Ads by Stelco

ޚަބަރު

ޤައިދީންގެ މަޢުލޫމާތު ބެލެހެއްޓުން ހަރުދަނާކުރެވޭނެ ސިސްޓަމެއް ތަޢާރަފުކޮށްފި

ޤައިދީންގެ މަޢުލޫމާތު ބެލެހެއްޓުން ހަރުދަނާކުރެވޭނެ ސިސްޓަމެއް ތަޢާރަފުކޮށްފި

ސިސްޓަމް އިފްތިތާޙުކުރުން/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

07 ފެބްރުއަރީ 2026، 12:11

07 ފެބްރުއަރީ 2026، 12:11

ޤައިދީންގެ މަޢުލޫމާތު ބެލެހެއްޓުން ހަރުދަނާކުރުމަށް ސްޓްރެޓީޖިކް އެކްޝަން ޕްލޭން، މައި އެމްސީއެސް ޕޯޓަލް އަދި ޕްރިޒަނަރ ޑޭޓާ މެނޭޖްމަންޓް ސިސްޓަމް އިފްތިތާޙްކޮށްފިއެވެ.

މިއީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ ހިންގުން ހަރުދަނާކޮށް، ޤައިދީންގެ މަޢުލޫމާތު ބެލެހެއްޓުން ހަރުދަނާކުރެވޭނެ ސިސްޓަމެކެވެ. މި ސިސްޓަމް އިފްތިތާޙްކޮށްދެއްވީ ދާޚިލީ ސަލާމަތާ  ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާންއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޞޮބާޙް، ޕްރޮސެކިއުޓަރ ޖެނެރަލް ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛު ޢައްބާސް ޝަރީފު، މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަޞީޙްއާއި، މޯލްޑިވްސް ކަސްޓަސް ސަރވިސްގެ ކޮމިޝަނަރ ޖެނެރަލް ފާޠިމަތު ދިޔާނާ، ކަރެކްޝަންސްގެ އެގްޒަކަޓިވް އަދި ސީނިއަރ ލެވެލްގެ އޮފިސަރުންނާއި، ސިވިލް މުވައްޒަފުން އަދި ދަޢުވަތު އެރުއްވި މެޙެމާނުން ބައިވެރިވެލެއްވިއެވެ.

މި ސިސްޓަމަކީ، މުއައްސަސާގެ ހިންގުން ހަރުދަނާކޮށް، ޒަމާނީ ވަޞީލަތްތަކުގެ އެހީގައި ޚިދުމަތްތައް ފުޅާކުރުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތްތަކެއްކަމަށް ކަރެކްޝަންސް އިން މަޢުލޫމާތުދެއެވެ. އެގޮތުން، ކަރެކްޝަންގެ ސްޓްރެޖީޓިކް އެކްޝަން  ޕްލޭނަކީ ޔޫރަޕިއަން ޔޫނިއަންގެ މާލީ އެހީތެރިކަމާއި ޔޫ.އެން.އޯ.ޑީ.ސީ ގެ ފަންނީ އެހީތެރިކަން ލިބިގެން ތައްޔާރުކުރެވިފައިވާ ޕްލޭނެއްކަމަށް ކަރެކްޝަންސް އިން ވިދާޅުވެއެވެ.

މި ޕްލޭނާ އެއްގޮތަށް ކަރެކްޝަންސް ސަރވިސްގެ މަސައްކަތްތައް ތަރުތީބުވެގެން ދިއުމުން ޖަލުތަކުގެ ނިޒާމު ވަރުގަދަވެ، ޤައިދީން އަނބުރާ މުޖުތަމަޢަށް ނެރުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާ އުޞޫލެއްގެ ދަށުން ކުރިއަށް ގެންދިއުމަށް މަގުފަހިވެގެން ދިއުމާއި އަދި އޮފިސަރުންނާއި މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ކުރިއެރުމަށް ލިބިގެންދާނެކަމަށް ދާޚިލީ ސަލަމާތާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ޕްރިޒަނަރ ޑޭޓާ މެނޭޖްމަންޓް ސިސްޓަމްއަކީވެސް ޔޫއެންއޯޑީސީ ގެ ފުރިހަމަ އެހީތެރިކަމާއެކު ތައްޔާރުކުރެވިފައިވާ ސިސްޓަމަކަށްވީއިރު، މި ސިސްޓަމްގެ ސަބަބުން ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ތިބި ޤައިދީންނާއި ބަންދުމީހުންގެ މަޢުލޫމާތުތައް އެއް ވިއުގައަކުން ފެންނަން ހުންނާނެއެވެ. އަދި މަޢުލޫމާތުތައް ފުށުއެރުމުގެ މައްސަލަތަކަށް ހައްލު ލިބި، ކޯޓުތަކާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް އަދި ދިވެހި ފުލުހުންގެ ޙިދުމަތް ފަދަ ކަމާގުޅުންހުރި އިދާރާތަކަށް ބޭނުންވާ މަޢުލޫމާތު ވަގުތުން ފޯރުކޮށްދެވި، ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދުމަތްތައް އަވަސްވެގެން ދާނެއެވެ. ހަމަ އެހެންމެ، މި ނިޒާމުގެ ތެރެއިން ޤައިދީންނާއި ބަންދުމީހުންގެ މެޑިކަލް އަދި ޕަރސަނަލް ފައިލްތައް ޑިޖިޓަލައިޒް ކުރެވި، މިހާރު މަސައްކަތްތަކަށް ހޭދަވާ ވަގުތު ކުޑަކުރެވިގެން ދާނެއެވެ.

ކަރެކްޝަންސް އިން އިތުރަށް ވިދާޅުވީ، 'މައިއެމްސީއެސް' ޕޯޓަލްއަކީ ކުރިން ބޭނުންކުރަމުންދިޔަ އީ-ސަރވިސް ޕޯރޓަލް އިތުރަށް ޒަމާނީކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ޕޯރޓަލްއެއް ކަމަށެވެ. އެގޮތުން، މި ޕޯރޓަލްއަށް އީ-ފާސް ބޭނުންކޮށްގެން ލޮގް އިން ކުރުމަށްފަހު، ކުށުގެ ރެކޯޑް ސާފުކުރުމަށް އެދުމާއި، ވަކީލުންނާއި ޢާއިލާތަކުން ޤައިދީންނާއި ބަންދުމީހުންނާ ބައްދަލުކުރުމަށް އެދުމާއި، ވަޒީފާއަށް އެދުމުގެ އިތުރުން ޤައިދީންނަށާއި ބަންދުމީހުންނަށް ފައިސާ ފޮނުވުމުގެ ޚިދުމަތް ފަސޭހަކަމާއެކު ލިބިގެންދާނެކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

މިއީ ކަރެކްޝަންސްގެ އިންފޮރމޭޝަން ޓެކްނޮލޮޖީ ޑިވިޜަންގެ މުވައްޒަފުންގެ މިންނެތް މަސައްކަތުން ތައްޔާރުކޮށްފައިވާ ޕޯރޓަލްއަކަށްވާއިރު، މި ޕޯރޓަލް ޢާންމުންނަށް ހުޅުވާލެވޭނީ މި މަހުގެ ފަހުކޮޅުގައިކަމަށް ކަރެކްޝަންސް އިން ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450