢުލޫމާތުދެއެވެ.

މިއަހަރު ޔޫތު ހަބު ޤާއިމުކުރުމަށް ނިންމާފައިވާ 9 ރަށް:

  • ގއ. ވިލިނގިލި
  • ހއ. ދިއްދޫ
  • އދ. މަހިބަދޫ
  • ބ. އޭދަފުށި
  • ދ. ކުޑަހުވަދޫ
  • ފ. ނިލަންދޫ
  • ޅ. ފޮނަދޫ
  • ޅ. ނައިފަރު
  • ރ. އުނގޫފާރު

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ޒުވާނުންގެ ބައިވެރިވުމާއި ޝާމިލުވުން އިތުރުކުރުމަށްޓަކައި ސަރުކާރުގެ ވުޒާރާތަކުން ހިންގާ ކަންކަމުގައި ޒުވާނުންގެ ޚިޔާލު ހޯދުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށެވެ. އެގޮތުން، މި މަސައްކަތުގެ ތެރެއިން ޒުވާނުންނަށް އަމާޒުކޮށް ޔޫތު ޕާލިމަންޓް ފަދަ ހަރަކާތްތަކާއި، ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ ޒުވާނުން އަލުން މުޖުތަމަޢަށް ނެރުމުގެ މަސައްކަތްތަކަށްވެސް ސަރުކާރުން އަހަންމިއްޔަތުދޭކަން ރައީސް ފާހަގަކުރެއްވިއެވެ.

އަދި ޒުވާނުންގެ މެދުގައި ހަރުކަށި ފިކުރު ނައްތާލުމަށްޓަކައި ޒުވާނުން ހޭލުންތެރިކުރުމަށް ޕްރޮގްރާމެއް ފެށުމަށް  ނިންމާފައިކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450