ޚަބަރު
ފެބްރުއަރީ 11 ގެ ފަހުން ރޯދަ ހަދިޔާ ދޫކުރާނީ މިފްކޯ ފިހާރައިން: ވަޒީރު އާދަމް ޝަރީފް
މަސްދަޅު ކޭސް ދޫކުރުން/ފޮޓޯ: ވުޒާރާ
ފެބްރުއަރީ 11 ވަނަ ދުވަހުގެ ފަހުން ރޯދަ ހަދިޔާ ދޫކުރާނީ މިފްކޯ ފިހާރައިންކަމަށް ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަށް ދިވެހި ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތަކުގެ ތެރެއިން ގްރޭޓަރ މާލެ ސަރަޙައްދު (މާލެ، ވިލިނގިލި، އަދި ހުޅުމާލެ) ގެ ގޭބިސީތަކަށް މަސްދަޅު ދޫކުރުން މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކަނޑައެޅިފައިވާ ލޮކޭޝަންތަކުގައި ކުރިއަށްދާނެ ކަމަށެވެ. ނަމަވެސް، އެ ދުވަހަށްފަހު މި މަސައްކަތް ކުރިއަށްދާނީ މިފްކޯ ފިހާރައިންކަމަށް ވަޒީރު ވިދާޅުވިއެވެ.
ގްރޭޓަރ މާލެ ސަރަޙައްދުގައި ރަޖިސްޓްރީ ކުރެވިފައިވާ ޑޮމެސްޓިކް މީޓަރުތަކުގެ އަދަދަކީ 65،230 އެވެ. މަސްދަޅު ދޫކުރަނީ ކޮންމެ ޑޮމެސްޓިކް މީޓަރަކީ ގޭބިސީއެއް ކަމަށް ބަލައިގެންނެވެ. އެގޮތުން، މިމަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް މާލެ ސަރަހައްދުގެ 53.5 ޕަސެންޓް ގޭބިސީތަކަށް މަސްދަޅު ކޭސް ދޫކޮށްފައިވާއިރު، އެންމެ ގިނައިން މަސްދަޅު ކޭސްތައް ދޫކޮށްފައިވަނީ ގަލޮޅު ދަނޑުގައި ޤާއިމުކޮށްފައިވާ މަރުކަޒުތަކުންކަމަށް ސިޓީތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ.
ރޯދަ ހަދިޔާގެ ގޮތުގައި ދޭ މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ވުޒާރާއާއި، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް ގުޅިގެން ފެށީ ނިމިދިޔަ ޖަނަވަރީ މަހުގެ 24 ވަނަ ދުވަހުގެ ރެއެވެ. މާލެ ސަރަޙައްދުގައި މަސްދަޅު ކޭސްތައް ދޫކުރަމުންދާނީ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ރެޔަކު 20:30 އިން 23:00 އަށެވެ.
މީގެ އިތުރުން، ހުރިހާ ރަށަކަށް ކަހަލަ ގޮތަކަށް މަސްދަޅު ކޭސްތައް މިހާރު ފޮނުވާފައިވާއިރު، ރަށްރަށުގައި މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެ ރަށެއްގެ ކައުންސިލުންނެވެ.